ދެހާސް އަށް ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ 82 ޕަސެންޓް މައްސަލައިގައި ފިޔަވަޅު އަޅާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ 2008 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީސީން އެ އޮފީހަށް 90 މައްސަލަ ފޮނުވާފައިވާއިރު އެ މައްސަލަތަކުގެ 47 ޕަސެންޓްކަމަށްވާ 42 މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އޭސީސީން ފޮނުވާފައިވާ މައްސަލަތަކުގެ 17 ޕަސެންޓް ކަމަށްވާ 15 މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް އެ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ މުއްދަތުގެ ތެރޭގައި އޭސީސީން ހުށަހެޅި މައްސަލަތަކުގެ 18 ޕަސެންޓްކަމަށްވާ 16 މައްސަލައަކީ ދައުވާ ކުރުމާ މެދު އަދި ގޮތެއް ކަނޑައެޅިފައި ނުވާ މައްސަލަތައްކަމަށާއި އެ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކުގެ 82 ޕަސެންޓް ކަމަށްވާ 74 މައްސަލައިގައި ފިޔަވަޅު އަޅާފައިވާކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އަންގާފައިވާ ގޮތުގެމަތިން އެ އޮފީހާއި އޭސީސީއަށް އެއްބަސްވެވޭ ތަސާސްހިސާބު އޭސީސީން މަޖިލީހަށް ފޮނުވާފައިވާކަމަށެވެ. އަދި ތަހުގީގު ކުރުމަށްފަހު އޭސީސީން ފޮނުވާ މައްސަލަތަކުގައި އަމަލުކުރަމުންދާ އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ދެ މުއައްސަސާގެ ދެމެދުގައި ވާހަކަދެކެވި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.