23 Jan 2013, 17:32
ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނި)ގެ ރިޕޯޓް ދިރާސާ ކުރާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުމަށް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މުހުލަތެއް ދީފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން ނިންމާފައިވާ ގޮތުގައި އެ ބޭފުޅުން ހާޒިރުވުމުގެ ބަދަލުގައި ލިޔުމުން ވެސް އަދި އެހެން ގޮތަކުން ވެސް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެ ކޮމެޓީ އަށް މައުލޫމާތު ދެއްވުމަށް އެދޭ ކަމަށެވެ. އަދި އެ ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރަން ފާސް ނުކުރީ "އުސޫލެއްގެ ގޮތުން އެބޭފުޅުންނަށް އިހްތިރާމް އަދާ ކުރުމުގެ ގޮތުން" ކަމަށް ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓް ދިރާސާ ކުރަމުންދާ އިރު، ފެބްރުއަރީ 6، 7، 8 ގައި ހިނގައިދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ރައީސް ވަހީދާއި ރައީސް ނަޝީދުގެ ބަސް ހިމެނުމަށް ކޮމެޓީގެ މެންބަރުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ތަފްސީލުކޮށް އެ މައުލޫމާތު ހާމަ ކުރެވޭނެ "މީޑިއަމަކުން" އެ މައުލޫމާތު ކޮމެޓީ އަށް ހިއްސާ ކުރުމަށް އެދި އެ ދެ ބޭފުޅުންނަށް ސިޓީއެއް ފޮނުވުމަށް ނިންމާފައިވާ ކަމަށް މުގައްރިރު ވިދާޅުވި އެވެ.
"މަޖިލީހުގައި މި އޮންނަ އާދަކާދަތަކަށް ބަލާ އިރު، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސް ކަމުގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުން މީގެ ކުރީގެ މަސައްކަތްތަކުގައި ވެސް މަޖިލީހުގެ ކޮމެޓީތަކަށް އުސޫލެއްގެ ގޮތުން އިހްތިރާމް އަދާ ކުރުމަށް ނުގެންނަނީ. އެހެން ނަމަވެސް ގާނޫނު އަސާސީ ބުނާ ގޮތުން ގެނެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
ކޮމެޓީން ކުރާ މަސައްކަތްތަކަކީ ބޭރުގެ ފަރާތްތަކުން ވެސް ގަބޫލު ކުރާނެ ކަންތައްތަކަކަށް ހެދުމަށްޓަކައި ކޮމެޓީ އަށް ބޭރުގެ ދެ ތަޖުރިބާކާރަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ދެ ފަރާތަކުން ކުރިމަތިލެއްވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭގެ ތެރެއިން ކުރިމަތިލެއްވި ޑެންމާކުގެ އެސޯސިއޭޑެޓް ޕްރޮފެސާ އޮފް ޕަބްލިކް އިންޓަނޭޝަނަލް ލޯ، އަދި ޑައިރެކްޓާ އޮފް ސެންޓަ ފޯ އިންޓަނޭޝަލް ޖަސްޓިސް ކޯޕަންހޭގަންގެ ޔުނިވާސިޓީ އެންޑާޒް ހެންރިކްސަން ހުށަހަޅުއްވާފައިވާ ސީވީ ކޮމެޓީން ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އާ އެކު އިތުރު ދެ ގާނޫނީ ވަކީލަކު ކޮމެޓީގައި އަންނަ މަހުގެ އެކަކުން ހަތަކަށް މަސައްކަތް ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ޕްރޮފެސާ އެންޑާޒް ހެންރިކްސަންއާ އެކު ކޯނީގެ ދިރާސާ ކުރުމަށް ހަރަކާތްތެރިވާ ދެ ލޯޔަރުންނަކީ އޮލޭސްޕިޔާމަން ކިޔާ ބޭފުޅަކާއި ތަސްމުންކީފާ ކިރިސްޓަންސަން ކިޔާ ލޯޔަރެއް ކަމަށް ކޮމެޓީން ވަނީ ބުނެފަ އެވެ.
ގާނޫނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އެ ބޭފުޅުން ކޮމެޓީގައި މަސައްކަތް ކުރެއްވުމަށް ކުރިން ހަމަޖައްސާފައި ވަނީ ތިން ހަފްތާގެ މުއްދަތަކަކަށެވެ. ނަމަވެސް އެބޭފުޅުން މަސައްކަތްޕުޅު ކުރައްވަންޖެހޭ މުއްދަތު ކުރުކޮށް އެއް ހަފްތާއަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ބޭފުޅުންނަށް ދޭނެ އުޒޫރައަކާ މެދު ދެ ފަރާތުން އެއްބަސްވާ ގޮތަކަށް ނިންމުމަށް ލޯޔަރުން ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި މަޖިލީހާއި އެބޭފުޅުންނާ މެދުވާ އެއްބަސްވުމުގެ މަތިން އެ އުޖޫރަ ކަނޑައެޅޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.