24 Jan 2013, 09:49
ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރު އިންތިޚާބުކުރާއިރު މެންބަރުންގެ އަދަދު މިހާރަށް ވުރެ ގިނަ ވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބުތައް ކަވަރު ކުރާނެ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމް ކޮށްގެން ރޭ ނަސަންދުރާ ޕެލެސްހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ އެ ކޮމިޝަނުން ނަގާފައިވާ ނުރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރު މަޖިލީހަށް އިންތިޚާބުކުރަން ޖެހޭ މެންބަރުންގެ އަދަދު 77 މެންބަރުނަށް ވުރެ އިތުރުވާނެ ކަމަށެވެ. އަދި މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 12 މަސް ދުވަސް ކުރިން 2014 ވަނަ އަހަރު މަޖިލީހަށް އިންތިޚާބުކުރަން ޖެހޭ މެންބަރުންގެ އަދަދު ކަނޑައެޅުމަށް ފަހު މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އާބާދީގެ ނިސްބަތުން އިލެކްޝަންސް އިން މިދިޔަ އަހަރުގެ ނިޔަލަށް ތައްޔާރު ކޮށްފައިވާ ނުރަސްމީ ތަފާސް ހިސާބުތައްދައްކާ ގޮތުން 2014 ވަނަ އަހަރު އިންތިހާބު ކުރެވޭ ރައްޔިތުންގެ މަޖިލީހުގައި 77 މެންބަރުންނަށް ވުރެ އިތުރު ވާނެ ކަމަށް ނުރަސްމީ ތަފާސް ހިސާބުތައް ދައްކާ. އަޅުގަނޑުމެން މިހާރު ދަނީ އެ މަސައްކަތް ކުރަމުން. މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 10 މަސް ނުވަތަ 12 މަސް ދުވަސް ކުރިން އެކަން ކަނޑައަޅަން ޖެހޭނެ." އާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގައި ނަތީޖާތައް އިއުލާން ކުރަމަށް އާ ގޮތްތަކެއް ތައާރަފް ކުރުމަށް މަސައްކަތް ކުރުމުންދާ ކަމަށާއި އެގޮތުން ވޯޓުގެ ނަތީޖާތައް އޮންލައިންކޮށް ގެނެސްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސިސްޓަމް ބޭނުންކޮށްގެން ވޯޓުލާ މީހުންގެ އަދަދު ޖިންސް ވަކިން އެގޭނެގޮތަށް ވަގުތުން އަޕްޑޭޓް ކުރެވޭނެ ނިޒާމެއް ގާއިމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނަށް މި އަހަރު ލިބިފައިވާ ބަޖެޓާއި ގުޅޭ ގޮތުން އާސިމް ވިދާޅުވީ އެ ކޮމިޝަނުން މި އަހަރު ގާނޫނީ ގޮތުން އަދާ ކުރަން ޖެހޭ ވާޖިބުތައް އަދާކުރެވޭ ވަރަށް މި އަހަރު ބަޖެޓް ލިބިފައި ނުވާ ކަމަށެވެ. އަދި މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުން ބަލައިގަތުމަށް ފަހު އިތުރު ޚަރަދެއް ކުރާނެ ފައިސާ ބަޖެޓްގައި ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެކަމަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.