އިސްލާމީ ގައުމުތަކުގެ އަސްކަރިއްޔާތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން އީރާނުގައި ބާއްވާ ގުރުއާން މުބާރާތެއްގައި ރާއްޖޭގެ ސިފައިންގެ ދެ މީހަކު ބައިވެރިވެއްޖެ އެވެ.

އީރާނުގެ އާމްޑްފޯސަސްއިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ލެފްޓިނަންޓް އަބްދުލްމަޖީދު އިބްރާހީމް އާއި ކޯޕްރަލް އަހުމަދު ނާއިދު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މިމުބާރާތުގައި ލެފްޓިނަންޓް އަބްދުލްމަޖީދު އިބްރާހީމް ބައިވެރިވެފައި ވަނީ 15 ފޮތް ހިތުން ކިޔެވުމުގެ ބައިގައެވެ. އަދި ކޯޕްރަލް އަހުމަދު ނާއިދު ބައިވެރިވުމަށް ހަމަޖެހިފައިވަނީ ފަސް ފޮތް ހިތުން ކިޔުމުގެ ބައިގައެވެ.

އެމްއެންޑީއެފުން ބުނީ މިމަހުގެ 19 އިން 29 އަށް އީރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ސިފައިންގެ ދެ މީހުން އީރާނަށް ގޮސްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

ކީރިތި ރަސޫލާގެ އީދު މީލާދާ ދިމާކޮށް ބާއްވާ މި މުބާރާތުގައި ހިމެނޭ ބައިތަކަކީ 30 ފޮތް ހިތުން ކިޔެވުމުގެ ބަޔާއި 15 ފޮތް ހިތުން ކިޔެވުމުގެ ބަޔާއި ފަސް ފޮތް ހިތުން ކިޔެވުމުގެ ބައިގެ އިތުރުން ގިރާއަތު އަދި ގުރުއާނާ ބެހޭ ރިސާޗް ހެދުމުގެ ބައެވެ. މިއީ މި މުބާރާތުގައި ދިވެހި އަސްކަރިއްޔާއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.