އިނގިރޭސި ގައުމީ ޓީމާއި ދެކޮޅަށް އަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ ވިހި ކުޅުންތެރިންގެ ބްރެޒިލް ގައުމީ ޓީމްގެ ސްކޮޑުން ރޮނާލްޑޯނިއޯ އަށް ޖާގަ ލިބުން އިރު، ރެއާލް މެޑްރިޑްގެ ތަރި ކަކާ އަށް އެފުރުސަތު ގެއްލިއްޖެ އެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑީނިއޯ އެންމެ ފަހުން ބްރެޒިލްގެ ޖާޒީ އިން ފެނިފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހު ބޮސްނިއާ އެންޑް ހަޒެގޮވީނާ އާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން ބްރެޒިލް މޮޅުވި މެޗުގަ އެވެ.

ބްރެޒިލް ގައުމީ ޓީމްގެ އާ ކޯޗު ލުއިސް ފެލިޕް ސްކޮލާރީ، ރޮނާލްޑީނިއޯ އަށް ޖާގަ ދިނުމުން އޭނާ އަށް ބްރެޒިލް ގައުމީ ޓީމްގެ ޖާޒީގައި 94 ވަނަ މެޗު ކުޅެވޭނެ އެވެ.

މިސީޒަނުގައި ބޮރޫސިއާ މޮންޗެންގްލަބަޗް އިން ބަޔާން މިއުނިކާއި ގުޅުނު ޑިފެންޑަރު ޑަންޓޭ އަށް ވެސް ސްކޮލާރީ ވަނީ ސްކޮޑުން ޖާގަ ދީފަ އެވެ. މިއީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑަންޓޭ އަށް ގައުމީ ޓީމަށް ކުޅުމަށް ލިބުނު ފުރަތަމަ ފުރުސަތެވެ. ޕްރެމިއާ ލީގަށް ކުޅެމުން އަންނަ ހަތަރު ކުޅުންތެރިއަކަށް ވެސް ސްކޮލާރީ ޖާގަ ދީފައި ވެއެވެ. އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކިޔުޕީއާރުގެ ތަޖުރިބާކާރު ގޯލްކީޕަރު ޖޫލިއޯ ސީސާ އާއި ޗެލްސީގެ ތިން ކުޅުންތެރިން ކަމަށްވާ ޑޭވިޑް ލުއިޒް، ރަމިރޭސް އަދި އޮސްކާ އަށެވެ.

އަންނަ މަހު ހަވަނަ ދުވަހު އިނގިރޭސި ގައުމީ ޓީމާއި ދެކޮޅަށް ނުކުންނަ ބްރެޒިލް ޓީމްގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަކީ:

ގޯލްކީޕަރުން
ޖޫލިއޯ ސީސާ – ކިޔުޕީއާރް، ޑިއެގޯ އަލްވޭސް – ވެލެންސިއާ

ޑިފެންޑަރުން
ޑަންޓޭ – ބަޔާން، ޑޭވިޑް ލުއިޒް – ޗެލްސީ، މިރެންޑާ – އެތްލެޓިކޯ މެޑްރިޑް، ލިއަންޑްރޯ ކަސްޓަން – ރޯމާ ، އެޑްރިއާނޯ – ބާސެލޯނާ، ޑަނިއެލް އަލްވޭސް – ބާސެލޯނާ، ފެލިޕޭ ލުއިސް – އެތްލެޓިކޯ މެޑްރިޑް

މިޑްފީލްޑަރުން
އަރޫކާ – ސަންތޯސް، ހާނަނޭސް – ލާޒިއޯ، ރަމިރޭސް – ޗެލްސީ، އޮސްކާ – ޗެލްސީ، ލޫކަސް – ޕީއެސްޖީ، ޕައުލީނިއޯ – ކޮރިންތިއާންސް

ފޯވާޑުން
ފްރެޑް – ފްލުމިނެންސޭ، ހަލްކް – ޒެނިތް، ނޭމާ – ސަންތޯސް، ރޮނާލްޑީނިއޯ – އެތްލެޓިކޯ މިނޭރޯ، ލުއިސް ފަބިއާނޯ – ސައޯ ޕައޮލޯ