ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބި ޒަމާން މާޒީވެ ހިނގައްޖެ އެވެ. އެއީ ކުރީން ރާއްޖޭގައި އަމަލު ކުރަމުން ދިޔަ ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައި އޮތް ބާރެކެވެ. ނަމަވެސް އާ ގާނޫނު އަސާސީ ވުޖޫދަށް އައި ފަހުން އިންތިޚާބަކާ ނުލައި މަޖިލީހަށް މެންބަރުން ހޮވޭނެ އެއްވެސް ގޮތެއް ނެތެވެ.

މިހާރު ރާއްޖޭގައި އަމަލު ކުރަމުން މި ދަނީ ސިޔާސީ ޕާޓީތަކުގެ ނިޒާމެކެވެ. އެންމެ ގިނައިން މަޖިލީހަށް ހޮވެނީ ޕާޓީތަކުގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނެވެ. މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕާޓީގެ ޕްރައިމަރީއެއް ބޭއްވުމަކީ ދުނިޔޭގެ ސިޔާސީ ލީޑަރުން ގަބޫލު ކުރަމުން އަންނަ ގޮތެވެ. ޕްރައިމަރީއަކާ ނުލައި، ތިމާ ހިތްއެދޭ މީހަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި ނަމަ އެއީ ކުރިން އޮންނަ ފަދައިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް މެންބަރުން އައްޔަންކުރާ ކުރުމާ ދާދި އެއްގޮތަކަށް ކުރެވޭ ކަމެއް ކަން ޔަގީނެވެ.

އެމްޑީޕީން މި އަހަރު ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ 2014 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި މިހާރު ތިއްބެވި 30 މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި އިންތިޚާބުގައި ވާދަކުރެވޭ ގޮތަށް ހަމަޖެއްސުމަށް ޕާޓީގެ ގައުމީ މަޖިލީހަށް އޭނާ ހުށަހަޅުއްވާނެ ކަމަށެވެ. ސާޅީސް ހާސް މެންބަރުން ތިބި ސިޔާސީ ޕާޓީއެއްގެ ޗެއާޕާސަން މި ނިންމެވި ނިންމެވުމަކީ ރާއްޖެ އަށް މިހާރު އައިސްފައިވާ ޒަމާނީ ޑިމޮކްރެސީ ފުނޑުފުނޑު ވެގެންދާނެ ކަމެއްގެ ގޮތުގައި ފެނިގެން ދިޔުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތް އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޕާޓީގެ ޓިކެޓްގައި ގޮނޑި ކާމިޔާބުކުރައްވައި މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވުމުގެ ހުވަފެންތައް ދެކެމުންދާ އެތައް މެންބަރުންނެއް ތިބޭނެ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. މޫސަގެ މިނިންމެވުމުގެ ސަބަބުން ދެން ކަންތައް ވެގެން ދާނީ ކިހިނެއް ބާ އެވެ.

ޑީއާރްޕީގައި ހުންނެވި އިރު ވެސް ޕްރައިމަރީއެއް ބާއްވައިގެން ނޫނީ ރިޔާސީ ކެންޑިޑޭޓް ކަމުގެ ޓިކެޓް ނުދިނުމަށް ވަކާލާތު ކުރައްވަމުން ގެންދެވި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވިގޮތުގައި ރީކޯ މޫސާ މަނިކު އެގޮތަށް ހުންނެވުމުން އެކަމުން އެނގިގެން ދަނީ އެމްޑީޕީއަކީ ޑިމޮކްރެސީގެ އުސޫލުން ހިންގަމުން އަންނަ ޕާޓީއެއް ނޫންކަން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީއަށް ޚިދުމަތް ކޮށްފައިވާ އެތައް ބަޔަކު ތިބިއިރު އެމީހުންނަށް މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ދޮރު ބަންދު ކުރުމަކީ ޑިމޮކްރަސީއާ ޚިލާފު އަމަލަކަށް ވާތީ އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

"ޕާޓީއަށް ޚިދުމަތް ކޮށްކޮށް ތިބި އެތަކެއް ބަޔަކު އެބަބޭނުންވޭ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން. ނަމަވެސް އެދޮރު ބަންދުވާ ގޮތަށް އަމަލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ ޑިމޮކްރަސީއާ މުޅިން ޚިލާފު ކަމެއް. އެގޮތަށް ހައްދަވަން އެ އުޅުއްވަނީ އެބޭފުޅުނަށް އެނގޭ ދެން ޕްރައިމަރީއެއް ބާއްވައިފި ނަމަ ތިމަންނަމެން ދެން ނޮހޮވޭނެކަން،" ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލް އަލުން އިސްލާހު ކުރުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް އަނބުރައި ފޮނުއްވައިފައިވާ އިރު، އެ ބިލުގައިވާ ގޮތުން ގާނޫނު އަސާސީގެ ދަށުން ބާއްވާ އިންތިޚާބުތަކުގައި ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހަމަޖެއްސުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ވަނީ ދީފަ އެވެ. ބޮޑެތި ސިޔާސީ ޕާޓީތަކުގެ މެންބަރުން ވޯޓުދެއްވައިގެން ފާސްކުރި އެ ބިލުގައި އެކަން އެ ގޮތަށް ހިމަނައިފައި ވަނީ އެ ޕާޓީތަކުން ހިތު ހުރިހާ ގޮތަކަށް އަމަލު ކުރުމުގެ ބޭނުމުގައި ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

ސިޔާސީ ޕާޓީތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެތައް ބަޔަކު ދަނީ އެބިލް އިސްލާހު ކުރުމަށް ގޮވައިލަމުންނެވެ.

