މިއަހަރުގެ މިހާތަނަށް ސައްހަނޫން (ފޯޖް) ޕާސްޕޯޓާއި ޑޮކިއުމެންޓާއި ގުޅުންހުރި 17 މައްސަލައެއް އިމިގްރޭޝަންގެ އެއާޕޯޓު ބޯޑާ ކޮންޓްރޯލް ސެކްޝަނާއި އިންޓެލިޖެންސް ޔުނިޓުން ބަލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ ޑިޕާޓްމެންޓުގެ ފަރާތުން ކަމާއި ބެހޭ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ބޯޑަރު ވީހާ ވެސް ހަރުދަނާ ކޮށް ބެލެހެއްޓުމަށް ކަމަށެވެ. އަދި ރާއްޖެ މެދުވެރިކޮށް ހިއުމަން ޓްރެފިކިން ނުވަތަ ސްމަގްލިންގެ އަމަލެއް ހިންގުމަށް ފުރުސަތު ނުދިނުމަށް އިމިގްރޭޝަންގެ އޮފިސަރުން ހުށިޔާރުވެ ތިބި ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދޭ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މި ގެންދަނީ ރާއްޖޭގެ ބޯޑަރު ވީހާވެސް ހަރުދަނާކޮށް ބެލެހެއްޓުމަށް. ރާއްޖެ މެދުވެރިކޮށް ހިއުމަން ޓްރެފިކިން، ސްމަގްލިންގެ އަމަލެއް ހިންގަން ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެންގެ އޮފިސަރުން ތިބީ އެ ކަމަށް ވަރަށް ބޮޑަށް ހުށިޔާރުވެ،" އިމިގްރޭޝަނުން ބުންޏެވެ.

ސައްހަނޫން ޕާސްޕޯޓްގައި ރާއްޖެ އެތެރެވާން މަސައްކަތްކުރާ މީހުންގެ މައުލޫމާތު އިމިގްރޭޝަނުން މީޑިއާ އަށް އާއްމުކޮށް ހާމައެއް ނުކުރެއެވެ.

އެކަމާއިބެހޭ ގޮތުން އިމިގްރޭޝަނުން ބުނީ ސައްހަނޫން ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކަތްކުރާ މީހުންގެ މައުލޫމާތު އާއްމުކޮށް މީޑިއާއަށް ހާމަ ނުކުރަނީ އެކަމަކީ ގައުމީ ސަލާމަތާއި ގުޅުންހުރި ކަމަކަށްވެފައި ދޭދޭ ގައުމުތަކުގެ މެދުގައިވާ ގުޅުމަށް ބުރޫ އަރާފަދަ ކަމަކަށް ވެދާނެތީ ކަމަށެވެ.

އިމިގްރޭޝަންގެ ފަރާތުން 2012 ވަނަ އަހަރުގެ ތެރޭގައި ފޯޖް އަދި ކައުންޓާފީޓް ޕާސްޕޯޓާއި ޑޮކިއުމެންޓް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވުމަށާއި، ރާއްޖެ އިން ޓްރާންސިޓްކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރުމަށް މަސައްކަތްކުރި 100 އަށްވުރެ ގިނަ ފަރާތްތައް ހިފަހައްޓާ އެ މީހުން އަނބުރާ ފޮނުވާލާފައި ވެއެވެ.

އިމިގްރޭޝަނުން ވަނީ ސައްހަ ނޫން ޕާސްޕޯޓު ބޭނުންކޮށްގެން ދުބާއީ މަގުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ޕާކިސްތާނަށް ނިސްބަތްވާ ދެމީހަކު މިދިޔަ އާދިއްތަ ދުވަހު އަތުލައިގެންފަ އެވެ.