ޣައްޒާ ސިޓީ (ޖަނަވަރީ 23): ފަލަސްތީނުގެ ހިފާފައިވާ ބިންތަކާއި ނިގުޅައިގެންފައިވާ ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް އަނބުރައި ހޯދުމުގައި ކުރެވެން ހުރި ހުރިހާ ކަމެއްކޮށްދޭނެ ކަމުގެ ޔަގީންކަން މެލޭޝިޔާގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަބްދުއްރައްޒާގު ވިދާޅުވެއްޖެ އެވެ.

އިސްރާއީލުން ތަޅައި ސުންނާފަތިކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއަށް އިއްޔެ ވަޑައިގެން ދެއްވި ބަޔާނެއްގައި ނަޖީބު ޢަބްދުއްރައްޒާގު ވިދާޅުވީ މެލޭޝިޔާ އަބަދު ވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ފަހަތުގައި ކަމަށާއި ފަލަސްތީނަށް މާއްދީ ގޮތުންނާއި މަޢްނަވީގޮތުން އެހީދިނުމުގައި މެލޭޝިޔާ ދެމިއޮންނާނެ ކަމުގަ އެވެ. ނަޖީބު ޢަބްދުއްރައްޒާގަށާއި އޭނާގެ އަރިހުގައި ވަޑައިގެންނެވި މެލޭޝިޔާގެ ވަފްދަށް ޣައްޒާގެ ރައްޔިތުންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުން ވަނީ ވަރަށް ހޫނު މަރްޙަބާއެއް ދަންނަވާފަ އެވެ.

މިސްރާއި ޣައްޒާ ގުޅިފައިވާ ރަފްޙު ސަރަޙައްދީ ރޮނގު ހުރަސްކުރައްވައި މެލޭޝިޔާގެ ބޮޑުވަޒީރާއި އޭނާގެ ވަފްދު ޣައްޒާއަށް ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރްޙަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ޣައްޒާގައި ވެރިކަންކުރާ ޙަމާސްގެ އިދާރާގެ ވެރިޔާ އިސްމާޢީލް ހަނިއްޔާއެވެ. ހަނިއްޔާވަނީ މެލޭޝިޔާ ޙާސިލްކޮށްފައިވާ ތަރައްޤީއާއި ކުރިއެރުމަށް ތަޢްރީފް ކުރައްވައި މެލޭޝިޔާގެ ރައްޔިތުންނަށް ކުރިއެރުމަށް އެދިވަޑައިގެން ވާހަކަ ދައްކަވާފަ އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ މިދަތުރުފުޅަކީ އިސްރާއީލުގެ އަނިޔާވެރި ކަމާދެކޮޅަށް ޣައްޒާގެ ރައްޔިތުންނަށާއި ފަލަސްތީނަށް ހަމްދަރްދީ ފާޅުކުރުމުގެ ގޮތުން ހަމްދަރްދީ ފާޅުކުރުމުގެ ގޮތުންނާއި މެލޭޝިޔާ ސަރުކާރުން ޣައްޒާގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޚަބަރުލިބެ އެވެ. ނަޖީބު ޢަބްދުއްރައްޒާޤުގެ މިދަތުރުފުޅުގައި މެލޭޝިޔާ ސަރުކާރުގެ އެހީގައި ޣައްޒާގައި ބިނާކުރުމަށް ހަމަޖެހިފައިވާ ޕޮލިޓެކްނިކް ސްކޫލްގެ ބިންގާ އަޅުއްވައި ދެއްވި އެވެ. އަދި މެލޭޝިޔާ ސަރުކާރުގެ އެހީގައި ޣައްޒާގައި ބިނާކޮށްފައިވާ ސްކޫލެއް ވެސް އިފްތިތާޙް ކޮށްދެއްވި އެވެ.

ނަޖީބު ޢަބްދުއްރައްޒާޤަކީ ޣައްޒާއަށް ޒިޔާރަތް ކުރައްވާ މެލޭޝިޔާގެ އެންމެ ފުރަތަމަ ބޮޑުވަޒީރެވެ. އެހެންކަމުން މިއީ ތާރީޚީ ދަތުރުފުޅެއް ކަމަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް އިންވަނީ ސިފަކޮށްފަ އެވެ. މެލޭޝިޔާއިން ޣައްޒާގައި ހިންގަމުން ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި އިސްރާއީލުން ތަޅައި ސުންނާފަތިކޮށްފައިވާ ޣައްޒާގެ ބައެއް ސްކޫލްތައް އަލުން ބިނާކޮށްދިނުމާއި ބައެއް ސްކޫލްތައް މަރާމާތު ކޮށްދިނުމާއި ހޮސްޕިޓަލްތައް ބިނާކޮށްދީ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ޣައްޒާގެ އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުމާއި ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތަކާއި ސާމާނު ފޯރުކޮށްދިނުން ހިމެނެ އެވެ.

ޣައްޒާއަކީ އިސްރާއީލުން ދެފަހަރެއްގެ މަތިން ހަނގުރާމަކޮށް އެސަރަޙައްދުގެ ބޮޑުބައެއް ތަޅައި ސުންނާފަތި ކޮށްލާފައިވާ ސަރަޙައްދެކެވެ. އިސްރާއީލުން ގެންދަނީ 2005 ން ފެށިގެން ޣައްޒާއާ ދެކޮޅަށް ޙިސާރުގެ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅައި ޣައްޒާގެ ރައްޔިތުން އިންސާނީ ޙައްޤުތަކަށް ވެސް ފުޅާދާއިރާއެއްގައި އަރައިގަންނަމުންނެވެ. ދިހަ ގަޑިއިރުގެ މިދަތުރުފުޅަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ޢަބްދުއްރައްޒާޤާއި އޭނާގެ ވަފްދު ސަރަޙައްދީ ރޮނގު ހުރަސްކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައި އަލުން ވަނީ މިސްރަށް ވަޑައިގެންފަ އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ވަފްދުގައި މެލޭޝިޔާގެ ބައެއް ވަޒީރުންގެ އިތުރުން އެގައުމުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި އިންވެސްޓަރުންނާއި މީޑޔާގެ ބޭފުޅުންނާއެކު 56 ބޭފުޅަކު ހިމެނެ އެވެ. (އަލްޖަޒީރާ)