23 Jan 2013, 21:29
މޯލްޑިވްސް ޕޮލިސް ސާވިސް އާއި އައްޑޫ ސިޓީގެ ފުލުހުން ގުޅިގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ތަފާތު ދެ މައްސަލައެއްގައި ބައިލައްކައަށް ވުރެ ގިނަ ރުފިޔާ އާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓް ތަކަކާ އެކު ހަ މީހަކާއި ކުޑަކުއްޖަކު ހައްޔަރު ކޮށްފިއެވެ.
"އަފިރިންގެ އަމާން އައްޑޫ ސިޓީ"ގެ ނަމުގައި ފުލުހުން ހިންގާ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ އުމުރުން 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހުންނެވެ. އެމީހުންގެ ތެރޭގައި ހިމެނޭ ގާނޫނީ ގޮތުން ކުޑަ ކުއްޖާގެ އުމުރަކީ 17 އަހަރެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ހަ މީހަކު ހައްޔަރުކުރީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އިއްޔެ ހެނދުނު 10:50 ހާއިރު އައްޑޫސިޓީގެ ހިތަދޫ ތަމަންނާގެ ބަލައި ފާސްކުރުމުގެ ތެރޭގައި އެގޭ ތެރެއިން ކަމަށެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުޑަ ކުއްޖާ ހައްޔަރުކުރީ އިއްޔެ މެންދުރު 12:50 ހާއިރު އައްޑޫ ސިޓީ މަރަދޫ ތެރެއިން ކަމަށެވެ.
ފުލުހުން އިއްޔެ އައްޑޫ ސިޓީގެ ހިތަދޫ ތަމަންނާގެ ބަލައި ފާސްކުރި އިރު އެގޭ ތެރެއިން 53،538 އަށް ވުރެ ގިނަ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ނުވަ ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުދި 13 ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި ތިން ޕެކެޓުގެ އިތުރުން ކައްކައިފައި ހުރި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމް.އެލްގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންވަނީ މަސްތުވާތަކެއްޗާއި ފައިސާގެ އިތުރުން ވަގަށް ނަގައިފައިހުރި ލެޕްޓޮޕަކާއި ޕްރޮޖެކްޓަރެއް ވެސް އެގޭ ތެރެއިން ހޯދައިފައެވެ.
އެ ދެ މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.