ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު މަރާލިކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ކުރާ ދައުވާގައި ދައުލަތުން މިއަދު ހެކި ހުށަހަޅައިފި އެވެ.

އޭނާ މަރާލިކަމަށް ތުހުމަތު ކުރެވޭ އޭނާއަށް ދޮންކާފަ ކިޔާ ގ. އިރުފާ އަހުމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓް މުހައްމަދު ފައިސަލާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި އެމީހުން ކުށުގެ ވެށިން ފެނުނު އެއްވެސް މީހަކު ނެތެވެ.

އެ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް 11 ހެކީން ހުށަހެޅި އިރު އޭގެތެރޭގައި ހިމެނެނީ ތިން ފުލުހަކާއި މާފަރުގެ ބައެއް މީހުންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ބައެއް ހެކީންނަކީ ހަސަން އަބޫބަކުރުގެ މަރުވެފައި އޮތް ހަށިގަނޑު ފެނުނު މީހުން ކަމަށެވެ. އަދި ހަސަން އަބޫބަކުރު މަރާލި ރޭ މިޝަނެއް ޖައްސާން އުޅޭކަމަށް އެ ދެ މީހުން ބުނެފައިވާކަން ސާބިތު ކުރުމަށް ހެކި ހުށަހަޅާފައިވާކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެ މީހުންގެ ތެރެއިން ފައިސަލްގެ މަންމަ ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް ފަހު ދައުލަތުގެ ވަކީލު ވިދާޅުވީ އޭނާގެ މަންމަ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ހަސަން އަބޫބަކުރު މަރާލި ރޭ ފައިސަލް އޭނާ ލައިގެން ހުރި އަންނައުނުތައް އުކާފައިވާކަމަށް އޭނާގެ މަންމަ ތަހުގީގަށް ބަޔާންދީފައިވާތީ ކަމަށެވެ.

ހަސަން އަބޫބަކުރު މަރާލިގޮތްކަމަށް ބުނެ ނައުޝާދާއި ފައިސަލް ކުޅެފައިވާ ތަމްސީލަކާއި ތަހުގީގުގައި އެމީހުން ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯ ފްޓޭޖެއްވެސް ދައުލަތުން މިއަދު ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.

ހެކިތައް ހުށަހެޅުމަށް ފަހު ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި އިތުރު ހެކިތަކެއް ލިބެންހުރިކަމަށް ފުލުހުން ބުނާތީ އެ ހެކިތައް ހުށަހެޅުމަށް ފުރުސަތު ބޭނުންވާކަމަށެވެ.

ހަސަން އަބޫބަކުރު މަރާލިކަމަށް އިއުތިރާފުވެ ތަހުގީގަށް ބަޔާންދިނީ ކީއްވެގެންތޯ ގާޒީ އެއްސެވުމުން ހަސަން އަބޫބަކުރަށް ދޮންކާފަ ކިޔާ ނައުޝާދު ބުނީ ތަހުގީގުގައި އޭނާ ކުށަށް އިއުތިރާފުވީ އަނބިދަރިން ޖަލަށްލާނެ ކަމަށް ބުނެ ފުލުހުން ބިރުދެއްކުމުން ކަމަށެވެ.

"ބިރުދައްކައިގެން ނެގި ބަޔާނެއް އެއީ. އަނބިދަރިން ޖަލަށްލާނެ ކަމަށް ބުނެ ފުލުހުން އަޅުގަނޑަށް ބިރުދެއްކީ،" ނައުޝާދު ބުންޏެވެ.

ގާޒީގެ ސުވާލުތަކަށް ޖަވާބުދެމުން ފައިސަލް ބުނީ ތަހުގީގުގައި ހަސަން އަބޫބަކުރު މަރާލިކަމަށް އިއުތިރާފު ވެވުނީ ފުލުހުން އޭނާގެ ގައިގައި ތަޅައި އަނިޔާކުރުމުން ކަމަށެވެ.

ފައިސަލްގެ ގޭގެ ގިފިލިތެރޭގައި ވަޅުލާފައި ހުރި ފައިސާތަކެއް ފުލުހުން ހޯދިތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ ގިފިލިތެރެއިން ފުލުހުން ނެގީ 4500ރ. ކަމަށާއި އެއީ އޭނާ މަސައްކަތްކޮށްގެން ހޯދި ފައިސާއެއް ކަމަށެވެ. އަދި އެ ފައިސާ ފުލުހުންނަށް ދެއްކީ ފުލުހުން ބިރުދެއްކުމުން ކަމަށް ވެސް ފައިސަލް ބުންޏެވެ.

"ފައިސާ ހޯދިކަން އެނގޭ. އެ ފައިސާ ހުރީ ގިފިލިތެރޭގައި އެއީ އަޅުގަނޑު މަސައްކަތް ކޮށްގެން ލިބުނު ފައިސާތަކެއް. އެއީ 4500ރ. އެފައިސާ ފުލުހުންނަށް ދެއްކީ ބިރުން،" ފައިސަލް ބުންޏެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ހަސަން އަބޫބަކުރުގެ މަރު ސާބިތުކުރި ފޯމާއި މެޑިކޯލީގޯ ރިޕޯޓުން އެނގޭގޮތުގައި އޭނާ މަރުވެފައި ވަނީ ނޭފަތު ކަށިގަނޑަށް އަނިޔާލިބި ނޭވާ ހާސްވުމުން ކަމަށެވެ.

ދައުލަތުން އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނަނީ އެ ދެ މީހުން އިތުރު މީހަކާ ބައިވެރިވެގެން މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހުގެ 1:00 ޖަހާ އެހާކަންހާއިރު ހަސަން އަބޫބަކުރު ބަނދެ އޭނާ ދިރިއުޅޭ ހިތްފަސޭހަގެ އިން ވައްކަން ކުރުމަށް ރާވައި ހަސަން އަބޫބަކުރު ނިދާފައި އޮއްވާ އެ ތިން މީހުން އެގޭގެ ގިފިލީގެ ދޮރުން އެ ގެއަށް ވަދެފައިވާ ކަމަށެވެ. ތިން މީހުން އެގެއަށް ވަނުމަށްފަހު އަބޫބަކުރު ހިފަހައްޓައި ފައިސަލް އޭނާގެ އަނގަމަތީގައި ޓީޝާޓެއް އަޅައި ލޯމަތީގައި ބާލީހެއް އެޅުމުން ނައުޝާދާއި އަނެއް މީހާ އަބޫބަކުރުގެ އަތުގައި ހިފަހައްޓައި އިންސިއުލެޝަން ޓޭޕުން ދެއަތް ބަދެފައިވާއިރު އެ މީހުންގެ އެ އަމަލުތަކުގެ ސަބަބުން އޭނާ މަރުވެފައިވާކަމަށް ވެސް ދައުލަތުގެ ދައުވާގައި ވެއެވެ.