ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ދެ ކުޑަކުދިން މާފުށީ ޖަލުގެ ބަޔަކަށް ލާފައިވާ މައްސަލާގައި ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ރޭ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ބޭއްވި ބައްދަލުވުން ރާއްޖެ ޓީވީން ލައިވްކުރި މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ޖެންޑާ މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހިއުމަން ރައިޓް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޑިޕާޓްމަންޓް އޮފް ޕެނިޓެންސަަރީީން އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެން އެބައްދަލުވުން ފެށުމާ އެކު ރާއްޖެ ޓީވީން ގެންދިޔައީ އެބައްދަލުވުން ލައިވްކުރަމުންނެވެ. ބައްދަލުވުމުގެ ވަރަށް ބޮޑު ބައެއް ކުރިއަށް ދަނިކޮށް، ކުއްލި ގޮތަކަށް ކޮމިޓީން އެބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށް ބުނުމާ އެކު ރާއްޖެ ޓީވީގެ ލައިވް ފީޑް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ހިއުމަން ރައިޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު ސަންއޮންލައިނަށް ވިދާޅުވީ އެ ބައްދަލުވުން ފެށުމުގެ ކުރިން އެ ބައްދަލުވުމަކީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަަށް ކޮމިޓީގެ މުގައްރިރު ވިދާޅުވި ކަމަށާއި ނަމަަވެސް އެ ބައްދަލުވުމަކީ ލައިވްކުރާ ބައްދަލުވުމެއް ކަން އެނގިވަޑައިނުގެންނަވާ ކަމަށެވެ. ނަމަަވެސް ރާއްޖެ ޓީވީން އެ ބައްދަލުވުން ލައިވްވެގެން ދިއުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ނޫންކަން އެނގޭ، އެކަމަކު އާއްމުކޮށް ހުޅުވާލައިގެންނޭ މުގައްރިރު ވިދާޅުވީމާ، ނުނެގުނު އެއީ ލައިވް އެއްޗެއް ކަމެއް. އެހެންވެ އެއްވެސް ވަރަކަށް އެސިއުމްއެއް ވެސް ނުކުރެވޭ އެއީ ލައިވް ކުރަނީ ކަމެއް. އެތަނުގައި ހުރި ކެމެރާމަނަކާއި ކެމެރާއެއް ވެސް. އަޅުގަނޑުމެންނަށް ހީވި އެއީ އެބައްދަލުވުން ރެކޯޑްކޮށްގެން ޚަބަރަށް މައުލޫމާތު ދިނުމަށް ބެހެއްޓިފައިވާ ހުރި އެއްޗެއް ކަމަށް. އެހެންވެ އެތަނުގައި ތިބި އެންމެންގެ ކުރިމަތީގައި އޯޕަންކޮށް ވާހަކަ ދެކެވޭނެ ކަމަށް ހީކުރެވުނީ،" ރަމީލާ ވިދާޅުވި އެވެ.

ކޮމިޓީގައި ކުރިއަށް ދިޔަ އެ ބައްދަލުވުން ސިއްރު ކުރުމަށް ޖެންޑާ މިނިސްޓްރީން އަދި އެބައްދަލުވުމުގައި ބައިވެރިވި އެހެން އެއްވެސް ކަމާ ބެހޭ މުއައްސަސާއަކުން ކޮމިޓީގައި ކުރިން ބުނެފައެއް ނުވެ އެވެ.

އެބައްދަލުވުމުގެ ބޮޑު ބައެއް ލައިވްކޮށްފައިވަނިކޮށް، ލައިވް ފީޑް މެދުކަނޑާލާފައި ވަނީ ކުޑަކުދިންގެ ހިޔާގެ އިސް ބޭފުޅަކު އެ ހިޔަލުގައި ތިބި ދެ ކުދިން އެތަނުން ފިލައިގެން ދިޔަ ގޮތުގެ ތަފްސީލެއް ދެއްވުމަށް ކޮމިޓީން އެދުމުން އެކަމުގެ ތަފްސީލް ދެމުން ގެންދަނިކޮށެވެ. އޭރު އެ ކުދިންގެ އަހުލާގާ ގުޅޭ ގޮތުން ނާއި އެ ކުދިންގެ އެ މައްސަލާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވަނީ ވާހަކަ ދައްކައިފަ އެވެ.

