އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްއަށް އަދިވެސް އެންމެ މަތީ ދަރަޖައިގައި ކުޅެވިދާނެ ކަމަށް އިނގިރޭސި ގައުމީ ޓީމްގެ ކުރީގެ ކޯޗު ސްވެން ގޯރާން އެރިކްސަން ބުނެފި އެވެ.

މިހާރު އެރިކްސަން ކޯޗުކޮށްދެމުންދާ ޔޫއޭއީގެ ދުބާއީ އަށް ނިސްބަތްވާ ކްލަބެއް ކަމަށްވާ އައްނަސްރަށް ބެކަމް ގެންނާން ބޭނުންވާ ކަމަށް ވެސް އެރިކްސަން ބުނެފައި ވެއެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ބެކަމް ހަދައިފައިވާ ކޮންޓްރެކްޓް ހަމަވީ ނިމިގެންދިޔަ ޑިސެންބަރު މަހުގަ އެވެ.

"އަހަރެން ކޮންމެ ދުވަހަކުހެން ބެކަމްއާ ވާހަކަދައްކަން. ނަމަވެސް އަހަރެންނަކަށް ނޭނގޭ އޭނާ ހަދާނެ ގޮތެއް. ނޫނީ ދާނެ ކްލަބެއް ވެސް ނޭނގެ. އަހަރެން އަޑުއެހިން ބެކަމް ޔޫއޭއީ ނޫނީ އޮސްޓްރޭލިއާ ނޫނީ ޗައިނާއަށް ނުވަތަ ޔޫރަޕަށް އެނބުރި ދާން އުޅޭ ވާހަކަތަކެއް ވެސް. އޭނާ މިތަނަށް އަންނާން ބޭނުންނަމަ، މި ކްލަބުން ބެކަމްއަށް އެ ފުރުސަތު ހުޅުވާލާނެ. ބެކަމްއަށް އަދިވެސް އެންމެ މަތީ ފެންވަރުގައި ކުޅެވިދާނެ." އެރިކްސަން ބުންޏެވެ.

ފުޓްބޯޅަ ކެރިޔަރު އަދި ނިންމައިލާން ބޭނުން ނުވާ ބެކަމް ގެލެކްސީގެ ކޮންޓްރެކްޓް ނިންމައިލީ އެކުލަބަށް ބޮޑު ކާމިޔާބެއް ހޯދައިދިނުމަށް އެހީތެރިވެދީފަ އެވެ. އޭނާ ވަނީ ގެލެކްސީއަށް އެމްއެލްއެސް ކަޕް ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެދީފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅުނު ބެކަމް އެމެރިކާ ލީގަށް ބަދަލުވީ 2007 ވަނަ އަހަރު އެވެ. އެމެރިކާ ލީގުގެ އޯފް ސީޒަނުގައި އޭނާ ވަނީ ދެ ފަހަރަކު އިޓަލީގެ އޭސީ މިލާނަށް ކުޅެފައެވެ. މިހާރު ބެކަމް ހޯދުމަށް ޕްރެމިއާ ލީގުގެ ވެސްޓް ހާމް ޔުނައިޓެޑާއި ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރް) އިން މަސައްކަތް ކުރަމުން ދާ ކަމަށް ހަބަރު ލިބެއެވެ.