ދިއުދިއްލީ (ޖަނަވަރީ 24): އިންޑިޔާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ބަރަހްތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ން އެ ޕާޓީގެ ޒަޢީމަކަށް ރަޖްނަތް ސިންގް އިޚްތިޔާރުކޮށްފި އެވެ.

އެ ޕާޓީގެ ޒަޢީމަކަށް މިހާތަނަށް ހުންނެވި އުމުރުން 55 އަހަރުގެ ނިތިން ޖާދްކަރީގެ ބަދަލުގައި އެމަޤާމަށް ރަޖްނަތް ސިންގް އިޚްތިޔާރު ކުރީ އެޕާޓީގެ ކައުންސިލުންނެވެ. ކައުންސިލްގެ ގިނަމެންބަރުން ވަނީ ޖަދްކަރީގެ ޒަޢާމަތުގައި ބީޖޭޕީ އަށް ކުރިއެރުން ލިބިފައިނުވާކަމަށް ބުނެ އެކަމާ ހިންހަމަނުޖެހުން ފާޅުކޮށްފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު ބީޖޭޕީގެ ވެރިކަން ވެއްޓުމަށް ފަހު މިހާތަނަށް އެޕާޓީ އަށް އިންޑިޔާގެ ވެރިކަން ލިބިފައެއްނުވެ އެވެ.

އެއަށް ފަހު ބޭއްވި ދެ އިންތިޚާބު ވެސް ކާމިޔާބުކޮށްފައި ވަނީ ބީޖޭޕީގެ ވާދަވެރި ކޮންގްރެސް ޕާޓީ އެވެ. ފާއިތުވި އަހަރުތަކުގައި ބީޖޭޕީ އަށް ރައްޔިތުންގެ ތާއީދު އިތުރުކޮށް ޕާޓީއަށް ސިޔާސީ އާރޯކަމާއި ތާޒާކަން ގެނަސް ދިނުމުގައި ޖާދްކަރީ ނާކާމިޔާބުވެވަޑައިގެންފައިވާ ކަމަށް އެ ޕާޓީގެ ނުފޫޒު ގަދަ ފަރާތްތަކުން ތުހުުމަތު ކުރެ އެވެ. ކޮންގްރެސް އަށް ވެސް ޕާލަމެންޓްގައި އައްލަބިއްޔަތު ލިބިފައިނުވާތީ އެޕާޓީން ވެސް ވެރިކަންކުރަނީ އެހެން ބައެއް ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން އެޕާޓީތަކުގެ ތާއީދާއެކު ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދައިގެންނެވެ.

މީގެއިތުރުން ޖާދްކަރީގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކެއް ވެސް ކުރެވިފަ އެވެ. އެއީ ބީޖޭޕީގެ ފަރާތުން އިންތިޚާބުވެގެން މަހާރާޝްޓްރާގެ ޗީފް މިނިސްޓަރަކަށް އޭނާ ހުންނެވި ދުވަސްވަރު އެސްޓޭޓްގެ ދަނޑު ބިންތަކެއް ނަހަމަ ގޮތެއްގައި އޭނާގެ މިލްކިއްޔާތަކަށް ހެދުމުގެ ތުހުމަތެވެ. ބީޖޭޕީ ން އެޕާޓީގެ ޒަޢީމަކަށް އައު ބޭފުޅަކު އިޚްތިޔާރުކުރީ އިންޑިޔާގެ އާންމު އިންތިޚާބު ބޯމަތިވަމުން ދާ ދުވަސްވަރެއްގަ އެވެ. އިންޑިޔާގެ އާންމު އިންތިޚާބު އޮންނާނީ މީގެ އަހަރެއްހާ ދުވަސްފަހުންނެވެ. ބީޖޭޕީގެ އައު ޒަޢީމް ރަޖްނަތް ސިންގަކީ އުމުރުން 62 އަހަރުގެ ބޭފުޅެކެވެ. އޭނާއަކީ އުއްތުރާ ޕްރަދޭޝްގެ ޗީފް މިނިސްޓަރުކަމާއި ބީޖޭޕީގެ ރައީސް ކަން ވެސް ކުރައްވާފައިވާ ސިޔާސީ ތަޖްރިބާކާރެކެވެ.

އިންޑިޔާގެ ކޮންގްރެސް ޕާޓީން ވެސް ވަނީ އެޕާޓީގެ ނައިބު ޒަޢީމަކަށް ސޯނިޔާ ގާންދީގެ ފިރިހެން ދަރިކަލުން ރާޙުލް ގާންދީ ދާދިފަހުން އިންތިޚާބުކޮށްފަ އެވެ. އިންޑިޔާގެ ސިޔާސީ ފަރާތްތަކުން ލަފާކުރާ ގޮތުގައި ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ކޮންގްރެސް ޕާޓީ ލީޑް ކުރާނެ ކަމަށް ބެލެވެނީ ރާހުލް ގާންދީ އެވެ. (އަލްޖަޒީރާ)