ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސް ކަމަށް މަރިޔަމް އަޒުރާ ހަމަޖައްސައި ނާއިބު ރައީސްގެ މަގާމަށް ހަމަޖެއްސުމަށް ހުށަހެޅުއްވި ޖީހާން މަހުމޫދުގެ ނަން ރައްޔިތުންގެ މަޖިލީހުން ފޭލިކޮށްލައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެޗްއާރުސީގެ މެންބަރެއްގެ ގޮތުގައި ކުރިން ވެސް ހިމެނުނު މަރިޔަމް އަޒުރާ، އެ ކޮމިޝަންގެ ރައީސްކަމަށް ހަމަޖެއްސެވުމަށް ފެނޭތޯ ބެލުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 54 މެންބަރުންގެ އިއްތިފާގުން އެނަން ފާސްކުރެއްވި އެވެ. ނަމަވެސް ނާއިބު ރައީސް ކަމަށް ހަމަޖެއްސެވުމަށް ފޮނުއްވާފައިވާ ޖީހާން މަހްމޫދުގެ ނަމަށް ވޯޓަށް އެއްސެވުމުން، ފެންނަކަމަށް ވޯޓުދެއްވީ، އެވަގުތު ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 22 މެންބަރުންނެވެ. މަޖިލީހުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްވެސް ކޮޅަކަށް ވޯޓް ނުދެއްވައި 32 މެންބަރުން ތިއްބެވި އެވެ. އޭނާގެ ނަން ފާސްކުރުމަށް 28 ވޯޓު ބޭނުންވެ އެވެ. ނަމަވެސް އެ އަދަދަށް ވޯޓް ނުލިބުމުން އޭނާގެ ނަން ފާހެއް ނުވި އެވެ.


ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ އަށް މި ދެ ބޭފުޅުންގެ ނަން ހުށަހެޅިގެން ބަހުސް ކުރިއަށް ދިޔައިރު، ކޮމިޝަންގެ އެންމެ އިސް ދެ މަގާމު އަންހެން ދެ ބޭފުޅުންނަށް ހާއްސަކޮށް ސަރުކާރުން ނަން ފޮނުވާފައި ވާތީ ވަރަށް ގިނަ މެންބަރުންތަކެއް ފާޑު ވިދާޅުވި އެވެ. އެ މެންބަރުން ވިދާޅުވީ، މިފަދަ ގޮތަކަށް ސަރުކާރުން އެ ދެ ނަން ފޮނުވާފައިވުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމެއްގައި، އެފަދަ ވަރުގަދަ މުއައްސަސާއެއްގެ އިސް މަގާމެއްގައި ފިރިހެނަކު ހިމެނެންޖެހޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވެފައިވެ އެވެ. އެ ޖަލްސާގައި މި ދެ ނަމަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވީ ނަމަވެސް ޖަލްސާގެ ތަޅުން ހޫނުވެ ޒުވާބު ގަދަވެގެން ޖަލްސާ ނިންމާލަން ޖެހުމުން މި ނަންތަކަށް ވޯޓަށް އެހޭ ގޮތް ވަނީ ނުވެފަ އެވެ. ނާއިބު ރައީސްގެ މަގާމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޖީހާންގެ ނަން މަޖިލީހުން ފެއިލްކޮށްލުމުން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ޖެހިވަޑައިގަންނަވާނީ، އެ މަގާމަށް ހަމަޖެއްސެވުމަށް ކޮމިޝަންގެ އެހެން މެންބަރެއްގެނަން މަޖިލީހަށް އަލުން ފޮނުއްވާށެވެ.