23 Jan 2013, 22:15
ޓެލްއަވީވް (ޖަނަވަރީ 23): އިސްރާއީލުގެ އިންތިޚާބު އެކަހެރި ގޮތެއްގައި ކާމިޔާބު ކުރެއްވުމަށް ނުކުޅެދި ވަޑައިގެންފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ، އޭނާގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ވާދަވެރި އެހެން ޕާޓީތަކާ އެކު ފުޅާދާއިރާއެއްގެ ކޯލިޝަން ސަރުކާރެއް އެކުލަވާލަން ބޭނުންވާކަން ހާމަކުރައްވައިފި އެވެ.
އިސްރާއީލުގެ އިންޚާބު ކާމިޔާބު ކުރެއްވުމަށް ނުކުޅެދި ވަޑައިގަތްކަން އެނގިވަޑައިގަތުމާ އެކު ދެއްވި ބަޔާނެއްގައި ނަތަނިޔާހޫ ވިދާޅުވީ ވާދަވެރި އެހެން ޕާޓީތައް ވެސް ބައިވެރިކޮށްގެން ފުޅާދާއިރާއެއްގެ ކޯލިޝަން ސަރުކާރެއް އެކުލަވާލަން އޭނާ އާއި ކުރީގެ ޚާރިޖި ވަޒީރު އިވިގެޑޯ ލިބަރމެންގެ ކަނާތުފިޔައިގެ ކޯލިޝަން އޮތީ ތައްޔާރަށް ކަމުގަ އެވެ. ފުޅާދާއިރާއެއްގެ ކޯލިޝަން ސަރުކާރެއް އެކުލަވާލެއްވުމަށް ޓަކައި ސިޔާސީ ގޮތުން ދޫތައް ދެއްވުމަށް ތައްޔާރަށް އޮތްކަމަށް ވެސް ނަތަނިޔަހޫ ވިދާޅުވި އެވެ.
އަންގާރަ ދުވަހު ބޭއްވި އިސްރާއީލުގެ ޢާންމު އިންތިޚާބުގެ ވޯޓުތައް ގުނައި ނިމިފައިވާ އިރު ނަތަނިޔާހޫގެ ލިކުޑް ޕާޓީ އާއި އިސްރާއީލުގެ ކުރީގެ ޚާރިޖި ވަޒީރު އިވިގެޑޯ ލިބަމެންގެ "ބައިތުނާ" ޕާޓީ ގުޅިވަޑައިގެން އުފައްދާފައިވާ ކަނާތުފިޔައިގެ ހަރުކަށި ކޯލިޝަނަށް ލިބިފައި ވަނީ އިސްރާއީލުގެ ޕާލަމެންޓްގެ 120 ގޮނޑީގެ ތެރެއިން އެންމެ 31 ގޮނޑި އެވެ. މިއީ މީގެކުރިން ބޭއްވި އިންތިޚާބުގައި މިދެޕާޓީ އަށް ލިބުނު ގޮނޑިއަށް ވުރެ ވެސް މާމަދު ގޮނޑިއެވެ. މުއްދަތު ހަމަވަމުންދާ އިސްރާއީލުގެ ޕާލަމެންޓްގައި މި ދެ ޕާޓީ އަށް 42 ގޮނޑި ލިބިފައިވަނިކޮށް އަލަށް ބޭއްވި އިންތިޚާބުގައި އެންމެ 31 ގޮނޑި ލިބުމުން އިސްރާއީލުގެ އެންމެ ހަރުކަށި ކަނާތުފިޔައިގެ ދެ ލީޑަރުންކަމަށްވާ ނަތަނިޔާހޫ އާއި ލިބަމެން ވަނީ މާޔޫސްވެ ވަޑައިގެންފަ އެވެ.
މިދެ ބޭފުޅުންގެ ތެރެއިން ނަތަނިޔާހޫ އަކީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން އިސްރާއީލު ފޭބުމަށް ދެކޮޅު ހައްދަވާ އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ފުރްސަތު ނުދެއްވާނެ ކަމަށް ފާޅުގައި ވިދާޅުވާ ބޭފުޅެކެވެ. ލިބަރމެންއަކީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށާއި ހިފާފައިވާ ފަލަސްތީނުގެ ބިންތައް އިސްރާއީލުގެ މިލްކިއްޔާތުގައި ހިމެނުމަށް ގޮވާލައްވާ ހައްދު ފަހަނަޅާފައިވާ ބޭފުޅެކެވެ. މީގެއިތުރުން މިދެބޭފުޅުންނަކީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ވެސް ޙަމަލާ ދިނުމަށް ގޮވާލައްވާ ހަރުކަށި ދެލީޑަރުންނެވެ.
އިސްރާއީލުގެ އިންތިޚާބު މިދެ ލީޑަރުންނަށް ކާމިޔާބު ނުކުރެއްވުމަކީ އިސްރާއީލުގެ ޢާންމުންގެ މެދުގައި މިދެބޭފުޅުންގެ ހަރުކަށި އުސޫލުތަކަށް ތާއީދު ގެއްލިފައިވާ ކަން ހާމަވެގެން ދިޔަ ކަމެއް ކަމަށް މުޙައްލިލުން ދެކެ އެވެ. އިސްރާއީލުގެ އިންތިޚާބުތަކާބެހޭ މަރުކަޒީ ކޮމިޓީންވަނީ އެގައުމުގެ އިންތިޚާބު ކާމިޔާބު ކުރުމުގައި އެއްވެސް ޕާޓީއެއް ނޫނީ ކޯލިޝަނެއް އެކަހެރިގޮތެއްގައި ނުކުޅެދިފައިވާކަން ހާމަކޮށް އިންތިޚާބު ކާމިޔާބު ކުރީ ނަތަނިޔާހޫގެ ކަނާތުފިޔައިގެ ކޯލިޝަނާއި ސެންޓާ ލެފްޓް ކޯލިޝަން ކަން އިޢްލާންކޮށްފަ އެވެ.
މި ދެ ކޯލިޝަންގެ ތެރެއިން ކޮންމެ ކޯލިޝަނަކަށް ވެސް ލިބިފައި ވަނީ ޕާލަމެންޓްގެ 120 ގޮނޑީގެ ތެރެއިން އެންމެ 31 ގޮނޑިއެވެ. ދެ ކޯލިޝަން އެއްކޮށްލުމުން ޕަލަމެންޓްގެ އަޣްލަބިއްޔަތު ލިބޭތީ އިންތިޚާބު ކާމިޔާބު ކުރީ މިދެކޯލިޝަން ކަމަށް އިސްރާއީލުގެ އިންތިޚާބުތަކާ ބެހޭ މަރުކަޒީ ކޮމިޓީން ވަނީ ޢިއްލާންކޮށްފަ އެވެ. ނަމަވެސް ސެންޓަރ ލެފްޓް ކޯލިޝަން އަކީ މައިތިރި ސިޔާސަތުތަކެއް ގެންގުޅޭ ވާތުފިޔައިގެ ކޯލިޝަނެއް ކަމުން މިދެ ކޯލިޝަން ގުޅިގެން އިސްރާއީލުގައި އުފައްދާ ސަރުކާރެއްގައި ހަރުކަށިކަން ދެއްކުމުގެ ފުރްސަތު ނަތަނިޔާހޫ އަށް ނޯންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (އަލްޖަޒީރާ)