އަނިޔާވެރި ޖަރީމާތައް ހުއްޓުވުމަށް މީހުންމަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.


ހއ. ހޯރަފުށީ ސީވިއު ހުސެއިން މުހައްމަދު މަނިކު (ހުސޭނުބެ) ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ މައްސަލަ މަޖިލީހާއި ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް، މިހާރު ގައުމުގައި ހިނގަމުންދާ އެފަދަ އަމަލުތަކާދެކޮޅަށް އެންމެން އަތު ގުޅާލުމަށް އިލްތިމާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވަމުން ހޯރަފުށީ ދާއިރާގެ އަހުމަދު ރަޝީދު ވިދާޅުވީ، އެ މައްސަލައަކީ، ގައުމުގައި އިތުރުވަމުންދާ މައްސުވާތަކެތީގެ ސަބަބުން އުފެދޭ މައްސަލަތަކެއްކަމަށެވެ. އަދި ހުސޭނުބޭގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނާ ދެކޮޅަށް ސާބިތުހެކި ހޯދުމަށް ފަރުވާތެރިކަމާ އެކު މަސައްކަތް ކުރުމަށް ފުލުހުންނަށް ގޮވާލެއްވި އެވެ. އަދި ހޯރަފުޓަށް ނުދެވޭނެ ގޮތަކަށް އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށާއި އެ މީހުން ހޯރަފުއްޓަށް ގޮސްފި ނަމަ ގާނޫނީ ގޮތުން ބަނދެވުނަސް އެމީހުންނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މީހުންމަރާ ކުށްވެރިންނަށް މާފު ނުދެވޭނެ ގޮތާއި ޕެރޯލް ނިޒާމުގެ ދަށުން ދޫނުކުރެވޭ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 


މި މައްސައަށް ވާހަކަ ދައްކަވަމުން ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތޮލިބު ވިދާޅުވީ، މިއަދު ދިމާވެގެން މިއުޅޭ މައްސަލައަކީ އިސްލާމްދީނުގެ ޝަރީއަތްތައް ބޭއްވުމަށް ފަހު ވަޟުޢީ ގާނޫނުތަކެއްގެ އެހީގައި ހުކުމް ކުރަމުން ދިއުމުން ދިމާވާ މައްސަލަތަކެއްކަމަށެވެ. އަދި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި ޖަލުތަކުގައި ތިބެގެން ކައިވެނި ކުރުމާއި، އާއިލާ އުފެއްދުމުގެ ފުރުސަތު ދެވިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަރަށް މަރުގެ އަދަބުދިނުމަށް ނިންމައި އެންމެމީހަކަށް އެ އަދަބުދޭއިރަށް މީހުންމަރާނެ މީހަކު ނުވާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. 


މިމައްސަލައަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން މިފަދަ މައްސަލަތައް އިތުރުވަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުންކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި ސަރުކާރުގެ މަސްއޫލު މުއައްސަސާތަކަށް ގާބިލް ބޭފުޅުން އައްޔަން ނުކުރުމުގެ ސަބަބުން މައްސަލަތައް އިތުރުވެ ޒިންމާ ނުނެގެނީ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. 


އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ މޫސާމަނިކު ވިދާޅުވީ މި މައްސަލައަކީ މީގެ އަހަރުތަކެއްކުރިން އުފެދިގެންއުޅޭ މައްސަލައެއްކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވައިގެންނުވާނެ ކަމަށް ވިދާޅުވެ، އެފަދަ ކުށްތަކާ ދެކޮޅަށް ފުލުހުންގެ ބާރު ބޭނުންކުރުމަށް ގޮވައިލެއްވި އެވެ. އަދި އެފަދަ މައްސަލަތައް ހައްލުވާނީ ހަރުކަށި ފިޔަވަޅު އަޅާއިގެން ކަމަށާއި، އެކަމަށް ޒިންމާދާރުމީހުން ސަރުކާރުގެ އިސްމަގާމުތަކަށްލުމަށް މޫސަ ސަރުކާރަށް ގޮވައިލެއްވި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯޓުތަކުގެބިލު ވަނީ ފާސްކޮށްފަ އެވެ. މި ބިލަށް ހުށަހަޅާފައިވާ އިސްލާހްތަކަށްފަހު ފާސްވި އިސްލާހްތަކާ އެކު ބިލު ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާގައި ތިއްބެވި، 62 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެން ބިލު ފާސްކުރެއްވި އެވެ.