ލ. ކައްދޫ އެއާޕޯޓްގެ ގެސްޓްހައުސް ހިންގުމަށް ހެވީލޯޑް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނިކޮށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެތާގެ ކުލި ދެއްކުމުގައި އެކުންފުންޏަށް ލުޔެއް ހަމަޖައްސާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑިޕިއުޓީ މިނިސްޓަރު ފަރުހަތު އަލީގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ ހެވީލޯޑާއި ރީޖިނަލް އެއާޕޯޓާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ގެސްޓްހައުސްތަކުގެ އެއް އަހަރަށްވާ ކުލި ދައްކަންޖެހޭނެ ކަމަށެވެ. ނަމަވެސް ހެވީލޯޑުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ގެސްޓްހައުސްތަކުގެ އެއް އަހަރުގެ ކުއްޔަށްވާ ފައިސާ ހަ މަސް ދުވަހުގެ މުއްދަތަށް ބަހާލައިގެން ދައްކާ ގޮތަށް ހަމަޖެއްސުމަށް ފަރުހަތު އެޑަމްޑަމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ފަރުހަތުގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނުލިބި ލަސްވެފައިވާތީ އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށެވެ. އެހެންކަމުން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒް ފައިދާއެއް ހޯދަވައިދެއްވުމުގެ ދައުވާގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭފަދަ ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް އެދިފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ކައްދޫއެއާޕޯޓްގެ ކުއްޔާއި ޖުރިމަނާގެ ގޮތުގައި 20 މެއި 2012ގެ ނިޔަލަށް ހެވީލޯޑުގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ 48،664،774.52ރ. ހޯދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށް ކައްދޫ އެއާޕޯޓް ކޮންޕެނީ ލިމިޓެޑާއި ރީނަޖަލް އެއާޕޯޓާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ބަންޑާރަ ނާއިބްގެ އޮފީހަށް އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.