ވަކި އަދަދަކަށް ސިޔާސީ ޕާޓީތަކުގައި މީހުން ހިމެނުމަށް ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޖަމިއްޔާ ޖަމާއަތް ހެދުމާއި ޕާޓީތައް ހެދުމުގެ މިނިވަންކަމަށް އެޅޭ ހުރަހެއްކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދުގެ ލީޑަޝިޕްގެ ދަށުން ހިންގަމުންދާ ގައުމީ އިއްތިހާދު ޕާޓީގެ އޯކިޑު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއަދުގެ ގާނޫނުއަސާސީއަކީ ތަހުޒީބު އަދި ގިނަ ހައްގުތަކެއް ލިބިދީފައިވާ ގާނޫނުއަސާސީއެއް ކަމަށާއި އެހެންކަމުން ވަކި އަދަދަކަށް ޕާޓީތަކުގެ މީހުންގެ އަދަދު ކަނޑައެޅުމަށް ނިންމުމަކީ ޖަމިއްޔާ ޖަމާއަތް ހެދުމާއި ޕާޓީތައް ހެދުމުގެ މިނިވަންކަމަށް އެޅޭ ހުރަހެއްކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.

"ފެހި ގާނޫނުއަސާސީގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހައްގު ރައްޔިތުނަށް ލިބިގެންދޭ، އެހެންކަމުން ވަކި އަދަދަކަށް ސިޔާސީ ޕާޓިތަކުގެ މެމްބަރުން އަދަދު މަދުކުރުމަކީ މިދެންނެވި "ފުރީޑަމް އޮފް އެސޯސިއޭޝަން" އަށް އެޅޭހުރެހެއްކަމަށް އަޅުގަނޑުދެކެން، މިކަމުގައި އަޅުގަނޑުގެ ސިޔާސަތަކީ ހަމަ ސިޔާސީ ޕާޓީ ހަދަންވީ، ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ސިޔާސީ ޕާޓީ ހަދާ، އެމެރިކާ އެއޮތް ބޮޑު ގައުމުގައި ވެސް ކުދިކުދި ސިޔާސީ ޕާޓީތައް އެބަހުރި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ފައިސާއިން ކޮންމެ ސިޔާސީ ޕާޓިއަކަށް ހަރަދުކުރާކަށް ނުޖެހޭ ކަމަށާއި އެމަނިކުފާނުގެ ނަޒަރުގައި އިގްތިސާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި ރައްޔިތުންގެ ފައިސާއިން ސިޔާސީ ޕާޓީތަކަށް ހަރަދުކުރާކަށް ވެސް ނުޖެހޭ ކަމަށެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ނަމަވެސް އިންތިހާބަށް ނުކުންނަވަނީ ކޮންޕާޓީއަކާ އެއްކޮށް ކިހިނެއް ކަމެއް މިހާތަނަށް އިއުލާން ކޮށްފައި ނުވާ ރައީސް ވަހީދުގެ ވާހަކަފުޅުގައި ގިނަސިޔާސީ ޕާޓީތައް ގުޅިގެން އިއްތިހާދެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައި ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުންނާއި މިހާތަނަށް ރާއްޖެ ކޮށްފައިވާ ތަޖުރިބާއަށް ބަލައި އެއް ސިޔާސީ ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. އަދި ގައުމީ އިއްތިހާދު އުފައްދާފައިވަނީ ހަމައެކަނި އެޕާޓީ ބޮޑު ކޮށްގެން އެހެން ޕާޓީތައް އެކަހެރިކޮށް ކުރިއަށްދާކަށް ނޫން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިޕާޓީގެ ލޯގޯ، އަތުގުޅާލުން މިކަން ރަމުޒްކޮށްދެނީ ކޮންކަމެއްތޯ؟ މިޕާޓީގެ ނަން، ގައުމު، ގައުމީ އިއްތިހާދު، ގައުމުގެ އެކުވެރިކަން އެއްބައިވަންތަކަން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑުމެންގެ ފަލްސަފާއަކީ އެންމެނާ ގުޅިގެން އެއްބައިވަންތަކަމާ އެކު މިގައުމު ސުލްހަ މަސްލަސްކަމާއެކުގައި ކުރިއަށްގެންދިއުން، އަޅުގަނޑުމެންގެ މިއަދުގެ މޮޓޯއަކީ އެއީ، އަޅުގަނޑުމެން ޕާޓީގެ މަގުސަދަކީ ވަކި މީހެއް ނުވަތަ ޕާޓީ ކުރިއެރުމެއް ވެސް ނޫން" ރައީސް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީޕާޓީތައް އުފެދިފައިވަނީ "ކޮންމެވެސް މީހެއްގެ ވަށައިގެން" ކަމަށާއި އެޕާޓީ ވެސް އުފެދިފައިވަނީ އެގޮތަށް އެމަނިކުފާނުގެ ވަށައިގެން ކަމަށެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަން މިއަދު އެންމެނަށް ވެސް އެނގޭ ކަމަށާއި ސިޔާސީ ޕާޓީތައް ބޮޑުވެ ތަސައްރަފު ފުރިގެން ދިއުމުން ޕާޓީތައް ވެގެންދާނީ ވަކި ފަލްސަފާއަކަށް ތާއީދުކުރާ ބަޔަކަށް ކަމަށެވެ. އަދި އެހިސާބަށް ރާއްޖޭގެ ސިޔާސީ ޕާޓީތައް ތަރައްގީ ވެގެންދާނެ ކަމަށެވެ.

"އޯކިޑް ޖަހަގަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކާއި މަޝްހޫރު ބައެއް ފަރާތްތަކުން އެޕާޓީއަށް ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ޑރ. ފާތިން ހަމީދު އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް އާއި އެމްޓީސީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމް އަބްދުﷲ ގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާއާ އެކު ޖުމުލަ 13 ފަރާތަކުން މިރޭ ވަނީ ގައުމީ އިއްތިހާދު ޕާޓީއަށް ސޮއިކޮށްފައެވެ.

ގައުމީ އިއްތިހާދު ޕާޓީން ބުނީ މިރޭ ހުޅުވިގެންދިޔަ ޖަގަހަޔަކީ އެޕާޓީއަށް މެމްބަރުން އިތުރުކުރުމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުޅުވި ޖަގަހައެއް ކަމަށެވެ. މިރޭ އެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި މިއަދުގެ ސަރުކާރުގެ އިސްވެރިން ކަމަށް ވާ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު އަދީބް އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝާކީލާއާއި ސަރުކާރުގެ އެހެން އިސްވެރިންނާއި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައެވެ.