23 Jan 2013, 10:15
މިދިޔަ ހޮނިހިރު ދުވަހު އިޓަލީގެ ކާމިޔާބު ކްލަބެއް ކަމަށްވާ އިންޓަމިލާނުން ތުރުކީގެ ގަލަތަސަރާއީ އަށް ނެދަލޭންޑްސް ތަރި ވެސްލޭ ސްނެއިޑާ ބަދަލުވީ ހޯސޭ މޮރީނިއޯގެ އިރުޝާދާއެކު ކަމަށް ސްނެއިޑާ ބުނެފި އެވެ.
އިންޓަ ދޫކޮށް ގަލަތަސަރާއީ އަށް ސްނެއިޑާ އަށް ބަދަލުވާން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އިންޓަގެ ޓީމުން އޭނާއަށް ޖާގަ ނުލިބުމެވެ. 2010 ވަނަ އަހަރު އިންޓަގެ ކޯޗުކަމުން މޮރީނިއޯ ދުރުވި ފަހުން ސްނެއިޑާ އަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
"އަހަރެންގެ ނިންމުން ނިންމުމުގެ ކުރިން މޮރީނިއޯ އަށް ގުޅިން. އެއީ މޮރީނިއޯ އަކީ އަހަރެންގެ ކެރިޔަރުގައި ހިމެނޭ ވަރަށް މުހިންމު މީހެއް. އަހަރެން މޮރީނިއޯ ކައިރީ ހަދަންވީ ގޮތެއް އެހިން. އަދި މޮރީނިއޯ އަހަރެންނަށް ދިނީ ވަރަށް ރަނގަޅު އިރުޝާދެއް. އަހަރެން ލުއިސް ވެން ގާލް އާއި ވެސް ވާހަކަދެއްކިން. އެދެމީހުން ވެސް އަހަރެން ކައިރީ ބުނި ގަލަތަސަރައީ އާއި ގުޅުމަށް. އެހެންކަމުން އެ ނިންމުން ވެގެންދިޔައީ ވަރަށް ފަސޭހަ ނިންމުމަކަށް." ސްނެއިޑާ ބުންޏެވެ.
އިންޓަ އާއި ސްނެއިޑާ އާއި ދެމެދު މައްސަލަތަކެއް ހުރި ކަމަށާއި ގަލަތަސަރާއީ އަށް ބަދަލުވީ އެ މައްސަލަތައް ހައްލުކުރަން ކަމަށް އޭނާ ބުނެފައި ވެއެވެ.
"އަހަރެންނާއި އިންޓަ އާއި ދެމެދު މައްސަލަތަކެއް ހުރި. އަހަރެން ބޭނުންވީ އެ މައްސަލަތައް ހައްލުކުރަން. ނަމަވެސް އިންޓަގެ ރައީސް މަސިމޯ މޮރާޓީ އާއި އެއްވެސް މައްސަލައެއް ނެތް." ސްނެއިޑާ ބުންޏެވެ.
ތިން އަހަރާއި ބައިގެ އެއްބަސްވުމުގެ ދަށުން ގަލަތަސަރާއީ އަށް ބަދަލުވިއިރު، އޭނާ އެކުލަބާއި ގުޅުނީ 7.5 މިލިޔަން ޕައުންޑްގެ އަގަކަށް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.