އަށާރަ ދަރަޖައަކަށް ގިންތިކޮށް، މާލިއްޔަތު ކޮމިޓީން އެކުލަވާލައި މަޖިލީހުގެ ތަޅުމަށްގެނައި ދައުލަތުގެ މަގާމުތަކުގެ މުސާރައިގެ އޮނިގަނޑު ދިރާސާކުރުމަށް އަލުން މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.


މި އޮނިގަނޑާ ބެހޭ ރިޕޯޓަށް ހުޅުވާލި ބަހުސްގައި މީގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ އޮނިގަނޑުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އެ އަލުން ކޮމިޓީއަށް ގެންގޮސްގެން އެ އޮނިގަނޑަށް ބަދަލު ގެނައުމަށް ވެސް ބައެއް ބަރުން ގޮވާލާފައިވެ އެވެ.


މިއަދުގެ ޖަލްސާގައި، މި އޮނިގަނޑު މަޖިލީހުން ފާސްކުރަން ވޯޓަށް އެއްސެވުމުގެކުރިން، އޮނިގަނޑު ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް އަލުން ފޮނުވުމަށް މެންބަރަކު އިސްލާހް ހުށަހަޅުއްވާގައިވާތީ އެ އިސްލާހަށް ރިޔާސަތުން ފުރަތަމަ ވޯޓަށް އެއްސެވި އެވެ. އެވަގުތު ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 55 މެންބަރުން އޮނިގަނޑު ކޮމިޓީއަށް ފޮނުވުމަށް ވޯޓުދެއްވައިގެން ވަނީ ފާސްކުރައްވައިފަ އެވެ.


މި އޮނިގަނޑުގައި، ހިމެނޭ އަށާރަ ދަރަޖައިގެ ތެރެއިން އެންމެ މަތީ ދަރަޖައިގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހިމެނޭއިރު އެންމެ ދަށު ދަރަޖައިގައި ހިމެނެނީ ކައުންސިލްތަކުގެ މެންބަރުންނެވެ.


އޮނިގަނޑުގައި، ބައެއް މަގާމުތަކުގެ މުސާރަ އަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އޭގެ ތެރޭގައި، ހަ ވަނަ ދަރަޖައިގައި އޮޑިޓާ ޖެނެރަލްގެ މަގާމު ހިމަނައި، އެ މަގާމަށް މިހާރު ކަނޑައަޅާފައިވާ އެއްލައްކަ ރުފިޔާގެ މުސާރަ، ސާޅީސް ދެހާސް ފައްސަތޭކައަށް ހަމަޖައްސައި ފަނަރަ ހާސް ރުފިޔާގެ ލިވިން އެލަވަންސެއް ވަނީ ކަނޑައަޅައިފަ އެވެ. ހަ ވަނަ ދަރަޖައިގައި، އޮޑިޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން ދެން ހިމެނެނީ، ވަޒީރުންނާއި ހައިކޯޓުގެ އިސް ފަނޑިޔާރާއި ޕްރޮސިކިއުޓަރ ޖެނެރަލާއި، ޓެކްސޭޝަން ކޮމިޝަނަރާއި އެމްއެމްއޭގެ ގަވަރުނަރެވެ.  


ލެވެލް ދޭއްގައި ނާއިބު ރައީސްގެ މަގާމު ހިމެނޭއިރު ލެވެލް ތިނެއްގައި، ހިމެނޭ، އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައިގެ ގޮތުގައި ފަންސާސް ތިންހާސް އެއްސަތޭކަ ފަންސަވީސް ރުފިޔާ އެވެ. އެ ބޭފުޅުންނަށް ލިވިން އެލަވަންސްގެ ގޮތުގައި، ވިހިހާސް ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި ލެވެލް ހަތަރެއްގައި، މަޖިލީހުގެ ނާއިބާއި ސުޕުރީމް ކޯޓުގެ ފަނޑިޔާރުން ހިމަނައި، އެ މަގާމުތަކުގެ މުސާރަ ފަންސާސް އެއްހާސް، ލިވިން އެލަވަންސަށް ވިހިހާސް ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި ލެވެލް ފަހެއްގައި މަޖިލީހުގެ މެންބަރުން ހިމަނައި، އެ މަގާމުގެ މުސާރަ ސާޅީސް ދެހާސް ފައްސަތޭކަ ހިމަނައި ލިވިން އެލަވަންސަށް ފަނަރަ ހާސް ވަނީ ކަނޑައަޅައިފަ އެވެ.  މި އޮނިގަނޑުގެ ހަތް ވަނަ ދަރަޖައިގައި ހިމެނެނީ، ހައިކޯޓުގެ ފަނޑިޔާރުންގެ މަގާމެވެ. އެ މަގާމުގެ މުސާރައަކީ ތިރީސް އަށްހާސް ރުފިޔާ ކަމަށާއި، ލިވިން އެލަވަންސަކީ ފަނަރަހާސް ރުފިޔާ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.  


