23 Jan 2013, 12:49
އޮންލައިންކޮށް ފުލުހުންނަށް ޝަކުވާ ހުށަހެޅުމާއި މައްސަލަތައް ރިޕޯޓް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބް އިންސްޕެކްޓާ ހަސަން ހަނީފް މިއަދު ވިދާޅުވީ ކޮންމެ ކަހަލަ ކޮންމެ ވައްތަރެއްގެ މައްސަލައެއް ފުލުހުންނަށް މެއިލްގެ ޒަރީއާ އިން ރިޕޯޓް ކުރިޔަސް އެކަމަކަށް ވަގުތުން އެޓެންޑްވެ އެ މައްސަލައެއް ބަލާނެ ކަމަށެވެ. އަދި އޮންނަ އުސޫލުގެ ދަށުން ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭ އެ މައްސަލައިގެ ޖަވާބެއް ފޮނުވާނެ ކަމަށެވެ.
ފުލުހުންނާއި ފުލުހުންގެ މުއައްސަސާއާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ފުލުހުންގެ މަރުކަޒަށް ނުގޮސް މެއިލްގެ ޒަރިއްޔާ އިން އެ ޝަކުވާއެއް ފޮނުވާނީ[email protected]އަށެވެ.
ފުލުހުންނާއި ފުލުހުންގެ މުއައްސަސާއާ ބެހޭ ގޮތުން އޮންލައިންކޮށް ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ގާއިމް ކުރި ނަމަވެސް ކުރިއެކޭ އެއްގޮތަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވެގެންނާއި ލިޔެކިޔުމުން ވެސް އެފަދަ ޝަކުވާ ހުށަހެޅިދާނެ ކަމަށް ފުލުހުން ބުނެ އެވެ.
ހަނީފް ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ވީހާ ވެސް އަވަހަށް އާންމުންނަށް ގާތުން ޚިދުމަތް ދިނުމުގެ ގޮތުންނާއި ފުލުހުންގެ މަރުކަޒަށް ހާޒިރުނުވެ ފުލުހުންނަށް މައްސަލަތައް ހުށަހަޅަން ބޭނުންވާ ފަރާތްކަށް އެ ފުރުސަތުފަހި ކުރުމުގެ ގޮތުން ކަމަށެވެ.
ފުލުހުންނަށް އޮންލައިންކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އިރު، މިދިޔަ އަހަރު ވަނީ އީ ސާވިސްގެ ޚިދުމަތްވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން ފުލުހުންގެ ވެބްސައިޓްގައި ހިމަނާފައިވާ އީ ސާވިސް މެދުވެރިކޮށް ޓޯކޮށްފައިވާ ވެހިކަލްތަކާއި ޕޮލިސް ސެޓްފިކެޓްތަކާއި ތަފާސްހިސާބުގެ އިތުރުން ޕޮލިސް ކޭސްތައް ވެސް ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.