ރަމީލާ ވިދާޅުވީ ރޭގެ އެ އިވެންްޓްގައި ކުޑަކުދިންގެ ހިޔާއާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ބޭފުޅަކު އެވާހަކަތައް ކިޔާދެއްވީ ވެސް އެއީ ލައިވް ކުރަމުންގެންދާ އިވެންޓެއް ކަން ނޭނގި ކަމަށާއި ކޮންމެ ގޮތަކަށް ހިނގި ނަމަވެސް އެ ބައްދަލުވުން ލައިވެގެން ދިއުމަކީ އެ ކުދިންގެ ކަރާމާތަށް އަރައިގަނެވި އެ ކުދިން އެމިނިސްޓްރީގެ މައްޗަށް އޮތް އިތުބާރު ގެއްލިގެންދާނެ ވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ.

އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެޗްއާރުސީއެމްގެ ރައީސް މަރިޔަމް އަޒުރާ ވިދާޅުވީ ކޮމިޓީގެ އެއް ބައްދަލުވުމަކީ ލައިވްކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ފާހަގަކުރެވުނީ ބައެއް ބޭފުޅުން ވަރަށް އޯޕަންކޮށް ވާހަކަތައް ދައްކަވަން ފެއްޓެވުމާ ގުޅިގެން ކަމަށެވެ. އެ ބައްދަލުވުން ލައިވްވެގެން ދިޔަ ދިޔުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނަށް އެނގޭ އެއީ ލައިވްކޮށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަން. އެހެން ނަމަވެސް ބައެއް ބޭފުޅުންނަށް އެނގިވަޑައެއް ނުގެންނަވާ. އެެހެންވެ ވަރަށް ހުޅުވާލައިގެން ބައެއް ބޭފުޅުން ވާހަކަ ދެއްކެވީ އެހެންވެ މެދުތެރެއަކުން އަޅުގަނޑުމެންނަށް ވެސް އެބޭފުޅުންނަށް އެނގިވަޑައިނުގެންނަވާކަން ފާހަގަކުރެވިގެން މެދުކަނޑާލީ. އެގޮތަށް އާއްމުކޮށް ވާހަކަ ދެކެވުމަކީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ކަރާމާތް ގެއްލިގެންދާނެ ކަމެއް،"އަޒުރާ ވިދާޅުވި އެވެ.

ރާއްޖޭ ޓީވީގެ ހިންގުމާ ހަވާލުވެ ހުންނެވި އެސްޓޭޝަންގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ ރާއްޖެ ޓީވީގެ ނިއުސް ކްރޫއިން އެތަނަށް ދިޔައިރު ވެސް އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަން ނޭނގޭ ކަމަށެވެ. އަިދ އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އެނގުނީ ރާއްޖެ ޓީވީގެ ޕްރޮގްރާމްތަކަށް ވަގުތު ދިނުމުގެ ގޮތުން އޭރު ލައިވް ކުރަމުން ދިޔަ ކޮމިޓީގެ ބައްދަލުވުމުގެ ލައިވް ފީޑް ކަނޑާލި ފަހުން ކަމަށެވެ.

" ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމެއް ކުރިން އަންގާފައެއް ވެސް ނުވޭ، ދެން ބައްދަލުވުން ސިއްރު ކުރީ މަހުލޫފް ކޮމިޓީގެ އެބައްދަލުވުން ސިއްރު ކުރެއްވުމަށް އެދިވަޑައިގެން ހުށަހެޅުއްވުމުން، އޭރު ލައިވް ފީޑެއް ނުހުންނާނެ،" ޔާމީން ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާ އިން މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ފިލައިގެން އުޅެނިކޮށް، ފުލުހުން ހައްޔަރުކޮށްގެން ގެންގޮސް، މިހާރު މާފުށީގައި ބަހައްޓާފައިވަނީ 15 އަހަރާއި 16 އަހަރުގެ ދެ އަންހެންކުދިންނެވެ. އެކުދިން ދޫކޮށްލުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލައިފަ އެވެ.