23 Jan 2013, 16:36
މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ޓަޓްވާ ގްލޯބަލްއާ އެކު ވެފައިވާ އެއްބަސްވުމުން ސަރުކާރުން އިސްލާހު ކުރާން ބޭނުންވާ ކަންތައްތަށް ހުށައަޅައި ޓަޓްވާއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އެސިޓީއަށް ޓަޓްވާއިން އަންނަ ހަފްތާގެ ތެރޭގައި ޖަވާބެއް ދިނުމުން އެމައްސަލައަށް ވަކިގޮތެއް ނިމޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދު މިއަދު ވިދާޅުވީ އެ އެއްބަސްވުމުގެ ބައެއް ކަންކަން އިސްލާހު ކުރުމަށް އެދި ފޮނުވާފައިވާ އެ ސިޓީއަށް ޖަވާބެއްދިނުމަށް ތިން ދުވަހުގެ މުއްދަތެއް އެކުންފުންޏަށް ދީފައިވާ ކަމަށާއި މިއަދަށް އެ ތިން ދުވަސް ހަމަވާ އިރު މާދަމާއަކީ ބަންދުދުވަހެއްކަމުން މިއަންނަ ހަފްތާގެތެރޭގައި ޖަވާބެއް ލިބޭނެ ކަމަށެވެ.
"ޓަޓްވާއާ މަސައްކަތް ހަވާލު ކުރެވިފައިވަނީ ސަރުކާރުން ވެސް ހަރަދުތަކެއް ކުރެވިގެން، އަދި ވަރަށް ބޮޑު ޕުރޮސެސްއެއްގެ ތެރެއިން އައިއެފްސީ މެދުވެރިކޮށް، އެހެންވީމަ އެ ގޮތަށް އޮންނަ ކޮންޓްރެކްޓެއް ހަގީގަތުގައި ނިއުޅާލުމަކީއެއް ނޫން ހަގީގަތުގައި މަގުސަދަކީއެއް، ވެފައި އޮންނަ އެއްބަސްވުމެއް ނިއުޅާލުމަށްވުރެ މަސްލަހަތު ރަނގަޅީ އަޅުގަނޑުމެން ބޭނުންވާގޮތަށް ރަނގަޅުކުރުން، އެގޮތުން ޓަޓްވާ އެގްރިމެންޓްގައި އަޅުގަނޑުމެން މިބަލަނީ އިސްލާހުތައް ގެނެސް ކުރިއަށް ގެންދެވޭތޯ" މަތީން ވިދާޅުވިއެވެ.
މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ޓަޓްވާއާއި ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި 49.2 މިލިއަން ރުފިޔާގެ އަށެވެ. އެގްރިމަންޓްގެ ދަށުން ޔޫއީއީއެލް އަށް 200 ޓަނުގެ ކުނީގެ ގެރެންޓީ ދީފައިވާތީ ސަރުކާރުން އެ ކުންފުންޏަށް 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުއެއްޗެއް ދައްކަންޖެހެ އެވެ. އަދި ކުނީގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 8 މިލިއަނާއި 10 މިލިއަން ޑޮލަރުގެ ފައިސާ ދައްކަން ޖެހޭ އިރު އިންޓަރިމްގެ މުއްދަތުގައި (2012-2014) އެ ކުންފުންޏަށް ސަރުކާރުން ފަސް މިލިއަން ޑޮލަރު ދޭން ޖެހެ އެވެ. ހިދުމަތް ދޭން ރާވާފައި ވަނީ ކޮންމެ ކަރަންޓް މީޓަރަކުން 70ރ. ނަގައިގެންނެވެ.
ތިލަފުށީގައި ކުނިނައްތާލުމުގައި ރައްކާތެރި ނިޒާމެއް ނެތުމުގެ ސަބަބުން މާލޭ ސަރަހައްދުގެ ތިމާވެށި ތަގައްޔަރުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އަދި ރާއްޖޭގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް މިހާތަނަށް ގާއިމް ކުރަން އެކި ފަހަރު މަސައްކަތް ކުރި ނަމަވެސް އެކަން އަދި ވަނީ ކާމިޔާބުނުވެފަ އެވެ.