24 Jan 2013, 10:08
ޤާހިރާ (ޖަނަވަރީ 24): މިސްރުގެ ޝައިޚުލްއަޒްހަރު ޑރ. އަޙްމަދު އައްތައްޔިބު ސަޢޫދީ އަރަބިޔާ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއް ކުއްލި ގޮތަކަށް ކެންސަލް ކުރައްވައިފި އެވެ.
އަލްއަޒްހަރު ޔުނިވަސިޓީގެ ދާއިރާތަކުން ހާމަކުރާގޮތުގައި ޝައިޚުލް އަޒްހަރުގެ ސަޢޫދީ އަރަބިޔާގެ ދަތުރުފުޅު ކުއްލި ގޮތަކަށް ކެންސަލްކުރެއްވީ ސައޫދީ ސަރުކާރުން އޭނާއާއި އޭނާގެ ވަފްދުގައި ބައިވެރިވެވަޑައިގަންނަވާ އަޒްހަރު އެހެން ޢިލްމުވެރިންނާ ދެމެދު ތަފާތުކޮށް މުޢާމަލާތް ކުރާގޮތަށް ދަތުރުގެ ޓިކެޓްތައް ހަމަޖައްސާފައި އޮތުމުންނެވެ. މިގޮތުން ޝައިޚް އާއި އޭނާގެ ވަފްދު ސަޢޫދީ އަރަބިޔާއަށް ކުރައްވާ ދަތުރުފުޅުގެ ހުރިހާ ކަމެއް ޤާހިރާގެ އެއަޕޯޓްގައި ނިމި މަތިންދާބޯޓަށް އަރައިވަޑައިގަތުމާ އެކު ޝައިޚު އަޒްހަރު އިންނަވަންޖެހުނީ ބޯޓުގެ ފަސްޓް ކްލާހުގައި ކަމާއި އޭނާގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ އެހެން ޢިލްމުވެރިން ތިއްބަވަންޖެހޭނީ އިކޮނޮމީ ކްލާހުގެ ގޮނޑިތަކުގައި ކަން އެނގިވަޑައިގަތުމުން ޝައިޚް ކޯފާވެވަޑައިގެން އޭނާގެ ވަފްދާ އެކު މަތިންދާބޯޓުން ފައިބައިވަޑައިގަތީ ކަމަށް އަލްއަޒްހަރުގެ ދާއިރާތަކާ ޙަވާލާދީ އަލްޖަޒީރާ ބުނެ އެވެ.
ސަޢޫދީ ސަރުކާރުން ދަތުރުގެ ކަންތައް މިގޮތަށް ހަމަޖައްސާފައިވާތީ ޝައިޚް ވަރަށް ބޮޑަށް ހިއްޕުޅު ހަމަޖެހިވަޑައިނުގަންނެވި ކަމަށާ ޝައިޚުގެ ވަފްދުގައި ހިމެނިވަޑައިގަންވަނީ ވެސް ޝައިޚާ އެއްފެންވަރުގެ މިސްރުގެ އެންމެ ބޮޑެތި އަދި އިސްޢިލްމުވެރިން ކަމަށްވާތީ ދަތުރުގައި ވެސް ތަފާތުކުރުމަކީ ޤަބޫލުނުކުރެވޭނެ ކަމެއް ނޫންކަމަށް ޝައިޚް ދެކެވަޑައިގަންނަވާ ކަމަށް ވެސް އަލްއަޒްހަރުގެ ދާއިރާތަކުން ބުނެ އެވެ.
ޝައިޚުގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އަލްއަޒްހަރުގެ ޤާނޫނީ މުސްތަޝާރު ޑރ. މުޙައްމަދު ޢަބްދުއްސަލާމް، މިސްރުގެ ޢަރަބި ބަހުގެ މަޖްމަޢު (އަރަބި ބަހުގެ އެކަޑެމީ)ގެ ރައީސް ޑރ. ޙަސަން އައްޝާފިޢީ، މިސްރުގެ ކުރީގެ މުފްތީ ޑރ. ނަސްރު ފަރީދު ވާސިލް، މިސްރުގެ ކުރީގެ އަވްޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދުލްއަޙްމަދީ އަބުއްނޫރު، އަޒްހަރުގެ އިސްޢިލްމުވެރިއެއް ކަމަށްވާ ޑރ. މުޙައްމަދު މުޚްތާރުލް މަހްދީ، އަދި އަލްއަޒްހަރުގެ ހަދީޘް ޢިލްމުވެރިއެއް ކަމަށްވާ ޑރ. އަޙްމަދު މަޢްބަދު ޢަބްދުލްކަރީމް އެވެ.
އަޒްހަރު ޝައިޚާއި މިސްރުގެ އިސްޢިލްމުވެރިންގެ ވަފްދަށް ސައޫދީ އަރަބިޔާއަށް ވަޑައިގަތުމުގެ ދަޢްވަތު ސަޢޫދީ ސަރުކާރުން އެރުވީ ސަޢޫދީ އިސް ޢިލްމުވެރިންނާ ދީނީ ގޮތުން މަޝްވަރާ ކުރެއްވުމުގެ ފުރްސަތު އެބޭފުޅުންނަށް ދިނުމުގެ އިތުރުން ކިންގް ފައިސަލް އިސްލާމިކް ޔުނިވަރސިޓީ އިން ބާއްވާ އިނާމް ދިނުމުގެ ޙަފްލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މީގެ އިތުރުން ސަޢޫދީ ސަރުކާރުގެ ޚަރަދުގައި ޢުމާރާގެ އަޅުކަން އަދާކުރުމުގެ ފުރްސަތު ވެސް ޝައިޚަށާއި އޭނާގެ ވަފްދުގައި ހިމެނޭ މިސްރުގެ އިސް ޢިލްމުވެރިންގެ ވަފްދަށް ސައޫދީ ސަރުކާރުން ދީފައިވާ ކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)