މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް 25 ޑޮލަރުގެ ސާވިސް ޗާޖަކާއި ދެ ޑޮލަރުގެ އިންޝުއަރެންސް ފީއެއް ނެގުމުގެ އިހުތިޔާރު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ލިބިދޭ ގޮތަށް ކޮށްފައިވާ އެގްރީމަންޓްގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކާ ނުލައި އެފަދަ ޓެކްސްއެއް ނެގުމަކީ ޣައިރު ގާނޫނީ ކަމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި މައްސަލައެއް ކޯޓަށް ވައްދައިފި އެވެ.


އެންމެ ބޮޑު އިދިކޮޅު ހަތަރު ޕާޓީ ގުޅިގެން ރާއްޖެ ޗެމްބަރުން އެ މައްސަލަ މަދަނީ ކޯޓަށް ވައްދައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.


ރާއްޖެ ޗެމްބާސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މެނުވީ އެއްވެސް ޓެކުހެއް ނުނެގޭނެ ކަމަށް ގާނޫނު އަސާސީގެ 97 ވަނަ މާއްދާގައި ވަރަށް ސޮރީހަ އިބާރާތުން ބަޔާންކޮށްފައިވާ އިރު، އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރުގެ ޓެކުހަކާއި ދެ ޑޮލަރުގެ އިންޝުއަރެންސް ފީއެއް ނެގުމުގެ އިހުތިޔާރު ލިބިދޭ ގޮތަށް ޖީއެމްއާރާ އެކު އެގްރީމަންޓްކޮށްފައި ވަނީ އެފަދަ ގާނޫނެއް ނެތި ކަމަށެވެ. އަދި އެއީ ޣައިރު ގާނޫނީ ގޮތުން ނެގުމަށް އެއްބަސްވެފައިވާ ޓެކުހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ރާއްޖެ ޗެމްބާސްގެ އޮފިޝަލް ވިދާޅުވީ އެއީ ޣައިރު ގާނޫނީ ޓެކްހެއްކަން އެންމެ ބޮޑަށް ސާބިތުވާ ކަމަކީ އެއާޕޯޓުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމަށް ނިންމާފައި ވަނީ އަދި އެކި ފަހަރު މަތީން އެ އަދަދުތަކަށް ބަދަލު ގެނެއުމަށް ނިންމާފައި ވަނީ ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.


"މިހާތަނަށް ވެސް ދެ ފަހަރެއްގެ މަތީން އެއާޕޯޓް ޓެކްސް އެބަ އޮތް އިތުރުކޮށްފައި. ފުރަތަމަ 12 ޑޮލަރު އެއީ 1978 ވަނަ އަހަރު، ހަމަ އެއީ ފާސްކުރި ގާނޫނަކުން. އޭގެ ފަހުން 18 ޑޮލަރު، 2009 ވަނަ އަހަރު،" ރާއްޖެ ޗެމްބަރުގެ އޮފިޝަލް ވިދާޅުވި އެވެ.


އޭގެ އިތުރަށް އޭނާ ވިދާޅުވީ ދާދިފަހަކާ ޖެހެންދެން އެއާޕޯޓަށް އެރުމަށް ނެގި ދެ ރުފިޔާގެ ޓެކުހަކީ ވެސް ގާނޫނަކުން ނެގި ޓެކުހެއް ކަމަށެވެ.


އެ އުސޫލުން ބަލާއިރު ވެސް އޭނާ ވިދާޅުވީ ދިވެހި ސަރުކާރާއި އިންޑިއާގެ ޖިއެމްއާރު ކުންފުންޏާ ދެމެދު އެއްބަސް ވެގެން އެފަދަ ޓެކުހެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.


ގާނޫނު އަސާސީގެ 97 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މެނުވީ "ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެ ނޫން ވެސް އެއްޗެއް" ނަގައިގެން ނުވާނެ ކަމަށެވެ.


ނަމަވެސް ސަރުކާރާއި ޖީއެމްއާރާ ދެމެދު އެގްރީމަންޓްކޮށްފައިވާ ގޮތުގެމަތީން އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރުގެ ޓެކްސްއެއް ނެގުމުގެ އިހުތިޔާރު ޖީއެމްއާރަށް ލިބިދީފައިވާ ކަމަށް ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވަނީ ވިދާޅުވެފަ އެވެ.


އެ ގޮތަށް ޓެކްސް ނަގާ ނަމަ ދެ ޑޮލަރުގެ އިންޝުއަރެންސާއި 25 ޑޮލަރުގެ ސާވިސް ޗާޖާއި މިހާރު އެއާޕޯޓް ޓެކްސްގެ ގޮތުގައި ފަސިންޖަރެއްގެ އަތުން ނަގާ 18 ޑޮލަރާ އެކު ޖުމްލަ 45 ޑޮލަރު ކޮންމެ ފަސިންޖަރަކު ދައްކަން ޖެހޭނެ ކަމަށްވެ އެވެ.


އެއާޕޯޓް ހިންގަން ބޭރުގެ ބަޔަކަށް ދީގެން ނުވާނެ ބުނެ، ޑީއާރުޕީ އާއި ޕީއޭ އާއި ގައުމީ ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވަނީ އިއްތިހާދުވެފަ އެވެ.