23 Jan 2013, 14:47
އެންވަޔަރަންމަންޓް މިނިސްޓްރީއިން ޑީސަލް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް އިންވެސްޓް ނުކުރާން ނިންމާފައިވާ ކަމަށާއި މިއަހަރުން ފެށިގެން އެ މިނިސްޓްރީގެ ހުރިހާ އިންވެސްޓްމަންޓެއް ވެސް ކުރިއަށް ގެންދާނީ ރިނިއުބަލް އެނާޖީ ބޭނުންކޮށްގެން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ 2013 ވަނަ އަހަރުގެ ވޯކް ޕްލޭން ލޯންޗުކުރުމަށް ޝީ ބިލްޑިންގައި މިއަދު ބޭއްވި ހަފްލާގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ މިއަހަރުންފެށިގެން އެމިނިސްޓުރީގެ ހުރިހާ އިންވެސްޓްމަންޓެއް ރިނިއުބަލް އެނާޖީ ބޭނުންކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އަދި ރިނިއުބަލް އެނާޖީގެ ދާއިރާއިން 800 މިލިއަން ރުފިޔާގެ މަޝްރޫއު މިއަހަރު ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުތައް ހިންގުމަށް ނިންމާފައިވަނީ ސަރުކާރުގެ "ކުޑަ ބަޖެޓުންނާއި" ބޭރުގެ އެހީތަކުގެ އިތުރުން ޕުރައިވެޓް ސެކްޓާ ބައިވެރިކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވީ 15 ރަށެއްގައި 30 ޕަސެންޓަށް ރިނިއުބަލް އެނާޖީ ގާއިމްކުރުމަށް އިއުލާން ކޮށްފައިވާނެ ކަމަށާއި އަދި އެފުރުސަތު ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، އެ މަޝްރޫއުގެ ދަށުން ކަނޑައަޅާ 15 ރަށް ކަނޑައަޅާނީ ރާއްޖޭގެ ތިން ސަރަހައްދަކުން ފަސް ރަށް ހިމެނޭ ގޮތަށް ކަމަށެވެ.
މަޝްރޫއު ކާމިޔާބު ކުރާ ފަރާތްތަކުން އުފައްދާ ހަކަތަ 15 އަހަރު ދުވަހަަށް ސަރުކާރުން ގަތުމަށް ނިންމާފައިވާކަމަށާއި އެމަސައްކަތް ކުރިއަށްގެންދާނީ އެ ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން އެ މަޝްރޫއު ޑިޒައިންކޮށް، ސިސްޓަމް ގާއިމްކޮށް، ސިސްޓަމްގެ މަސައްކަތްތައް ކުރާގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން ހަކަތައިގެ ދާއިރާއިން ދެ ބަޔަކަށް އެބަ ފޯކަސްކުރަން އެއީ ޑީސަލް ބޭނުންކުރާ މިންވަރު ދަށް ކުރުމާއި، ހަކަތަ އުފެއްދުމާއި އަދި މިހާރު ހަކަތަ އިސްރާފު ވާ މިންވަރު ނުވަތަ ހަކަތަ ބޭނުން ކުރެވޭ މިންވަރު ދަށް ކުރުމަށް މަސައްކަތް ކުރުން،" ކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރުމަށް "އެނާޖީ އެފަޝަންސީ" ގެ ވަރަށް ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާން ނިންމާފައިވާ ކަމަށާއި އެމަޝްރޫއު ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ބަނދަރުތަކުގައި ބޭނުންކުރާ ލައިޓްތަކަށް ތިމާވެށްޓާ ރަހުމަތްތެރި ހަކަތަ ބޭނުން ކުރުމަށް ޓަކައި ހިންގުމަށް ނިންމާފައިވާ މަޝްރޫއު ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށި 15 ރަށެއްގައި ގާއިމު ކުރެވޭނެކަމަށް މަތީން ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުގެ އެހީއާއެކު ހަރުކުރުމަށް ނިންމާފައިވާ 255000 ލެޑްލައިޓް ލިބުނުހާ އަވަހަކަށް ރާއްޖޭގެ ރަށްތަކުގެ މަގުބައްތިތައް އެ ލެޑްލައިޓްތަކަށް ބަދަލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.