މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މިއަހަރު ކުރާން ރާވައިފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނުގެ ހިދުމަތުގެ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ގާއިމްކުރުމުގެ މަސައްކަތް 15 ރަށެއްގައި ފަށާން ނިންމައިފައިވާ އިރު 47 ރަށެއްގައި ނަރު ދަމާގެ މަސައްކަތް ފަށާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ 2013 ވަނަ އަހަރުގެ ވޯކް ޕްލޭން ލޯންޗުކުރުމަށް ޝީ ބިލްޑިންގައި މިއަދު ބޭއްވި ހަފްލާގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ ނަރުދަމާ އާއި ފެނުގެ މަޝްރޫއުތަކަކީ ގިނަ ދުވަސްނަގާ މަސައްކަތްތަކަކަށް ވުމުން މި އަހަރު ފަށާ މަސައްކަތްތައް މި އަހަރު ނުނިމުނު ކަމުގައި ވިޔަސް މިއަހަރު ތެރޭގައި އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ.

ބަޖެޓުގެ ދަތިކަމާއެކު ވެސް ފެނުގެ ހިދުމަތް ދިނުމަށް ބަޖެޓުން ހަރަދުކޮށްގެން ފަސް ރަށެއްގައި މަސައްކަތްފަށާއިރު ހިލޭ އެހީގެ ގޮތުގައި ހަތަރު ރަށެއްގައި އަދި ލޯނު އެހީގެ ގޮތުގައި ހަ ރަށެއްގައި ފެނުގެ މަޝްރޫއުތައް ފަށާން ހަމަޖެހިފައިވާކަމަށް މަތީމް ވިދާޅުވިއެވެ. އަދި ބަޖެޓުން ހަރަދުކޮށްގެން 32 ރަށެއްގައި ނަރުދަމާގެ މަސައްކަތް ފަށާއިރު ލޯނުގެ އެހީގައި 13 ރަށެއްގައި އަދި ސީއެސްއާރްގެ ދަށުން ދެ ރަށެއްގައި ނަރުދަމާގެ މަޝްރޫއުތައް ހިންގުމަށް ނިންމައިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގެ މަތިން ފެނުގެ ހިދުމަތް ގާއިމް ކުރެވިފައިވަނީ ހަތަރު ރަށެއްގައި، އަދި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވިފައިވަނީ ޖުމުލަ 30 ރަށެއްގައި، ނަމަވެސް މިއަހަރު ރައްޔިތުނަށް ޓަކައި އެ ދާއިރާއިން ކުރެވޭނެ މަސައްކަތްތައް އިތުރުވެގެންދާނެ" މަތީން ވިދާޅުވިއެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތްތަކަށް ސަރުކާރުގެ ބަޖެޓުން މިއަހަރު 315 މިލިއަން ރުފިޔާ ހަރަދު ކުރާން ނިންމައިފައިވާ އިރު އެއިގެ ތެރެއިން 50 މިލިއަން ރުފިޔާ ޕުރޮގުރާމް ބަޖެޓަށް ހަރަދުކުރާން ނިންމާފައިވާ ކަމަށެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕުރޮގުރާމް (ޕީއެސްއައިޕީ) އަށް 265 މިލިއަން ރުފިޔާ ހަރަދުކުރާން ނިންމައިފައިވާއިރު އޭގެ 70 ޕަސެންޓަކީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ހަރަދު ކުރާން ހަމަޖެހިފައިވާ ފައިސާ ކަމަށް ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ލޯނާއި ހިލޭ އެހީގެ ތެރެއިން 500 މިލިއަން ރުފިޔާ ބޭނުންވާއިރު މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކަށް 900 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ ބަޖެޓުގެ ތާށިކަމާ އެކު ވެސް ތަފާތު ދާއިރާތަކުން ފައިސާ ހޯދައިގެން އެމިނިސްޓްރީން މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޖެޓުގެ ތާށިކަމާ އެކު ބައެއް ދާއިރާތަކަށް ބަލާއިރު އަޅުގަނޑުމެނަށް މުސާރަ ނުދެވޭނެއޭ ބުންޏަސް ރަނގަޅުވާނެ، އެހެންނަމަވެސް އަޅުގަނޑުމެންގެ އަތުގައި ހުރި އެކިއެކި ޕުރޮޖެކްޓްތަކުންނާއި އަދި އެނޫން އެހެން ގޮތް ގޮތުން އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން އަދި ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައި ހައްލެއް ލިބޭތޯ މަސައްކަތްކުރަމުން" ޝަކީލާ ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެކިއެކި ކަންތައްތައް ހައްލު ކުރުމުގެ ގޮތުން ސަރުކާރުގެ ބަޖެޓުން 14.03 މިލިއަން ރުފިޔާ ހަރަދު ކުރާން ނިންމައިފައިވާ އިރު ބޭރުގެ އެހީން 128.7 މިލިއަން ރުފިޔާ ހަރަދު ކުރާން ނިންމައިފައިވާ ކަމަށެވެ.