23 Jan 2013, 10:14
ބާސެލޯނާ އާއެކު ހަދާފައިވާ އެއްބަސްވުން އެކުލަބުގެ ކެޕްޓަން ކާލޮސް ޕުޔޯލް އާކޮށްފި އެވެ. ޕުޔޯލް އާކޮށްފައިވާ ކޮންޓްރެކްޓްގެ ދަށުން މިހާރު އޭނާގެ އެއްބަސްވުން ހަމަވާނީ 2016 ވަނަ އަހަރު އެވެ.
ޕުޔޯލް ކޮންޓްރެކްޓް އާކުރިކަން ބާސާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ބާސާ އާއެކު ހަދާފައިވާ އެއްބަސްވުން ޕުޔޯލް އާކުރިއިރު، އެކުލަބުގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ލިއޮނެލް މެސީ އަދި ޒަވީ ވެސް ވަނީ ދާދި ފަހުން ކޮންޓްރެކްޓް އާކޮށްފަ އެވެ.
ބާސާ އާއެކު ގޯލްކީޕަރު ވިކްޓަ ވަލްޑޭޒް ހަދާފައިވާ އެއްބަސްވުން ހަމަވާން ގާތްވެފައިވާ އިރު، އޭނާ ވަނީ ކޮންޓްރެކްޓް އާކުރުމަށް ދެކޮޅު ހަދާފަ އެވެ.
ބާސާ އާއެކު އުމުރުން 34 އަހަރުގެ ޕުޔޯލް ކުރިން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާގޮތަށް އޮތީ 2014 ވަނަ އަހަރު އެވެ. އެހެންކަމުން ބާސާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ޕުޔޯލް އާކުރީ ދެއަހަރު ދުވަހަށެވެ.
ޕުޔޯލްގެ މުޅި ފުޓްބޯޅަ ކެރިޔަރުގައި ފެނިފައިވަނީ ބާސާ އިންނެވެ. ބާސާގައި ހުރެ ޕުޔޯލް ވަނީ ފަސް ލީގު ޗެމްޕިއަންކަމާއި، ދެ ކޮޕަ ޑެލްރޭ ތައްޓާއި ތިން ޔޫއެފާ ޗެމްޕިއަންސް ލީގު ޓްރޮފީ ކާމިޔާބު ކޮށްފައެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި، ބާސާގެ ބްރެޒިލް ޑިފެންޑަރު އެޑްރިއާނޯ އަދި ސްޕެއިން ތަރި އަންދްރޭސް އިނިއެސްޓާ ވެސް އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުކާނެ ކަމަށެވެ.