ޑީއާރްޕީގެ ޕާލަމެޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ޕްރައިމަރީއަކާ ނުލައި އިންތިޚާބުތަކުގައި ވާދަކުރާ ޓިކެޓް ލިބޭ ގޮތަށް އޮތުމަކީ އެއީ ޑިމޮކްރެސީއާ ޚިލާފުކަމެއް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި އަސާސީ ގަވައިދުގައި ހިމަނައި ޕާޓީގެ ފަރާތުން އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލުމަކީ މައްސަލައެއް ނޫނެވެ.

"ޑިމޮކްރަސީ އަކީ ވަރަށް ކޮޅުކޮޅަށް ދަމައިލެވޭ އެއްޗެއް. ޑިމޮކްރެސީއަކީ ތަފާތު ފުރުސަތުތައް ވީހާ ގިނަ ބަޔަކަށް ހުޅުވިގެން ދިޔުން. މިސާލަކަށް އެއް ޕާޓީއެއްގެ އަސާސީ ގަވާއިދުގައި އޮތީ ޕްރައިމަރީއަކާ ނުލައޭ އެޕާޓީގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ކަންތައް އޮތީ. އަނެއް ޕާޓީގައި އޮތީ ޕްރައިމަރީއަކުންނޭ. އެއީ މައްސަލައެއް ނޫން،" މައުސޫމް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ފަރާތުން ކޮންގްރެސްގައި ބައިވެރިވި މަންދޫބުން ވަނީ ޕްރައިމަރީއަކާ ނުލައި މަޖިލީސް މެންބަރުންނަށް އައު ދައުރަކަށް ވާދަކުރުމުގެ ޓިކެޓް ދިނުމަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކަނޑައަޅައިފައެވެ. އަތޮޅުތެރޭގެ ރަށްތަކުން މަންދޫބުން ބައިވެރިކޮށްގެން ބޭއްވި އެ ކޮންގްރެސްގައި ވަނީ މިހާރު ތިބި މަޖިލީސް މެންބަރުންނަށް ދެން ބާއްވާ އިންތިޚާބެއްގައި ޕްރައިމަރީއަކާ ނުލައި އޮޓަމެޓިކުން ޓިކެޓް ލިބޭ ގޮތަށް އިސްލާހެއް ހުށަހަޅާފަ އެވެ. ނަމަވެސް އެ އިސްލާހަށް އެންމެ ދެ މީހުން ފިޔަވައި އެއްވެސް ފަރާތެއްގެ ތާއީދު ނުލިބުމުން އެ އިސްލާހު ވަނީ ފާސްވާ ގޮތް ނުވެފަ އެވެ. އަދި އެ އިސްލާހަށް ވޯޓު ދެއްވި ދެ މެންބަރުންނާ ދެކޮޅަށް އެވަގުތު އެހެން މެންބަރުން ދިޔައީ އަޑުއުފުލަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި ޕާޓީއަށް ޚިދުމަތް ކޮށްދިން ބައެއްކަމަށް ވިދާޅުވެ މަޖިލީސް މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަކީ އެއީ އެއްވެސް ކަހަލަ ހަމަޖެހޭ އުސޫލެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޚިދުމަތް ކޮށްދިން ބައެކޭ ކިޔައިފައި އެގޮތަށް ޓިކެޓް ދިނުމަކީ ޑިމޮކްރެޓިކް އުސޫލު މުގުރާލުން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ނުކުރަން. އަނެއް ކޮޅުން ބަލާއިރު އެމްޑީޕީގެ އަސާސެއް ވެސް ނޫން އެއީ. އަޅުގަނޑަކަށް ހިއެއް ނުވޭ ކޮންގްރެސް އިން އަދި ގައުމީ މަޖިލީހުން ވެސް އެކަން އެހާ ފަސޭހައިން ފާސްވެގެންދާނެ ކަމަކަށް. އެމްޑީޕީއަށް ޚިދުމަތް ކޮށްދިން ބައެކޭ ކިޔައިފައި ޚިދުމަތް ކޮށްދޭ ހައި ބަޔަކަށް ޑިމޮކްރެޓިކް އުސޫލުތައް އަޅުގަނޑުމެން މުގުރާލާފައި އެކަން ކުރާކަށް ނުޖެހޭ. އެމްޑީޕީ އަކީ އެއަށް ވުރެ މުސްތަގިއްލުކޮށް ހިންގާ ޕާޓީއެއް،" މުސްތަފާ ވިދާޅުވި އެވެ.

ޑިމޮކްރަސީގެ ރޮނގުން ކުރިއަރަމުން އަންނަ ރާއްޖޭގައި ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ގެއްލޭ ގޮތަށް ޚުދުމުޚުތާރު ސިފަތަކެއް އަށަގަނެވޭ ފަދަ ގޮތަކަށް އަމަލު ކުރާނަމަ އެކަމުގެ ނުބައި ނަތީޖާ ކައިރިމުސްތަގުބަލެއްގައި ފެނިގެން ދިޔުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.