މ. އަތޮޅު ނާލާފުށީ ރަށު ކައުންސިލްގައި ހިމެނޭ ޑީއާރުޕީ އަށް ނިސްބަތްވާ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު އެ ޕާޓީން ވަކިވެ ޕީޕީއެމް އަށް މިއަދު ސޮއިކޮށްފި އެވެ.

ނާލާފުށީ ކައުންސިލްގައި ހިމެނޭ ޑީއާރުޕީ އަށް ނިސްބަތްވާ ފަސް މެމްބަރުންގެ ތެރެއިން އެ ޕާޓީން ވަކިވެ ޕީޕީއެމް އަށް ސޮއިކުރެއްވި މެމްބަރުންނަކީ ކައުންސިލްގެ ރައީސް ހަސަން އަބްދުއްރަހްމާނާއި ނައިބު ރައީސް ޔޫސުފް ސައީދު އާއި ކައުންސިލްގެ މެމްބަރު މޫސާ ވަޖީހުގެ އިތުރުން ކައުންސިލް މެމްބަރު އަހްމަދު ސައީދު އެވެ.

ނާލާފުށީ ކައުންސިލްގެ ރައީސް ހަސަން އަބްދުއްރަހްމާން "ސަން" އަށް މިއަދު ވިދާޅުވީ ޑީއާރުޕީން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގަތީ ޑިމޮކްރެޓިކް އުސޫލުން ކަންކަންކުރާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް ގަބޫލު ކުރެވުނީމާ ކަމަށެވެ. އަދި ޑީއާރުގެ ތެރޭގައި ތިބެގެން ރަށުގެ ތަރައްގީ އަށާއި ކުރިއެރުމަށް މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ގަބޫލް ނުކުރެވޭތީ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރައީސްގެ މައްޗަށް ނަގާ އިތުބާރު ނެތްކަމުގެ ވޯޓު ސިއްރުކުރަން ޑީއާރުޕީން ތާއީދު ކުރުމާއި އެ ކަމަށް ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ މަސައްކަތް ކުރެއްވި ކުރެއްވުމަކީ ވެސް ޑީއާރުޕީން ވަކިވާން ނިންމި ސަބަބެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޑީއާރުޕީގެ ތެރޭގައި މިހެން ތިބެގެން ރަށުގެ ތަރައްގީ އަށް ވެސް އެއްވެސް ކަމެއް ކުރެވިދާނެ ކަމަކަށް. އެހެންވީމާ އަޅުގަނޑުމެން ނިންމީ ޑިމޮކްރެޓިކް އުސޫލުން ހިންގާ ހަމައެކަނި ޕާޓީ، ޕީޕީއެމްއާ ގުޅެން. އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުންނަކީ މައުމޫން ދެކެ ވަރަށް ލޯބިވާ ބައެއް. އަޅުގަނޑުމެން ތިބޭނީ އެމަނިކުފާނުގެ ފަހަތުގައި،" ހަސަން ވިދާޅުވި އެވެ.

ފަަސްސަތޭކަ ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ ނާލާފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ ޕީޕީއެމް އެންމެ ފުރަތަ އުފެދުނު ދުވަހުން ފެށިގެން ވެސް އެ ޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ހިތުގައި އޮތް ކަމަށެވެ. އަދި އޭނާއާ އެކު ސޮއިކުރެއްވި އަނެއް ތިން މެމްބަރުންގެ ޚިޔާލު ހުރީ ވެސް ހަމަ އެގޮތަށް ކަމަށެވެ.

ޑީއާރުޕީ ބައިބައިވެ އެ ޕާޓީގެ ތެރެއިން ޕީޕީއެމް ވުޖޫދަށް އުފަންކުރި ދުވަހުންފެށިގެން ވެސް ގިނަ ބަޔަކު އަންނަނީ ޑީއާރުޕީން ވަކިވެ ޕީޕީއެމްއާ ގުޅެމުންނެވެ. އެގޮތުން ގިނަ އަތޮޅުތަކެއްގެ އަތުޅޮ ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުން ވަނީ އެ ޕާޓީ އަށް ބަދަލުވެފަ އެވެ.