މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފޯވާޑް އެޑިން ޖެކޯ މިމަހުގެ ޓްރާންސްފާގައި އެ ކުލަބު ދޫކޮށް ނުދާނެކަމުގެ ޔަގީންކަން އޭނާގެ އެޖެންޓް ދީފި އެވެ.

މެންސިޓީ ދޫކޮށް ޖެކޯ ދާން އުޅޭކަމަށް ބުނަމުންދާ ރިޕޯޓްތަކެއް ދާދި ފަހުން އާންމުވެފައި ވެއެވެ. އެ ރިޕޯޓްތަކުން ބުނާގޮތުގައި އިޓަލީގެ ކާމިޔާބު ކްލަބެއް ކަމަށްވާ އިންޓަމިލާނާއި ގުޅޭން ޖެކޯ ވަނީ ނިންމައިފައެވެ. އަދި އެ ރިޕޯޓްތަކުގައިވާ ގޮތުން ބުންޑަސްލީގާގެ ކްލަބަކުން ވެސް ޖެކޯއަށް ޝައުގުވެރިވެއެވެ.

މެންސިޓީ ދޫކޮށް ދާން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެމުންދާ މި ދަނޑިވަޅުގައި ޖެކޯގެ އެޖެންޓް އިރްފާން ރެޖެޕަޖިޗް މި ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. "އަހަރެންނަކަށް ނޭނގޭ އިންޓަ އިން ޖެކޯއަށް ޝައުގުވެރިވާ ކަމެއް. އިންޓަ އިން އަހަރެންނަށް އެކަމަކާ ބެހޭ ގޮތަކުން ނުގުޅާ." ޖެކޯގެ އެޖެންޓް ބުންޏެވެ.

ޖެކޯގެ އެޖެންޓް އިތުރަށް ބުނިގޮތުގައި، މެންސިޓީ ގައި ޖެކޯ ހުރީ އުފަލުންނެވެ. "އޭނާ މެންސިޓީގައި ހުރީ އުފަލުން. އެއްވެސް ކްލަބަކުން ޖެކޯ ހޯދާކަށް މަސައްކަތެއް ނުކުރޭ. މި ޓްރާންސްފާގައި އެހެން ކްލަބަކަށް ޖެކޯއެއް ނުދާނެ. ޖެކޯ އާއި މެންސިޓީ އާއި ދެމެދު ހަދައިފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރާއި ބައިގެ މުއްދަތެއް އެބަ އޮތް." ޖެކޯގެ އެޖެންޓް ބުންޏެވެ.

މިސީޒަންގެ ކުރީ ކޮޅުގައި ޖެކޯގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނު ނަމަވެސް މިހާރު އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަމުން އެބަ ދެއެވެ.

މެންސިޓީގައި ޖެކޯއަށް އެންމެ ދަތިވާ އެއް ކަމަކަށް ވެފައިވަނީ އެކްލަބުގެ ފޯވާޑުންގެ ތެރޭގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް ހިމެނުމުން ފުރަތަމަ 11 އިން ޖާގަ ހޯދުމެވެ.