23 Jan 2013, 12:20
ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ތުނި ޓެބްލެޓް ޕީސީ ޖަޕާނުގެ މަޝަހޫރު ސޮނީ ކުންފުނިން އުފައްދައިފި އެވެ. ސޮނީގެ އެކްސްޕީރިއާ ޒެޑްގެ ނަންދީފައިވާ އެ ޓެބްލެޓްގެ ބޯމިނުގައި ހުންނަނީ 6.9 މިލިމީޓަރެވެ.
ސޮނީން އަލަށް އުފެއްދި އެކްސްޕީރިއާ ޒެޑް ޓެބްލެޓަކީ އައިޕެޑް މިނީ އަށްވުރެ 0.25 މިލިމީޓަރު ތުނި އަދި 10.1 އިންޗީގެ ބޮޑު ސްކްރީނެއް ހިމެނޭ އެންޑްރޮއިޑް ޕަވާޑް ޓެބްލެޓެކެވެ. އަދި ހަމަ އެއާ އެކު އެކްސްޕީރިއާ ޒެޑަކީ މިހާރު ހުރި އެންމެ ލުއި ޓެބްލެޓް ކަމަށްވާ ޓޮޝިބާ އެކްސައިޓް 10 އެލްއީ އަށް ވުރެ ލުއި ޓެބްލެޓެއް ވެސް މެއެވެ. އަދި ހަމަ އެހެންމެ އެއީ ފެނާއި ހިރަފުސް ނުވަންނަ ގޮތަށް ތައްޔާރުކުރެވިފައިވާ ޓެބްލެޓެއް ވެސް މެއެވެ.
ސޮނީ އެކްސްޕީރިއާ ޒެޑްގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް ގެ ތެރޭގައި 1.5 ގިގަހާޓްޒްގެ ކުއަޑްކޯ ޕްރޮސެސާ އަކާއި، 2 ޖީބީގެ ރެމްއެއް ހިމެނެއެވެ. އަދި ހަމަ އެހެންމެ 32 ޖީބީގެ ސްޓޯރޭޖާއި، މައިކްރޯ އެސްޑީއެކްސްސީ ކާޑު ސްލޮޓަކާއި، ފުރަގަހުގައި ހުންނަ 8 މެގަ ޕިކްސެލްގެ ކެމެރާއަކާއި ކުރިމަތީގައި ހުންނަ 2 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭ އިރު ވާޗުއަލް ސަރައުންޑިންގް ބިލްޓް-އިން ސްޕީކާ ސިސްޓަމެއް ވެސް އޭގައި ހިމެނެ އެވެ.
އެކްސްޕީރިއާ ޒެޑްގައި ރަން ކުރާނީ އެންޑްރޮއިޑް 4.1 ޖެލީބީން އެވެ. އަދި ސޮނީގެ ކުރީގެ ބައެއް ސޮފްޓްވެއާ އެޕްސް ތަކާއެކު ސޮނީ ވޯކްމަން މިއުޒިކް އެޕް ވެސް ހިމެނޭނެ އެވެ. ވޯކްމަން މިއުޒިކް އެޕްލިކޭޝަންގައި ވިޒުއަލައިޒާއަކާއި، ބިލްޓް-އިން ފޮޓޯ އެޑިޓަރަކާއި، އެންމެ ކަމުދާ މިއުޒިކުތައް އޮޓޮމެޓިކުން ސިލެކްޓް ކުރެވޭ ސްލައިޑްޝޯ އެޕެއް ވެސް ހިމެނެ އެވެ.
އެންޑްރޮއިޑް އެހެން ޓެބްލެޓް ތަކާ އަޅައި ކިޔާ އިރު އެކްސްޕީރިއާ ޒެޑްގެ ހަމައެކަނި މައްސަލައެއްކަމަށް ފާހަގަ ކުރެވިފައިވަނީ އޭގެ 6000 އެމްއޭއެޗް ބެޓްރީ އެވެ. އެހެން ނަމަވެސް އޭގެ ބެޓްރީ ލައިފްއަކީ ކިހާވަގުތެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ސޮނީން ހާމަކޮށްފައި ވާގޮތުން އެކުންފުނީގެ އާ ޕްރޮޑަކްޓް، ސޮނީ އެކްސްޕީރިއާ ޒެޑް މިވަގުތަށް ނެރޭން ހަމަޖެހިފައިވަނީ ހަމައެކަނި ޖަޕާނުގެ މާކެޓަށެވެ. އެހެން ނަމަވެސް ފެބުރުވަރީ މަހުގެ ފަހުކޮޅު ސްޕެއިންގެ ބާސެލޯނާގައި އޮންނަ ޓްރޭޑް ފެއާއެއް ކަމަށްވާ މޯބައިލް ވޯލްޑް ކޮންގްރެސްގައި އެހެން މާކެޓްތަކަށް ވެސް އެކްސްޕީރިއާ ޒެޑް ހުޅުވައިލާން ގަސްތު ކުރާ ކަމަށް ސޮނީން ބުނެއެވެ.