23 Jan 2013, 14:00
ވޮލީ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ޅ. ނައިފަރު ޖުވެނައިލްއިން ކަށަވަރު ކޮށްފި އެވެ.
ޖުވެނައިލްއިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ، މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަންއާ ރޭ ވާދަކޮށް 3-2 ސެޓުން މެޗް ކާމިޔާބު ކޮށްގެނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު އެމެޗުގެ ސެޓުތައް ދެޓީމުން ގެންގޮސްފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ސެޓް 25-22 ޕޮއިންޓުން ކާމިޔާބު ކުރީ ޕޮލިސް ފެމިލީ އެސޯސިއޭޝަނެވެ. ދެ ވަނަ ސެޓް 25-18 އިން ޖުވެނައިލް ކާމިޔާބު ކުރިއިރު، ތިން ވަނަ ސެޓް 25-13 އިން ކާމިޔާބު ކުރީ ވެސް ޖުވެނައިލްއެވެ. އަދި މެޗުގެ ހަތަރު ވަނަ ސެޓް 25-21 ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ކާމިޔާބު ކުރިއިރު، ފަހު ސެޓް 15-11 އިން ކާމިޔާބު ކުރީ ޖުވެނައިލްއެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޖުވެނައިލްގެ ޖޯޒީ ނަންބަރު 10 ޔާމީން ހަލީލެވެ.
ޖުވެނައިލްއަށް ރޭ ލިބުނު މޮޅާއެކު އެޓީމް ވަނީ މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެފައެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ޔޫތް ސްޕޯޓްސް އާއި ބީޖީ ސްޕޯޓްސް އެވެ. މިރޭގެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ބައްދަލުކުރަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވި ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ޓީމާއެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރު ވާއިރު، އެޓީމް ވެސް މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވާނެއެވެ.