23 Jan 2013, 08:58
މައިބަފައިންގެ އަޅާލުންމުން މަހުރޫމުވެފައިވާ ކުޑަކުދިން ބަލަހައްޓަމުންދާ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އުމުރުން 18 އަހަރު ފުރިފައިވާ މީހުން ގެންގުޅެމުންދާ ކަމަށް ގައުމީ ސަލާމަތު ކޮމެޓީން ބުނެފި އެވެ.
ރައްތުންގެ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މާސާ މަނިކު ވިދާޅުވީ 18 އަހަރު ފުރިފައި ތިބި ކުދިން ވެސް ކުޑަކުދިންގެ ހިޔާގައި ގެންގުޅެމުންދާކަން އެންގުނީ ރޭ ބޭއްވި ކޮމެޓީއަށް ކުޑަކުދިންގެ ހިޔާގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރުމުން ކަމަށެވެ.
ކުޑަކުދިންގެ ހިޔާގެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ތިބި 16 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ އަންކުދިން އެ ތަނުން ފިލައިގެން އުޅޭ ކަމަށް ބުނެ އެ ކުދިން މާފުށީ ޖަލުގައި ބައިތިއްބައިފައި ތިބި މައްސަލަ ބަލައި ދިނުމަށް އެދި އެ ކޮމެޓީގެ މެންބަރު މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މޫސަ ވިދާޅުވީ ނާޒިމު ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ރޭ ހިޔުމަން ރައިޓްސް ކޮމިޝަނާއި ޖެންޑާ މިނިސްޓްރީ އާއި ޑިޕާޓްމެންޓް އޮފް ޕެނޮޓެންޝިރީއާއި އަދި ކުޑަކުދިންގެ ހިޔާގެ އިސްވެރިން ކޮމެޓީގައި ދެއްކެވި ވާހަކަ ތަކާއި ދިން މައުލޫމާތުގެ ސަބަބުން އެތަންތަނަށް ޒިޔާރަތް ކުރުމަށް ކޮމެޓީން ނިންމީ ކަމަށެވެ.
އެބޭފުޅުން ދެއްކެވި ވާހަކަފުޅުތަކަށް ބައްލަވައި ކޮމެޓީން ނިންމާފައި ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށާއި މާފުށީ ޖަލުގައި ކުޑަކުދިން ބައިތިއްބައިފައި ތިބޭ ތަނަތަނަށް ގޮސް އެތަންތަނުގެ ހާލަތު ބަލުމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ ރޭ ކޮމެޓީ އަށް ހާޒިރުވި ފަރާތް ތަކުން ދިން މައުލޫމާތުން ކުޑަކުދިންގެ ރައްކާތެރި ކަމާއި އެކުދިންނަށް ދޭން ޖެހޭ ސަލަމަތާއި ރައްކާތެރިކަން ދިނުމުގައި ހުރިހައި ފަރާތް ތަކަކުން ވެސް އިހުމާލް ވެފައިވާ ކަން އެނގިގެންދިޔަ ކަން ކަމަށެވެ.
ޖެންޑަ މިނިސްޓްރީން މާފުށީގައި އެ ދެ ކުދިން ބައިތިއްބައިފައި ތިބީ ތަނާއި ބެހޭ ގޮތުން ކޮމެޓީގައި ބުނެފައި ވަނީ އެ ކުދިން ބައިތިއްބައިފައި ތިބެނީ ޖަލެއްގައި ނޫން ކަމަށާއި އެ ކުދިން ބައިތިއްބާފައި ތިބީ މާފުށޫގައި ހުންނަ ކުޑަކުދިންނަށް ހާއްސަ ކުރެވިފައި ތަނެއްގައި ކަމަށެވެ.
އެހެން ނަމަވެސް މޫސަ ވިދާޅުވީ މާފުށީ ގައި އެ ދެކުދިން ބައިތިއްބާފައި ތިބީ ކުށްވެރިން ބަންދު ކުރާ ތަނެއްގައި ކަމަށް ޑީޕީއާރްއެސްގެ ބޭފުޅުން އެއްބަސް ވެފައިވާ ކަމށެވެ. އަދި އެ ދެކުދިން ތިބި ތަނުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުދިން ތަކެއް ބައިތިއްބާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.