23 Jan 2013, 08:59
އިންޑޮނޭޝިޔާ އަށް ވަގަށް މަސްތުވާ ތަކެތި އެތެރެ ކުރުމުގެ ކުށް ސާބިތުވި އިނގިރޭސިވިލާތުގެ، އުމުރުން 56 އަހަރުގެ އަންހެނެއްގެ މައްޗަށް އިންޑޮނޭޝިޔާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.
އިނގިރޭސިވިލާތުގެ ޓީސައިޑުގެ ރެޑްކާއަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ ލިންޑްސޭ ސެންޑިފޯޑް ބާލީގައި އޭނާގެ ޝަރީއަތް ކުރިއަށް ގެންދިޔަ ކޯޓުގައި ބުނެފައިވަނީ، ބާލީ އަށް މަސްތުވާތަކެތި ވަގަށް އެތެރެކުރުމުގައި އޭނާ ބައިވެރި ވެފައި ވަނީ ގޭންގަކުން އޭނާ އަށް ބިރުދައްކައި މަޖުބޫރު ކުރުމުން ކަމަށާއި އަދި އޭނާގެ ދަރީން ރައްކާތެރި ކުރުމަށް ޓަކައި ކަމަށެވެ.
ލިންޑްސޭ ވަނީ އޭނާގެ ކުށަށް އިންޑޮނޭޝިއާގެ ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެވެ. އޭނާ ބުނާ ގޮތުން އޭނާ އެކަން ކޮށްފައި ވަނީ އޭނާގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އިތުރު ގޮތެއް ނެތިގެންނެވެ.
ލިންޑްސޭ އަތުލައިގެންފައި ވަނީ މިދިޔަ އަހަރުގެ މޭ މަހު ބެންކޮކުން ބާލީ އަށް އައިސް ބާލީގެ ޑެންޕާސަރު އެއާޕޯޓުގެ ކަސްޓަމްސް އޮފިސަރުން ފާސްކުރަމުން ދަނިކޮށް އޭނާގެ ސޫޓްކޭހުން 4.8 ކިލޯގެ ބަރުދަން ހުރި ކޮކޭންގެ ފެނިގެންނެވެ. ލަފާ ކުރެވޭ ގޮތުގައި އޭނާގެ ސޫޓްކޭހުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ މި ބާވަތުގެ އަގު ގާތްގަނޑަކަށް 2.5 މިލިޔަން ޔޫއެސް ޑޮލަރަށް އަރާނެ އެވެ. އޭނާއާ އެކު އެ މައްސަލައިގެ ތުހުމަތުގައި އިނގިރޭސި އިތުރު ތިން މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ.
ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ އެ އަންހެންމީހާއަށް އެމައްސަލަ އިސްތިއުނާފު ކުރެވޭނެ އެވެ. އަދި އެ އިސްތިއުނާފު ކާމިޔާބު ކުރެވިއްޖެނަމަ އޭނާގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ބަދަލުވުމުގެ ފުރުސަތު އޮންނާނެ އެވެ.
އެ އަންހެން މީހާގެ މައްސަލައިގައި ކޯޓުގައި ވަކާލާތުކުރި ދައުލަތުގެ ވަކީލު ފަނޑިޔާރުގެ ކިބައިން އެދިފައި ވަނީ ސެންޑިފޯޑްއަށް 15 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެހެން ނަމަވެސް އެކޯޓުގެ ފަނޑިޔާރުންގެ ބެންޗަކުން ނިންމީ އަންހެންމީހާގެ އެ އަމަލުގެ ސަބަބުން ފަތުރުވެރިކަމުގެ މަންޒިލެއް ކަމުގައިވާ ބާލީގެ ތަސައްވަރު ކިލަނބުވެފައިވާ ކަމަށާއި އަދި އިންޑޮނޭޝިޔާގެ އެންޓި-ޑްރަގް ޕްރޮގްރާމަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.
"އޭނާ އަށް ކޮށްފައިވާ ހުކުމް ލުއިކޮށްދޭންޖެހޭ އެއްވެސް ސަބަބެއް އަހަރެމެންނަކަށް ނުފެނުނު،" ފަނޑިޔާރުންގެ ޕެނަލްގައި އިސްކޮށްހުރި އާމްސަރު ސިމަންޖުންތަކް ވިދާޅުވި އެވެ.
އިންޑޮނީޝިޔާގެ ކޯޓުގެ އެނިންމުމާމެދު އިނގިރޭސި ވިލާތުން ވަނީ ވަގުތުން ފާޑުކިޔައިފަ އެވެ. އަދި އެގައުމުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ ތަރުޖަމާނަކު ބުނެފައި ވަނީ އެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދާކަމަށާއި އަދި އިނގިރޭސިވިލާތަކީ އެއްވެސް ހާލަތެއްގައި މަރުގެ ހުކުމަށް ތާއީދު ކުރާނޭ ބައެއް ނޫން ކަމަށެވެ.
އިންޑޮނީޝިޔާގައި މަރުގެ ހުކުމް ތަންފީޒު ކުރަނީ ބަޑި ހިފައިގެން ތިބޭ ދިހަމީހުންގެ ފައުޖަކުން އަދަބު ލިބެންޖެހޭ މީހާގެ ގަޔަށް އެއް ފަހަރާ ބަޑިޖަހައިގެން ނެވެ.