23 Jan 2013, 09:55
މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުންގެ އިތުބާރާއި ތާއިދު ލިބިގެން މަޖިލީހުގައި މަސައްކަތް ކުރަމުންދާ ރައްޔިތުންގެ ވަކީލުންނެވެ. މަޖިލީހާއި މަޖިލީހުގެ ކޮމެޓީ ތަކުގައި ކުރާ މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގަ އެވެ. ވަކާލާތު ކުރަނީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހޯދައި ދިނުމަށްޓަކަ އެވެ. މިއީ ރައްޔިތުންގެ މަންދޫބުން ދައްކަވަމުން ގެންދަވާ ވާހަކަ އެވެ. ނަމަވެސް މަޖިލީހުގެ މަސައްކަތުން ނަތީއްޖާ ނެރެވެ އޮތް ކަމެއްގައި، ކެތް މަދުވެގެން އެކަމަކުން މަންފާނެގުމަކީ އާންމު ކަމެކެވެ.
ކޯނީ ރިޕޯޓްގެ ދިރާސާ ކުރި ކޮމެޓީން އަމަލު ކުރި ގޮތް ބަލައިލާށެވެ. ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގައި ނުވަތަ ތަހުގީގު ކުރުމުގައި މަސްއޫލިއްޔަތު ކޮމެޓީގެ މެންޑޭޓާއި ދޭތެރޭ ގާނޫނީ ގޮތުން ސުވާލު އުފެދިފައިވަނިކޮށް، ކޯނީގެ ދިރާސާއަށް ކޮމެޓީއަށް ހާޒިރު ކުރި 13 ބޭފުޅަކު ދެއްކެވި މައުލޫމާތުގެ ޔައުމިއްޔާ އާންމު ކުރީ އެވެ. ކޮމެޓީގެ ބައްދަލުވުމުގެ އޯޑީއޯ ވެސް އާންމު ކުރީ އެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިޅިހަށާއި މަޖިލީހުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދެ އެވެ. މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް އިތުބާރު ކުރެވޭނެތޯ ނުވަތަ ނޫންތޯ މިއީ މިއަދު އުފެދިފައިވާ ސުވާލެކެވެ.
ކޯނީގެ ރިޕޯޓް ސަރުކާރުގެ މަސްއޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ދިރާސާ ކުރުމާ ބެގޭ ގޮތުން ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ފާޑުކިޔުންތަކެއް އަމާޒު ކުރި އެވެ. އެކަމަނާ ވިދާޅުވެފައި ވަނީ ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށް ކަމަށް ބުނެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ކުރަމުންގެންދާ މަސައްކަތްތަކަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރަމުން ގެންދާ ކަމެއް ކަމަށެވެ. އެގޮތުން ކޯނީގެ ރިޕޯޓާ މެދު ވަކިގޮތަކަށް އަމަލު ކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން ތަޅުމުން ގޮތެއް ނުނިންމާހާ ހިނދަކު އެ ރިޕޯޓާ މެދު ވަކިގޮތަކަށް އަމަލު ކުރުމުގެ ބާރު މަޖިލީހުގެ ކޮމެޓީތަކަށް އަދި ލިބިފައި ނުވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
މި މައްސަލާގައި ކޯނީގެ ރިޕޯޓް ދިރާސާ ކުރަމުންދާ ސަރުކާރުގެ މަސްއޫލީއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ކޮމެޓީން ކުރި އަށް ގެންގޮސްފައި ވަނީ ގަނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކޮމެޓީ އަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ކަމަށެވެ. އަދި ކޮމެޓީ އަށް ހާޒިރު ކުރި ބޭފުޅުން ދެއްކެވި ވާހަކަތަކުގެ އޯޑިއޯ އާއި އޭގެ ޔައުމީއްޔާ އާންމު ކޮށްފައި ވާނީ ވެސް ހަމަ އެ އުސޫލުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮމެޓީ ކޯނީ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން. އެ މާއްދާއިން އަޅުގަނޑުމެންނަށް ބާރު ލިބިދޭ އަޅުގަނޑުމެން ބޭނުންވާ މީހުން ހާޒިރު ކުރުމާއި ބޭނުންވާ ލިޔުންތައް ހޯދުމުގެ ބާރު. އަދި ރައްޔިތުންގެ މަޖިލީހުގެ 102 ވަނަ މާއްދާގެ ދަށުން އެ ބާރުތައް ލިބިދޭ،" ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 102 ވަނަ މާއްދާގައި ބުނަނީ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީ އަށް ސަރުކާރުގެ ނިޒާމް އިސްލާހް ކުރުމަށްޓަކައި ކުރާ ކަންތައްތައް ބަލައި އެކަންކަމާ ގުޅޭ ގޮތުން ފެންނަ ލަފާދެވޭނެ ކަމަށާއި ސަރުކާރުގެ އިދާރާތަކުން އެކުލަވައިލާ ޝާއިޢުކުރަމުންދާ އެކިއެކި ރިޕޯޓްތައް ދިރާސާކޮށް ކޮމެޓީ އަށް ކުރިއަށް ގެންދަން ޖެހޭ ކަންކަން ސަރުކާރަށް އެންގުމުގެ ބާރު ވެސް އެ ކޮމެޓީއަށް ލިބިދޭ ކަމަށެވެ. އެހެން ނަމަވެސް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ގެ މަސްއޫލީއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން އެ ކޮމެޓީ އަށް ނުކުރެވޭނެ ކަމަށް ވެސް އެ މާއްދާގެ ޅ. ގައި ބުނެފައިވެ އެވެ.
