އދ. އިން ރާއްޖެ އަށް ކަނޑައަޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރު މރ. އެންޑްރޫ ކޮކްސްގެ މުއްދަތު ހަމަކުރެއްވުމަށް ފަހު އިއްޔެ ފުރާވަޑައިގެންފަ އެވެ.

ކޮކްސް ފުރާވަޑައިގަތުމުގެ ކުރީން ވަނީ މިދިޔަ އާދީއްތަ ދުވަހު ރައީސް ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ. އެ ޒިޔާރަތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެންޑްރޫ ކޮކްސް، ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ މަގާމުގައި ހުންނަވައިގެން، އެކި ގޮތް ގޮތުން ރާއްޖެ އަށް ދެއްވި އެއްބާރުލެއްވުމަށާއި ރާއްޖޭގެ ތަރައްގީ އަށް ޓަކައި ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ކޮކްސް ވިދާޅުވީ އދ. އިން ރާއްޖެ އަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެ އަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށާއި ހުރިހާ ދާއިރާއަކުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.