ޅ. އަތޮޅު ކަނުހުރާ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުނަށްދޭ ސާވިސް ޗާޖާ މެދު ހިތްހަމަނުޖެހިގެން އެ ރިސޯޓުގައި ކުރަމުންދާ އިހްތިޖާޖުގައި ބައިވެރިވި ގިނަ އަދަދެއްގެ މުއައްޒަފުން މިއަދު ވަޒީފާ އިން ވަކިކޮށްފި ކަމަށް ހަބަރު ފެތުރިއްޖެ އެވެ.

ފަސް ތަރީގެ ޅ. ކަނުހުރާ ރިސޯޓުގެ މުވައްޒަފުންނަށްދޭ ސާވިސް ޗާޖާ މެދު ހިތްހަމަނުޖެހިގެން އެ ރިސޯޓުގެ ގިނަ އަދެއްގެ މުވައްޒަފުން އާދީއްތަ ދުވަހުން ފެށިގެން އިހްތިޖާޖު ކުރަމުން އަންނަ ކަމަށް އެ ރިސޯޓްގެ މަސްދަރުތަކުން މިރޭ ބުންޏެވެ. އަދި އެކަމާ ގުޅިގެން 60 އަށް ވުރެ ގިނަ މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރާ މިރޭ ސަން އިން ގުޅުމުން ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން މާދަމާ ގުޅުމަށެވެ. އިތުރު ކޮމެންޓެއް އޭނާ ނުދެއްވި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އޮންލައިނާ ވާހަކަ ދެއްކި، ވަޒީފާ އިން ވަކިކުރި ކަމުގެ ޗިޓް ލިބުނު ކަމަށް ބުނާ އެ ރިސޯޓުގެ މުވައްޒަފަކު ބުނީ، ސާވިސް ޗާޖާ މެދު ހިތްހަމަނުޖެހިގެން މީގެ ކުރިން ވެސް އެތަކެއް ފަހަރަކު އިހްތިޖާޖު ކުރި ކަމަށާއި އެފަހަރު ކުރި އިހްތިޖާޖުތައް މަޑުޖައްސާލީ ރާއްޖޭގެ އިގްތިސޯދާއި ޓެކްސް އާއި ހުރިހާ އެއްޗަކަށް ވިސްނާފައި ސާވިސް ޗާޖް ބޮޑު ކޮށްދޭނެ ކަމަށް ރިސޯޓުން ބުނުމުން ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އައިރު ވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށާއި ރިސޯޓުގައި ކުރަމުން އަންނަ އިހްތިޖާޖުގައި ދިވެހިންގެ އިތުރުން ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީން ވެސް ބައިވެރިވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"ކުރިން ކުރަމުން އައި އިހްތިޖާޖުތައް ވެސް ހުއްޓާލީ އެކަން ރަނގަޅު ކޮށްދޭނަމޭ ބުނުމުން. އޭރު ވެސް އަޅުގަނޑުމެން ބުނެފައި އޮންނާނެ އެންމެ ދަށްމީހާ އަށް ވެސް މުސާރާއިގެ އިތުރުން 250 ޑޮލަރު ދޭންޖެހޭނެ ކަމަށް. އެއަދަދު ލިބޭނެ ކަމަށް ރިސޯޓުން އޭރު ބުނި. އެކަމަކު ފަހުން ރިސޯޓުން ބުނީ 250 ޑޮލަރު ދެވެން ނެތް ކަމަށް. ދެވެން އޮތީ 25 ޑޮލަރު ކަމަށް. އެކަމަކު ގިނަ މުވައްޒަފުންތަކެއް އާދިއްތަ ދުވަހު އިހްތިޖާޖުގައި ބައިވެރިވުމުން ދެން ބުނީ 30 ޑޮލަރު ދެވިދާނެ ކަމަށް. އެކަމަކު އެގޮތަކަށް އެކަކު ވެސް އެއްބަހެއް ނުވި،" އޭނާ ބުންޏެވެ.

އޭނާ ބުނީ، މިދިޔަ އާދިއްތަ ދުވަހު ފެށި އިހްތިޖާޖުގައި ވެސް ރިސޯޓުގައި މައްސައްކަތް ކުރާ 150 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށާއި އެ ދުވަހު ވެސް ޑިއުޓީ އަށް ނިކުތީ އެންމެ 10 ވަރަކަށް މުވައްޒަފުން ކަމަށެވެ. އަދި ބުނީ، ރިސޯޓުގައި ކުރަމުން ދާ އިހްތިޖާޖު ފިނިކުރުމަށް، ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ އިސްވެރިން ވެސް އިއްޔެ އެ ރިސޯޓަށް ދިޔަ ކަމަށާއި މުވައްޒަފުންނާ އަދި ރިސޯޓުގެ މެނޭޖްމަންޓާ ވާހަކަ ދެއްކި ކަމަށެވެ.

އޭނާ ބުނީ، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ފޮނުވާލުމުގެ މަސައްކަތް އެ ރިސޯޓުން ކުރަމުން އަންނަ އިރު، ގެސްޓުންނަށް ސާވިސް ދިނުމަށް ޓަކައި މަސައްކަތް ކުރަނީ ވޯކްޕާމެންޓެއް ނެތް 20 ބިދޭސީން ކަމަށާއި އެ މައްސަލަ ވެސް މިހާރު ޕޮލިހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފަސް ތަރީގެ ކަނުހުރާ ރިސޯޓް ހިންގަމުން އަންނަނީ މޮރިސިސްގެ ކުންފުންޏަކުންނެވެ