ކޮމެޓީ އަށް ހާޒިރުކޮށް ނަގާފައިވާ ސަލާމަތީ ބާރުތަކުގެ ބޭފުޅުންގެ ބަޔާންތަކާއި އޯޑިއޯތައް އާންމުކުރި ކުރުމާއި ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ ކޮމެޓީން އެ ބަޔާންތަކާއި އޯޑިއޯތައް އާންމުކޮށްފައި ވާނީ ކޮމެޓީން ފާސްކޮށްގެން ކަމަށެވެ. އަދި ކޮމެޓީ އަށް ހާޒިރުވެ މައުލޫމާތު ދެއްވި ހުރިހައި ފަރާތްތަކަށް ވެސް ކޮމެޓީން ވަކި ގޮތަކަށް ނުނިންމާހާ ހިނދަކު އެ މައުލޫމާތުތައް ސިއްރު ކޮށްދެއްވާނެ ކަމަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި އެ އޯޑީއޯ ތަކާއި ބަޔާންތައް އާންމު ކުރަން ކޮމެޓީގެ މެންބަރުންނަށް ފެނިވަޑައިގަތީ އެ ބަޔާންތަކާއި އޯޑިއޯތަކަށް ބަދަލުތަކެއް ގެނެސްދާނެ ކަމަށް މެންބަރުންނަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ ހުރިހާ ކަމެއް ބެލުމުގެ ބާރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ލިބުނު ނަމަވެސް 241 ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް ބެލުމުގެ ބާރު އެ ކޮމެޓީ އަށް ލިބިގެން ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިފައިންނާއި ފުލުހުންނާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ 241 ކޮމެޓީގެ މަސްއޫލިއްޔަަތުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް ތަހުގީގުކޮށް ބެލުމުގެ ބާރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ލިބިގެން ނުވާ ކަމަށެވެ. އެހެންކަމުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔައީ ފުލުހުންނާއި ސިފައިން ކުރި ކަމެއްގެ ސަބަބުން ކަމަށް ބުނާ ނަމަ އެކަމެއް ތަހުގީގު ކުރުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި 241 ކޮމެޓީ އަށް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
"ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަކީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން އެ ކޮމެޓީ އަށް ލިބިގެންވާ ބާރެއް ނޫން. އަދި އެފަދަ ތަހުގީގެއް ކުރުމަށް އެ ކޮމެޓީއާ ހަވާލު ކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ނުވޭ. މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން އެ ކޮމެޓީގެ މަސްއޫލިއްޔަތުތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ހިނގަނީ ކަމާ ބެހޭ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުން،" ނަޝީދު ވިދާޅުވިއެވެ.
މަސްއޫލީއްޔަތު ކޮމެޓީން ނަގާފައިވާ ބަޔާންތަކާއި އޯޑިއޯތައް އާންމު ކުރި މައްސަލައާއި ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީއެއް ނުވަތަ ކޮމެޓީއަކުން ބައެއް ސިއްރު ކުރުމުގެ ބާރު ކޮމެޓީ ތަކަށް ލިބިގެންވާ ކަމަށެވެ. އެހެން ކަމުން ސިއްރު ކުރެވޭ ކޮމެޓީ އެއްގައި ނަގާ ބަޔާންތަކާއި ރިކޯޑް ކުރެވޭ އޯޑިއޯތައް ހުންނަން ޖެހޭނީ ސިއްރު ކުރެވިފައި ކަމަށެވެ.
