ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީގެ ކައުންސިލްގެ ރުހުމާ އެކު ޕާޓީގެ ކައުންސިލަށް އައްޔަން ކުރައްވާ ތިން މެމްބަރުންގެ ގޮތުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާ އެކު ދެ މެމްބަރަކު އިންތިހާބްކޮށްފި އެވެ.

ކައުންސިލަށް ރައީސް މައުމޫންގެ ފަރާތުން ހޮވިވަޑައިގެންނެވި ތިން މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވީ ސިޔާސީ ދާއިރާ އިން ކައުންސިލަށް ހޮވިވަޑައިގެންނެވި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޒުވާނުންގެ ތެރެއިން ކައުންސިލަށް ހޮވިވަޑައިގަތް ޒާހިދު ރަމީޒުގެ އިތުރުން މަތީ ތައުލީމުގެ ދާއިރާ އިން އާމިނަތު އާތިފާ އެވެ.

އަބްދުއްރަހީމަށް ކައުންސިލްގެ 22 މެމްބަރުން ވޯޓްދެއްވި އިރު ޒާހިދަށް ލިބިވަޑައިގެންނެވީ 18 ވޯޓެވެ. އަދި އާތިފާ ކައުންސިލަށް ހޮވިވަޑައިގެންފައި ވަނީ 21 ވޯޓާ އެކުގަ އެވެ.

ޕީޕީއެމްގެ އޮފިޝަލަަކު މިއަދު ވިދާޅުވީ ޕާޓީގެ ކައުންސިލަށް މެމްބަރުން ހޮވުމަށް ރޭ މޫކައި ހޮޓެލްގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލްގެ 28 މެމްބަރުން ބައިވެރިރިވެވަޑައިގެންނެވި ކަމަށާއި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 26 މެމްބަރުން ކަމަށެވެ.

ތަފާތު ތިން ކެޓަގަރީއަކުން ތިން ބޭފުޅެއްގެ ނަން ކޮންމެ މެމްބަރަކު ވެސް ޜޭގެ ބައްދަލުވުމުގައި ވަނީ ހުށަހަޅުއްވައިފަ އެވެ. އޭގެތެރެއިން ކޮންމެ ބޭފުޅަކު ވެސް ހުށަހެޅުއްވި ތިން ނަމުގެ ތެރޭގައި އަންހެން ބޭފުޅަކު ހިމެނުމަށް ޕާޓީގެ ކައުންސިލުން ނިންމާފައި ވާތީ ކޮންމެ ބޭފުޅަކު ވެސް ވަނީ އަންހެން ބޭފުޅެއްގެ ނަން ވެސް ހުށަހަޅުއްވާފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ކައުންސިލްގެ 36 މެމްބަރުން ތިބޭނެ އެވެ. އޭގެ ތެރެއިން އިލްމުވެރިންގެ ގޮނޑި ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި އެއް ދައުރަށް ހުސްކޮށްފައިވާ ކަމަށާއި އަންހެން ނައިބް ރައީސަކު ޕާޓީގެ ގައުމީ ޖަލްސާއަކުން އިންތިހާބް ކުރެވެންދެއް އެ ގޮނޑި ވެސް ހުންނާނީ ހުހަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލްގައި މިހާރު ހިމެނޭ 34 ގޮނޑީގެ ތެރެއިން އެ ޕާޓީގެ ކޮންގްރެސް އިން ވަނީ 14 މެމްބަރަކު ކައުންސިލްގެ ގޮނޑިއަށް އިންތިހާބްކޮށްފަ އެވެެ.

ރައީސް މައުމޫން ކައުންސިލަށް އައްޔަން ކުރައްވާ ތިން މެމްބަރުންގެ އިތުރުން ދެން ތިއްބަވާނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސް އާއި ޕާޓީގެ މުސްތަޝާރު ނުވަތަ ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ވާދަކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އަދި ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ ތެރެއިން 10 މެންބަރުންނާއި ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި ޒުވާނުންގެ އަންހެނުންގެ ހަރަކާތުގެ ރައީސާއި ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އާއި ކައުންސިލަރަކު ކަމުގައި އެޕާޓީގެ ކައުންސިލްއެޕާޓީގެ އިސްލާހު ކުރި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވެ އެވެ.