ފެބްރުއަރީ 6، 7، ގައި ސިފައިން އަމަލު ކުރި ގޮތުން ސިފައިންގެ ގާނޫނުގައި ބުނާ ބަޣާވާތުގެ ސިފަތައް ހުރި ކަމަށް ސިފައިންގެ އިސް ބޭފުޅުން ކޮމެޓީގައި ވިދާޅުވެފައި ވާތީ، ގާނޫނުގައި ބުނާ ބަޣާވާތުގެ ވާހަކަ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނި)ގެ ރިޕޯޓްގައި ހިމަނާފައި ނުވާ ސަބަބު ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.

ދައުލަތާ ދެކޮޅަށް ސިފައިންތަކެއް އަމަލުކޮށްފައިވުމުން ބަޣާވާތުގެ ސިފަތަކެއް ވެރިކަން ބަދަލުވުމުގައި ފާހަގަވެފައިވާ ކަމަށް ސިފައިންގެ އިސް ބޭފުޅުން ވިދާޅުވެފައި ވާތީ ކޯނީގެ ރިޕޯޓްގައި އެފަދަ ކަންކަމަށް ރިޔާއަތް ކުރައްވާފައި ނުވާ ސަބަބު ބެލުމަށް ކޯނީގެ ޗެއާކަން ކުރެއްވި އިސްމާއިލް ޝަފީއުއަށާއި އެ ކޮމިޝަންގެ ކޯ ޗެޔާކަން ކުރެއްވި ސިންގަޕޫރުގެ ރިޓާޔާޑް ފަނޑިޔާރު ޖީޕީ ސެލްވަމް އަށް ސިޓީއެއް ފޮނުވުމަށް ވަނީ ކޮމެޓީން ވަނީ ނިންމާފަ އެވެ.

ކޮމެޓީގެ މުގައްރިރު އަލީ ވަހީދު މިއަދު ވިދާޅުވީ ސިފައިންގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ޅ) ގައި ބުނާ ބަޣާވާތް ކުރުމުގެ ސިފަތައް ފެބްރުއަރީ 6، 7، ގައި ސިފައިންގެ ފަރާތުން ފެނިގެން ދިޔައިރު، އެމްއެންޑީއެފްގެ ތެރޭގައި ދެން ރަނގަޅު ކުރަންޖެހޭ އެއްވެސް ކަމެއް ކޯނީގެ ރިކޮމަންޑޭޝަންތަކެއް ކޯނީގެ ހިމަނާފައި ނުވާ ކަމަށެވެ. އަދި ކޯނީގެ ރިޕޯޓްގައި އެފަދަ ކަންތައްތަ ބަޔާން ނުކުރި ސަބަބު ބެލުމަށް ކޮމެޓީގެ މެންބަރުން ބޭނުންވާ ކަމަށެވެ.

"ސިފައިންގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ޅ) ގައި ސިފައިންގެ ގޭގައި ބަޣާވާތް ކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާކޮށްފައިވާއިރު، ފެބްރުއަރީ 6، 7، ގައި މި ހިނގައިދިޔަ ކަންތައްތަކުގައި ސިފައިން އަމަލު ކުރި ގޮތްގޮތުން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އެފަދަ ސިފަތައް ހުރި ކަމަށް، ބައެއް ސިފައިންގެ އޮފިސަރުންނާއި ޖެނަރަލުން ވިދާޅުވާއިރު، އޭބޭފުޅުން ނިންމާލި ރިޕޯޓްގައި މިއިން އެއްވެސް ކަމަކަށް ރިޔާއަތް ނުކޮށް، އަދި ސިފައިންގެ ތެރޭގައި ރަނގަޅު ކުރާނެ އެއްވެސް ރެކޮމަންޑޭޝަނެއް ނެތީ ކޮން ސަބަބަކާ ހުރެތޯ،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްމާއިލް ޝަފީއުއަށާއި ސެލްވަމް ލިޔުމުން ވެސް ޖަވާބު ދެއްވުމަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުލަތެއް ދެއްވާނެ ކަމަށެވެ.

ކޯނީގެ ރިޕޯޓާ ގުޅޭ ގޮތުން އިސްލާއިމް ޝަފީއު އާއި ސެލްވަމްގެ އަރިހުން މައުލޫމާތުތަކެއް ހޯދަން ނިންމާފައިވާއިރު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅޭ ގޮތުން "އެނގިހުރި" މައުލޫމާތު ދެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ކޯނީގެ ރިޕޯޓްގެ ދިރާސާއަށް 13 ބޭފުޅެއްގެ އިންޓަވިއު ކޮމެޓީން ހޯދާފައިވާއިރު، އެ ބޭފުޅުން ދެއްވި މައުލޫމާތުތައް އާންމު ކުރި މައްސަލާގައި ސަރުކާރުން ވަނީ ކޯނީގެ ރިޕޯޓާ ގުޅޭ ގޮތުން މައުލޫމާތު ނުދިނުމަށް ނިންމާފަ އެވެ.

ކޮމެޓީން ކުރާ ދިރާސާއަށް ސަރުކާރުން ރައީސް ވަހީދު މައުލޫމާތު ނުދެއްވިނަމަވެސް ކޮމެޓީން ގޮތެއް ކަނޑައަޅައި މަޖިލީހުގެ ތަޅުމަށް ކޮމެޓީގެ ރިޕޯޓް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމެޓީގެ ރިޕޯޓް ތަޅުމަށް ފޮނުވާއިރު ކޯނީގެ ރިޕޯޓަކީ ސައްހަ ނޫން ރިޕޯޓެއް ކަމަށް ވެސް، އަދި ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމެއް ވެސް ކޮމެޓީން ކަނޑައަޅާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.