ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ތެރޭގައި ޒުވާނުންގެ ދައުރު ފުޅާކޮށް އިތުރު ކުރުމުގެ ގޮތުން އެ ޕާޓީ އަށް ޒުވާނުން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން 35 އަހަރުން ދަށުގެ އިތުރު 47 ޒުވާނަކު މިއަދު އެ ޕާޓީއަށް ސޮއިކޮށްފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ 47 ޒުވާނުންގެ މެމްބާޝިޕް ފޯމްތަކާ ހަވާލްވެވަޑައިގަތީ ޕާޓީގެ ރައީސް ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ.

ފޯމްތަކާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ފަރާތްތަކާ މުޚާތަބު ކުރައްވައި މައުމޫން ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއާ ގުޅެމުން އަންނަ ކަމަށާއި އެ ކަމަށް ޓަކައި އެމަނިކުފާނު ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަދި ޕީޕީއެމް ތެރޭގައި ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން ޒުވާނުންނަށް ހަތަކާތްތެރި ވުމުގެ ފުރުސަތުތައް ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ޕީޕީއެމްގެ ތެރޭގައި ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުރި ކޮންމެ މީހަކު ވެސް ޕީޕީއެމްއާ ގުޅުމަކީ އެމަނިކުފާނު ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ. އެއީ ސިޔާސީ ގޮތުން ހަރަކާތްތެރި ވުމުގެ ފުރުސަތާއި އަދި އިޖްތިމާއީ ޚިދުމަތްތައް ކުރެއްވުމުގެ ފުރުސަތު. އެހެންވީމަ އެ ފުރުސަތުތަކުގެ ބޭނުން ތިޔަ ބޭފުޅުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" މައުމޫން ވިދާޅުވި އެވެ.