މި އޮނިގަނޑުގައި މާލެ އާއި އަތޮޅުތަކުގެ ކޯޓުތަކުގައި މަސައްކަތްކުރާ ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރައިގައި ބޮޑެތި ފަރަގުތަކެއް ވާކަން މި އޮނިގަނޑަށް ވާހަކަ ދެއްކެވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ރޭ ފާހަގަކުރައްވައިފަ އެވެ.  އެގޮތުން މާލޭ ކޯޓުތަކުގެ ގާޒީންނަކީ އޮނިގަނޑުގެ ނުވަ ވަނަ ލެވެލް ކަމުގައި ހިމެނޭ މަގާމުތައް ކަމަށް ހިމަނައި، އެ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ތިރީސްހާސް ރުފިޔާ، ލިވިން އެލެވަންސްގެ ގޮތުގައި، ފަނަރަހާސް ރުފިޔާ ކަނޑައަޅާފައިވާއިރު، ރަށު ކޯޓުތަކުގެ މެޖިސްޓްރޭޓުން ފަނަރަ ވަނަ ލެވެލްގައި ހިމަނައި، އެމީހުންގެ މުސާރަ އަކީ، ސޯޅަ ހާސް ރުފިޔާ ކަމަށާއި، ލިވިން އެލަވަންސަކީ ހަތަރު ހާސްރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.  


އޮނިގަނޑުގެ އެންމެ ފުލުގައި، ކައުންސިލްތަކަށް އިންތިހާބުވާނެ އެކި މަގާމުތައް ހިމެނޭއިރު، ލެވެލް ބާރައިގައި ހިމެނޭ، ސިޓީ ކައުންސިލްގެ ނާއިބު ރައީސް (ޑިޕިއުޓީ މޭޔަރު)ގެ މުސާރައަށް ހަތާވީސް ހާސް ރުފިޔާ އާއި ލިވިން އެލަވަންސަށް އަށްހާސް ރުފިޔާ ކަނޑައަޅާފައިވެ އެވެ.  އަދި ލެވެލް ތޭރައިގައި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި އިސް މެޖިސްޓްރޭޓުންނާއި ސިޓީކައުންސިލް މެންބަރުން ހިމަނައި އެ މަގާމުތަކުގެ މުސާރައަކީ، ނަވާރަ ހާސް ރުފިޔާ ކަމަށާއި ލިވިލް އެލަވަންސަކީ ހަހާސް ރުފިޔާ ކަމަށް ވަނީ ހިމަނައިފަ އެވެ. އަދި ލެވެލް ސާދައިގައިވާ އަތޮޅު ކައުންސިލްތަކުގެ ނާއިބުންގެ މުސާރައަކީ، ސަތާރަ ހާސް ރުފިޔާ އެވެ. ލިވިން އެލަވަންސް، ފަސްހާސް ރުފިޔާ، ކަނޑައަޅާފައިވާއިރު، ލެވެލް ސޯޅައިގައި، ރަށު ކައުންސިލްތަކުގެ ރައީސުންނަށް ބާރަހާސް ރުފިޔާގެ މުސާރަ އާއި ތިންހާސް ރުފިޔާގެ ލިވިން އެލަވަންސެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި ރަށު ކައުންސިލްތަކުގެ ނާއިބު ރައީސުންނަށް ނުވަހާސް ފައްސަތޭކަ ރުފިޔާގެ މުސާރައަކާއި، ދެހާސް ފައްސަތޭކަ ރުފިޔާގެ ލިވިން އެލަވަންސް ކަނޑައަޅާފައިވާއިރު، އޮނިގަނޑުގައި ހިމެނޭ އެންމެ ދަށް ލެވެލްގައި، ހިމެނޭ ރަށު ކައުންސިލްތަކުގެ މެންބަރުނަށް ނުވަހާސް ރުފިޔާގެ މުސާރައަކާއި ދެހާސް ރުފިޔާގެ އެލަވަންސެއް ވަނީ ކަނޑައަޅައިފަ އެވެ.