23 Jan 2013, 16:31
ދިވެހި ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނަމުގައި އިކޮނަމިކް މިނިސްޓްރީގައި ދެ ކުންފުންޏެއް ރަޖިސްޓްރީކޮށްފި އެވެ.
އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މިނިސްޓްރީގައި ބީއެމްއެލް އިން ރަޖިސްޓްރީ ކުރި އެއް ކުންފުންޏަކީ ބީއެމްއެލް ޕްރަޕަޓީސް ލިމިޓެވެ. އަނެއް ކުންފުންޏަކީ ބީއެމްއެލް އިންވެސްޓްމަންޓް ލިމިޓެވެ. އެ ދެ ކުންފުނި ވެސް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ބީއެމްއެލް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ދިވެހި ބޭންކުން ކުންފުންޏެއް އުފެއްދީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނުގެ ހިއްސާ ކުރިން އޮތް ރީތި ބީޗު ރިސޯޓްގެ މޯގޭޖު އެ ކުންފުންޏަށް ބަދަލު ކުރުމަށެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ބީއެމްއެލް ޕްރޮޕަޓީސްގެ ނަމުގައި ހަދާފައިވާ ކުންފުންޏަކުން ރީތި ބީޗް ރިސޯޓްގެ ހެޑް ލީސް ބަދަލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރި ތަކެތި ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލް އަށް ވަނީ ދީފި އެވެ.
އެ ލޯނުތަކަށް ގެރެންޓީ ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒާއި މ. ރަފީގުގޭ، އަހުމަދު ރަޝީދު އާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑެވެ.
ފުނައްޑޫގެ ނަމުގައި ނަގާފައިވާ ފަސް ލޯނުގެ އަދަދު 117 މިލިއަން ރުފިޔާ އަށް އަރާ އިރު އެ ފައިސާ ދައްކާފައި ނުވާތީ އިންޓަރެސްޓާ އެކު ލޯނުގެ އަދަދު ވަނީ 206 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
އާޒިމް މިއަދު ވިދާޅުވީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. އަދި އެ ދެ ކުންފުންޏާ ބެހޭ ގޮތުން ބީއެމްއެލް އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.