23 Jan 2013, 13:07
އިންޑިއާ ކަނޑުގައި ހިމެނޭ ޖަޒީރާ ޓޫރިސްޓް މަންޒިލްތައް އެކުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ އޮގަނައިޒޭޝަނެއް ކަމަށްވާ ވެނީލާ އައިލެންޑްސް ރީޖަނަލް އޯގަނައިޒޭޝަން (ވީއައިއާރްއޯ)ގައި ރާއްޖެ ބައިވެރި ކުރުމަށް އެ އޯގަނައިޒޭޝަނުން ނިންމައިފި އެވެ.
ސީޝެލްސް، މޮރިޝަސް، ލަ ރިޔޫނިންއަން، މަޑަގަސްކަރަ، ކޮމޮރޯސް އަދި މަޔޯޓޭ ހިމެނޭ ޖަމިއްޔާ އިން މިމަހުގެ 15 ވަނަ ދުވަހު ލަ ރިޔޫނިއަންގައި އެ އޯގަނައިޒޭޝަން އަލުން އެކުލަވާލުމަށް ބޭއްވި ބައްދަލުވުމެއްގައި މެންބަރު ވޯޓުދީފައި ވަނީ ރާއްޖެ ވެސް އޭގެ މެންބަރަކަށް ވުމަށް ރަސްމީކޮށް ދައުވަތު ދިނުމަށެވެ.
ރާއްޖެ އެ އޯގަނައިޒޭޝަންގެ މެންބަރަކަށް ހެދުމުގެ މައްސަލަ ހުށަހަޅަމުން ވީއައިއާރްއޯ މިހާރުގެ ރައީސް، ސީޝެލްސްގެ ޓޫރިޒަމް މިނިސްޓަރު އެލައިން އެސްޓީ އޮންޖް ވިދާޅުވީ ދިވެހިރާއްޖެ ކަހަލަ ޓޫރިޒަމް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ވަރުގަދަ ޓޫރިޒަމް މަންޒިލަކުން ވެނީލާ އައިލެންޑްގެ މެންބަރަކަށް ވެއްޖެ ނަމަ އިންޑިޔާ ކަނޑުގެ ސަރަހައްދީ ޖަމިއްޔާ އިތުރަށް ވަރުގަދަ ވެގެން ދާނޭ ކަމަށެވެ.
ސީޝެލްސް ޓްރެވަލް ވެބްސައިޓުގައިވާ ގޮތުން ލަ ރިޔޫނިއަންގައި ބޭއްވި ބައްދަލުވުމަށް ފަހު މިނިސްޓަރު އޮންޖް ވަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލް ޣަފޫރާ ބައްދަލުކޮށްފަ އެވެ. އަދި އިނގިރޭސިވިކާތުގެ ލަންޑަންގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް ޓޫރިޒަމް ޓްރޭޑް ފެއާގައި ވެނީލާ އައިލެންޑްސްގެ މެންބަރަކަން ރަސްމީކޮށް ގަބޫލުކުރާނޭ ކަމުގެ ޔަގީންކަން ދެއްވުން އެދި އެ އޯގަނައިޒޭޝަންގެ ރައީސް އެލައިން އެސްޓީ، އޮންޖް ވަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަށް ރަސްމީކޮށް ސިޓީއަކުން ދަންނަވައުފަވެ އެވެ.
ވީއައިއާރްއޯގެ އެ މީޓީންގައި އޮންޖީ ވިދާޅުވެފައި ވަނީ ދެން އޮންނަ މީޓިން އެއްގައި ސްރީލަންކާ އާއި ޒަންޒިބާރު ވެސް އެ ޖަމިއްޔާގައި ބައިވެރިވުމަށް ދައުވަތު ދިނުމަށް ހުށަހަޅާނޭ ކަމަށެވެ.
އަދި ހަމަ އެއާ އެކު އޮންޖް ވަނީ ވެނީލާ އައިލެންޑްސްގައި ރާއްޖެ ބައިވެރިވުމަށް ގޮވާލައި އެކަން ފުރަތަމަ ސަމާލުކަމަށް ގެނެސް ދީފައިވާތީ މޮރިޝަޝް އަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ. މޮރިޝަޝްގެ ބޮޑުވަޒީރުގެ ނައިބު އަދި އެ ގައުމުގެ ފައިނޭންސް މިނިސްޓަރު ޒަވިއާ ލަކް ޑުވަލް ވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ރާއްޖެ އަށް ޒިޔާރަތްކޮށް ދެ ގައުމުގެ ދެމެދުގައި ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް މަގުފަހި ކުރުވާފަ އެވެ.