ފ.ބިލެތްދޫގައި މަދިރި ގިނަވެ ބަލިމަޑު ކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވުމުން އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ވިލުރީފް ބީޗް އެންޑް ސްޕާ ރިސޯޓުގެ މުވައްޒަފުން އެރަށުގައި މަދިރި މަދުކުރުމުގެ އެއްދުވަހުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ބިލެތްދޫގެ ކުނިއަޅާ ސަރަހައްދުގައި ކުނި ގިނަވެ ދަޅު، އަދި ފުޅި ފަދަ ތަކެތި ނައްތާލެވޭނެ ނިޒާމެއް ނެތުމުގެ ސަބަބުން ރަށު ތެރޭގައި އާދަޔާ ޚިލާފަށް މަދިރި ގިނަވެ މަދިރިން ފެތުރޭ ނުރައްކާތެރި ބަލިތައް ކަމުގައިވާ ޑެންގީ އާއި ޓައިފޮއިޑް ފަދަ ހުންތައް ފެތުރިދާނޭ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ވިލުރީފް ރިސޯޓުގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ނަސީރު (އަލިބެ) "ސަން" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ވިލުރީފް ރިސޯޓުގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމެންޓްގެ މުވައްޒަފުން މުޅި އެރަށަށް މަދިރިބޭސް ޖަހައިދީފައިވާ ކަމަށެވެ. އަދި އެރަށަށް ވިލުރީފްގެ ޓީމް ދިއުމާއި އައުމުގެ ދަތުރު ހަމަޖެއްސީ ވެސް އެ ރިސޯޓުން ކަމަށެވެ. އަދި އެރަށަށް ބޭސް ޖެހީ މަދިރި ބޭސް ޖަހަން ބޭނުންކުރާ މެޝިން ބޭނުން ކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން ގާތު އެރަށުގެ ކައުންސިލް އިދާރާއިން އެދުނީ އެރަށުގައި މަދިރި ގިނަވެގެން ބަލިމަޑު ކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވާން ފެށީމައި މަދިރި ނައްތާލަން އެހީތެރިވާން. ދެން އަޅުގަނޑުމެން އެކަން ހެޔޮހިތުން ގަބޫލްކޮށް އެކަން ކޮށްދިނީ. އަޅުގަނޑުމެންގެ މުވައްޒަފުން އެރަށުގައި އެއްދުވަސް ހޭދަކުރީ އެރަށުން މަދިރި ނައްތާލަ ދެވޭތޯ،" ސަން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގަމުންދާ ވިލުރީފް ރިސޯޓުގެ މީޑިއާ ކޯޑިނޭޓަރ ނަސީރު ވިދާޅުވި އެވެ.

ވިލުރީފް ރިސޯޓުން ގެންދަނީ އެ އަތޮޅުގެ އެހެނިހެން ރަށްތަކަށް ވެސް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކައިރި ރަށްރަށުގެ މީހުން ވިލުރީފްގެ އުޅަނދު ފަހަރުގައި މާލެ ގެންގޮސްދިނުމާއި މާލެ އިން ރަށަށް ގެނެސް ދިނުން ފަދަ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ވެސް އެ ރަށްރަށުގެ އެއާކޮންޑިޝަން މަރާމާތު ކޮށްދިނުމުގެ އިތުރުން ކިޔަވާ ކުދިންނަށް ވެސް އެކިއެކި އެހީތައް އެ ރިސޯޓުން އަންނަނީ ދެމުންނެވެ.