23 Jan 2013, 11:38
މަސީ ބިލްޑާސް އެވޯޑަށް އެޕްލިކޭޝަން ފޮނުވުމަށް ކުރީން ދީފައިވާ މުއްދަތު ހަމަވިއިރު، ހުށަހަޅާފައިވާ ޕްރޮޖެކްޓުތައް މަދުވުމުން ޕްރޮޖެކްޓުތައް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް، މަސީ ބިލްޑާސް އެވޯޑު ފަސްކޮށްފި އެވެ.
މަސީ ބިލްޑާސް އެވޯޑް ފަސްކުރީ ކިހާ ދުވަހަކަށް ކަމެއް މަސީއަކުން އަދި ހާމައެއް ނުކުރެ އެވެ. ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް ތަމްސީލްކުރާ މައި ޖަމިއްޔާ، މަސީން ބުނީ، "މަސީ ބިލްޑާސް އެވޯޑް" އަށް އެޕްލިކޭޝަން ފޮނުވުމަށް ކުރިން ދީފައިވާ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވާ ޕްރޮޖެކްޓުގެ މަދުކަމުން އަލުން ފުރުސަތު ދިނުމަށް މަސީ ބިލްޑާސް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން މަސީ ބިލްޑާސް އެވޯޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ފަސް ކުރުމަށް މަސީގެ އެގްޒެކްޓިވް ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ބިލްޑާސް އެވޯޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހެވެ. އެ ދުވަހުގެ ހަވީރު 4:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ވެސް އެގްޒެކްޓިވް ބޯޑުން ނިންމާފައިވާ ކަމަށް މަސީން ބުނެ އެވެ. އަދި ބިލްޑާސް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރުމަށް ފާސްކޮށްފައިވާ ކަމަށް ވެސް މަސީން މައުލޫމާތު ދެއެވެ.
އެވޯޑުގެ ތާރީޚަށް މި އައި ބަދަލާއެކު މި ލިބުނު ފުރުސަތުގައި މަސީގެ މެމްބަރު ކުންފުނިތަކުން މަސީ ބިލްޑާސް އެވޯޑަށް އެޕްލިކޭޝަން ހުށަހެޅުމަށް މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު އިލްތިމާސް ކުރައްވަ އެވެ.