"ކޮމިޓީތައް ހިންގުމުގައި މީހަކު އައިސް ދައްކާ ވާހަކައަކުން މީހެއްގެ އަނބުރު ގެއްލިދާނެތީވެ ނުވަތަ މީހަކާ ދޭތެރޭގައި ދެކޭ ގޮތް ބަދަލުވެދާނެތީވެ ނުވަތަ ކުށެއް މީހަކު ކުރީ ކަމަށް ހީވެދާނެތީ، އެ ސަބަބަށްޓަކައި މީހަކު ދޭ ބަޔާން ސިއްރުކުރަން ބޭނުން ކަމަށްވާ ނަމަ އެ ބަޔާން ނެގުން ނުވަތަ ކޮމިޓީގެ އެ މަރުހަލާ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ ބާރު ކޮމިޓީ އަށް އޮވޭ. އެ ގޮތަށް ސިއްރުކޮށްގެން މީހެއްގެ ބަޔާން ނަގައިފި ކަމަށްވާ ނަމަ އެ ބަޔާނެއް ދެން ހާމައެއް ނުކުރެވޭ. އަދި އެ ކޮމިޓީއެއްގެ ކަން ހިނގާދިޔަ ގޮތް އެކަނި މައުލޫމާތު ދިނުމަށް ފާސްކުރެވެނީ،"
ކޯނީގެ ރިޕޯޓް ދިރާސާ ކުރާ މަސްއޫލީއްޔަތު ކޮމެޓީގައި ހިމެނިވަޑައިގެންނަވާ ވިލިމާފަންނު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮމެޓީން ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ފެށީ ދުވުހު ވެސް އެ ރިޕޯޓް ދިރާސާ ކުރުމަކީ ކޮމެޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި ކޯނީގެ ރިޕޯޓާއި ގުޅިގެން ކޮމެޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނެނީ ކޯނީގެ ރިޕޯޓުން ސަރުކާރަށް ކުރުމަށް ރިކޮމެންޑް ކޮށްފައިވާ ކަންތައްތައް ސަރުކާރުން ކުރަމުން ގެންދޭތޯ ބެލުން އެކަނި ކަމަށް ކޮމެޓީގައި ދަންނަވާފައި ވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ކޮމެޓީން ނަގާފައިވާ ބަޔާންތަކާއި އޯޑިއޯތައް އާންމުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި އެކަން އެގޮތަށް ކޮށްފައި ވަނީ އެމްޑީޕީގެ މެޖޯރިޓީ އެ ކޮމެޓީގައި އޮތުމުން ސިޔާސީ ގޮތުން އެ ޕާޓީ އަށް މަންފާތަކެއް ހޯދައި ދިނުމުގެ މަގުސަދުގައި ކުރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ދެން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވެ ބަޔާންތައް ދިނުމަށް އާންމު ރައްޔިތުންނާއި ސަރުކާރުގެ ފަރާތްތަކުން ޖެހިލުންވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީ ތަކަށް ކުރާ އިތުބާރު އެކަމުގެ ސަބަބުން ގެއްލިގެން ހިގައްޖެ ކަމަށް ނިހާން ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓް ދިރާސާއަށް ކޮމެޓީއަށް ހާޒިރު ނުވާނެ ކަމަށް ސަރުކާރުން ވަނީ އަންގާފަ އެވެ. އަދި ސަލާމަތީ ބާރުތަކުން އިތުބާރުކޮށްގެން ކޮމެޓީއަށް ކިޔައިދިން ވާހަކަތައް އާންމު ކުރުމުން ދެން އެބޭފުޅުންގެ އިތުބާރު ވެސް މަޖިލީހަށް ގެއްލުނީ އެވެ. ގާނޫނީ ބާރުލިބިގެން ތަހުގީގު ހިންގުމުގެ ބާރު މަޖިލީހުގެ ކޮމެޓީތަކަށް ލިބިފައި ވީނަމަވެސް "ކަންކުރި ގޮތުން" މުއައްސަސާތަކާއި އަމިއްލަ ފަރުދުން މަޖިލީހަށް މައުލޫމާތު ދިނުމަށް ފަސްޖެހުނީ އެވެ.