ޓެލްއަވީވް (ޖަނަވަރީ 23): އިސްރާއީލުގައި އިއްޔެ ބޭއްވި ބަރުލަމާނީ އިންތިޚާބުގައި އެގައުމުގެ ހަރުކަށި ޚިޔާލުގެ ދެ ބޭފުޅުން ކަމަށްވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޚާރިޖީ ވަޒީރު އެވިގެޑޯ ލިބަމެން އުފައްދަވާފައިވާ ކަނާތުފިޔައިގެ ކޯލިޝަން ކާމިޔާބު ހޯދަމުންދާކަމަށް ޚަބަރު ލިބިއްޖެވެ އެވެ.

އިސްރާއީލުގެ މީޑޔާ ޚަބަރުދޭ ގޮތުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ދައްކާގޮތުން ނަތަނިޔާހޫގެ ލިކޫޑް ޕާޓީއާއި ލިބަމެންގެ ބައިތުނާ ޕާޓީގެ ގުޅިފައިވާ ކޯލިޝަން އުޅެނީ އެހެން ޕާޓީތަކަށްވުރެ ކުޑަތަންކޮޅެއް ކުރީގަ އެވެ. ނަމަވެސް އިތުރު ވޯޓުތައް ގުނަމުންދާ ވަރަކަށް މިކޯލިޝަނަށް ލިބޭ ވޯޓު މަދުވެ އެކޯލިޝަނާއި އެހެންޕާޓީތަކާ ދެމެދުގައިވާ ފަރަގު ކުޑަވަމުންދާކަމަށްވެ އެވެ. މިގޮތަށް ދިމާވަނީ އެކޯލިޝަނާ ވާދަކުރާ އެހެން ޕާޓީއަކަށް ލިބޭ ވޯޓު ގިނަވަމުންދާތީ ކަމަށްވެސް އިސްރާއީލުގެ މީޑިޔާއާ ޙަވާލާދީ އަލްޖަޒީރާ ބުނެ އެވެ.

ޚިޔާލު ހޯދުމުގެ ސަރވޭތަކުގެ ނަތީޖާ ދައްކާގޮތުން މިއިންތިޚާބު ވަރަށް ކުޑަ ތަފާތަކުން ކާމިޔާބުކުރާނީ ނަތަންޔާހޫއާއި ލިބަރމެންގެ ހަރުކަށި ޚިޔާލުގެ ކޯލިޝަން އެވެ. ނަމަވެސް މިކޯލިޝަނަށް ވެސް އިސްރާއީލުގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބޭނެކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުންވަނީ ހާމަވެފަ އެވެ. ނަތަންޔާހޫ އަކީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން އިސްރާއީލު ނުފޭބުމަށާއި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުމުގެ ފުރްސަތު ނުދެއްވާނެ ކަމަށް ފާޅުގައި ގޮވާލާ ހަރުކަށި ބޭފުޅެކެވެ. ލިބަރމެންއަކީ ފަލަސްތީނުގެ ހުރިހާ ބިންތަކަކުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް އެބިންތައް އިސްރާއީލުގެ މިލްކިއްޔާތުގެ ގޮތުގައި ހެދުމަށް ގޮވާލާ ހައްދުފަހަނަޅާފައިވާ ބޭފުޅެކެވެ.

މި ދެބޭފުޅުންގެ ކޯލިޝަނަށް އިސްރާއީލުގެ އިންތިޚާބުގައި ކުރިލިބިއްޖެ ނަމަ އިސްރާއީލުގައި އުފެދިގެންދާނީ ވަރަށް ހަރުކަށި ހައްދުފަހަނަޅާފައިވާ ސަރުކާރެއް ކަމަށާ އެކަމުގެ ނުރައްކާ ފަލަސްތީނުގެ ރައްޔިތުންނަށާއި މުޅި މެދުއިރުމައްޗަށް ވަރަށް ބޮޑުވެގެންދާނެ ކަމުގެ އިންޒާރު ފަލަސްތީނުންވަނީ ދީފަ އެވެ. ނަތަނިޔާހޫއާއި ލިބަމެންގެ ކޯލިޝަނަށް އިސްރާއީލުގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިއްޖެ ނަމަ ސަރުކާރެއް އެކުލަވާލުމުގެ ފުރްސަތު ލިބިގެންދާނީ އެކޯލިޝަނަށް ކަމަށް މުރާސިލުން ބުނެ އެވެ. (އަލްޖަޒީރާ)