މަސްތުވާތަކެތީގެ ތަފާތު ތިން މައްސަލައަކާ ގުޅިގެން ހއ. ހޯރަފުށިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހއ. ހޯރަފުށްޓަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށަކަށް ހެދުމަށްޓަކައި އެ ރަށު ޕޮލިސް ސްޓޭޝަނުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ދެ މީހަކާއި އުމުރުން 32 އަހަރުގެ މީހެއް ކަމަށެވެ.

އެ ތިން މީހުންގެ ތެރެއިން އުމުރުން 32 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހޯރަފުށި ބަނދަރުގައި އޮތް ދޯންޏެއްގައި ހުއްޓަ އެވެ. އަދި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އުމުރުން 29 އަހަރުގެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ވަގުތެއްގައި ހޯރަފުށި ގުލިސްތާންގޭ ކައިރީ މަގުމަތީގައި ހުއްޓަ އެވެ. އެމީހާގެ އަތުން ވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 29 އަހަރުގެ ދެ ވަނަ މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެރޭ ހއ. އަތޮޅު މަދަރުސާ ކައިރިންނެވެ. އެމީހާގެ އަތުން ވައްޓާލި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓް ފެނިފައި ވަނީ އޭނާ ހުރި ދިމާ ބިންނެވެ.