ކުޑަ ދެކުއްޖަކު މާފުށީ ޖަލުގައި ބަންދު ކުރި ކަމަށް ބުނެ، މީޑިއާގައި އާންމު ކުރި ވާހަކަތަކާ ގުޅިގެން ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީ އާއި އެޗްއާރްސީއެމާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވަނިކޮށް، ނ. މާފަރުގައި ކުރަމުންދާ މުޒާހަރާއާ ގުޅުވައިގެން އެޗްއާރްސީއެމަށް ހިއުމަން ރައިޓްސް މިނިސްޓްރީން ފާޑުކިޔައިފި އެވެ.

އަސާސީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ ސިލްސިލާކޮށް 23 ދުވަސް ވަންދެން މާފަރުގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން ކޮމެޓީ އަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ޑރ. ޝަކީލާ ވިދާޅުވީ އެޗްއާރްސީއެމުން ބޭނުންވާ ކަންތައްތަކުގައި "އަމުރު" ކުރައްވަމުން "ޑައިރެކްޓިވް" ކުރައްވައި ޖެންޑާ މިނިސްޓްރީ އަށް އަންގަވަމުންދާ ކަމަށެވެ. ނަމަވެސް އަސާސީ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ބުނާ ނ. މާފަރުގެ ރައްޔިތުނަށް ވަކިކަންތަކެއް ކުރުމަށް ސަރުކާރަށް އަންގާފައި ނުވާ ކަމަށް ޑރ. ޝަކީލާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެންނެވުނު އެ ބޭފުޅުންނަށް [އެޗްއާރްސީއެމަށް] އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވެއޭ. މަސައްކަތްތަކެއް އެބަ ކުރޭ. އެކަމަކު އެބޭފުޅުންނަށް ބޭނުންވާ ކަންތައްތަކުގައި ޑައިރެކްޓިވް ނެރެވޭ. ކުޑަ ދެ ކުދިންގެ މައްސަލާގައި އެ ދަނީ ޑައިރެކްޓިވް ނެރެގެން އަމުރުތައް ކުރަމުން އަމުރުތައް ފޮނުވަމުން. އެ އަމުރުތައް ފޮނުވާ ގޮތަށް އަމުރު ވެސް ނެރެވެންޖެހޭނެއޭ [ނ. މާފަރު މައްސަލާގައި]. މި ދައްކަނީ އެ ބޭފުޅުންގެ އަސާސީ ހައްގުތަކުގެ ވާހަކަ،" ޑރ. ޝަކީލާ ވިދާޅުވި އެވެ.

ޑރ. ޝަކީލާ އަށް ރައްދު ދެއްވަމުން އެޗްއާރްސީއެމްގެ ނައިބު ރައީސް އަހުމަދު ތޮލާލު ވިދާޅުވީ ނ. މާފަރު މައްސަލައަކީ ވަރަށް ގިނަ އަސާސީ ހައްގުތަކެއް ގެއްލިގެން ކުރަމުންދާ މުޒާހަރާއެއް ކަމަށާއި އެކަމުގައި އަމަލު ކުރަންޖެހޭ ގޮތް ވެސް ތަފާތު ކަމަށެވެ. އޭނާ ވިދާޅުވީ އެ ރަށުގެ ސްކޫލާއި ކޯޓުތަކާއި ސިއްހީ މަރުކަޒާއި ކައުންސިލް އިދާރާ ބަންދުކޮށްގެން ކުރަމުންދާ މުޒާހަރާގެ ސަބަބުން، ގެއްލުނު އަސާސީ ހައްގުތަކާ ގުޅިގެން އެ ކޮމިޝަނުން ކަންތައްތަކެއް މޮނީޓާ ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުން ނުކުމެ އެ އަމަލުތައް ހިންގި ސަބަބަކީ ވެސް އަސާސީ ހައްގުތަކާ ގުޅިފައި އޮތް ކަމަކުން ނުކުތް ނަތީއްޖާއެއް ކަމަށެވެ.

އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް އަޒުރާ އަހުމަދު ވިދާޅުވީ ނ. މާފަރުގެ ސިއްހީ މަރުކަޒުގެ ހާލަތާއި ރަށު ސްކޫލުގެ މައްސަލަތަކުގެ ޝަކުވާ ހުށަހަޅަން ޖެހޭ ފަރާތްތަކުން އެ ރަށު ކައުންސިލުން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އަދި އެ ރަށުގެ ހާލަތު އެ ހިސާބަކަށް ދާންޖެހުނީ ކައުންސިލުގެ އިހްމާލުން ކަމަށް އަޒުރާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"ވަރަށް ގިނަ ހިދުމަތްތަކެއް އެބަހުރި ރަށު ކައުންސިލުން ބަލަން ޖެހޭ. ފާހަގަ ކުރައްވާފައި އެބައޮތްތޯ އެކަންތައްތައް. ކިހާ ދުވަހެއް ވެއްޖެތޯ އެކަންތައްތައް ފާހަގަ ކުރަމުން ގެންދާތާ. އަތޮޅު ކައުންސިލާ ހަމަޔަށް އެކަންތައްތައް ގެންދަވާފައިވޭތޯ. އަތޮޅު ކައުންސިލުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯ،" އަޒުރާ ވިދާޅުވި އެވެ.