23 Jan 2013, 11:21
އިނގިރޭސި ލީގުކަޕުގެ ސެމީފައިނަލުގައި އެސްޓަންވިލާ އާއި ބްރެޑްފޯޑް ސިޓީ ކުޅުނު މެޗުގައި 3-4 ގެ ޖުމުލަ ނަތީޖާއަކުން އެސްޓަންވިލާ ބަލިކޮށް ބްރެޑްފޯޑް ސިޓީ ލީގުކަޕުގެ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.
މިއީ ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި އިނގިރޭސި ލީގުގެ ހަތަރުވަނަ ދަރަޖައިގެ ޓީމެއް ކަޕް ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އިނގިރޭސި ފުޓްބޯޅައިގެ ހަތަރުވަނަ ޑިވިޒަންގެ ޓީމެއް އައިސް މި ވަނީ ޕްރިމިއާލީގުގެ ޓީމުތަކަށް ގޮންޖަހައިލައިފަ އެވެ.
ވިލާޕާކުގައި ރޭ ކުޅުނު މެޗު 2-1 ން އެސްޓަން ވިލާ ކާމިޔާބު ކުރި ނަމަވެސް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެދެޓީމް ވެލީ ޕެރޭޑްގައި ކުޅުނުމެޗު ބްރެޑްފޯޑުން ކާމިޔާބުކޮށްފައި ވަނީ 3-1 ކުންނެވެ.
ލީގުކަޕުގައި ބްރެޑްފޯޑް އަތުން ބަލިވި ޓީމުތަކުގެ ތެރޭގައި ޗެމްޕިއަންޝިޕް ގައި ކުޅޭ ވޮޓްފޯޑާއި އަދި ޕްރިމިއާ ލީގުގެ ތިން ޓީމުކަމަށްވާ ވިގަން، އާސެނަލް އަދި އެސްޓަން ވިލާ ހިމެނެ އެވެ. އެހެން ކަމުން 1911 ވަނަ އަހަރުގެ އިނގިރޭސި އެފްއޭކަޕް ކާމިޔާބު ކުރި ބްރެޑްފޯޑަށް މިވަނީ ލީގުކަޕާ އެކު ޔޫރޯޕާ ލީގުން ޖާގައެއް ހޯދުމުގެ ފުރުސަތު ވެސް ތަނަވަސް ވެފަ އެވެ.
ފެބްރުއަރީ 24 ގައި ވެމްބްލީގައި ކުޅޭ ފައިނަލްގައި ބްރެޑްފޯޑް ސިޓީ ވާދަކުރާން ޖެހޭނީ ސްވަންސީ އާއި ޗެލްސީ ކުޅޭ ސެމީފައިނަލުން މޮޅުވާ ޓީމަކާއެވެ. ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ސްވަންސީ ވަނީ 2-0 ން ޗެލްސީ ބަލިކޮށްފަ އެވެ.
ރޭގެ މެޗަށްފަހު ބްރެޑްފޯޑް ސިޓީގެ ކޯޗު ފިލިޕް ޕާކިންސަން ބުނީ "ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެ" ކަމަށާއި "އަހެރެމެން ބުނެފައި އޮންނާނީ މިއީ ތާރީހުގެ ތެރެއަށް ދެމިގަތުމަށް އަހަރެމެންނަށް އޮތް ފުރުސަތެކޭ. އަދި އަހަރެމެންނަށް އެކަން މިއޮތީ ކުރެވިފައި،" ކަމަށެވެ.