އެއް ދަންފަޅިއަށް ބަދަލު ކުރި ސްކޫލުތަކުގެ އަދަދު އިތުރު ކުރިޔަސް، އެކަމުގެ ސަބަބުން ނުކުން ނަތީޖާއެއް، އަދި ލިބުނު ފައިދާއެއް ފެންނާން ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމް މިއަދު ވިދާޅުވެއްޖެ އެވެ.
~
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޑރ. އާސިމް ވިދާޅުވީ ކުރީގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން އެއް ދަންފަޅިއަށް ބަދަލު ކުރި ސްކޫލްތަކުގެ އަދަދު އިތުރު ކުރުމަށް 2010 އަހަރާއި 2011 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. ސްކޫލެއްގައި ކިޔަވާ ހުރިހާ ކުދިންނަށް އެއް ދަންފަޅިއެއްގައި ކިޔަވައި ދިނުމަށް ޓަކައި ސްކޫލްތަކުގައި ހުރި ގުދަންތަކާއި ސްޓާފު ރޫމްތަކާއި އޭވީ ރޫމްތައް ވެސް ކުލާސް ރޫމްތަކަކަށް ބަދަލު ކުރި ކަމަށެވެ. އަދި ވިދާޅުވީ ކުއްލިއަކަށް އެފަދަ ބަދަލުތަކެއް ތައުލީމީ ނިޒާމަށް ގެނެސްގެން، އެއް ދަންފަޅިއެއްގައި ކިޔަވައިދޭ ސްކޫލްތަކުގެ އަދަދު އިތުރު ކުރި ނަމަވެސް އޭގެ ނަތީޖާއެއް ފެންނާން ނެތް ކަމަށެވެ.

"އަޅުގަނޑުމެން ބަލައިލި އިރު އެއް ދަންފަޅިއަށް އެ ސްކޫލުތައް ބަދަލު ކުރީ ސްކޫލްގައި ހުރި ތަންތަން ކްލާސް ރޫމްތަކަކަށް ބަދަލު ކޮށްގެން. ގުދަނެއް ހުއްޓަސް ކުލާސް ރޫމަކަށް ބަދަލު ކުރީ. ސްޓާފް ރޫމް ކްލާސް ރޫމަކަށް ބަދަލު ކުރީ. އޭވީ ރޫމް ކްލާސް ރޫމަކަށް ބަދަލު ކުރީ. އެހެން ހަދައިގެން އެއް ދަންފަޅިއަށް ބަދަލު ކުރި ސްކޫލްތަކުގެ އަދަދު ވަރަށް ބޮޑަށް މަތިކުރެވިއްޖެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ސްކޫލްތަކަށް ލިބުނު ފައިދާއެއް މާ ބޮޑަކަށް ނުފެނު،" ޑރ. އާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ ސަބަބުން ސްކޫލްތަކަށް ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ. "ސްކޫލްތަކަށް އެކަމުން ސަބަބުން ވަރަށް ބޮޑު އުނދަގުލާ ކުރިމަތިލާން ޖެހުނު. ސްޓާފު ރޫމެއް ނެތުމުގެ މައްސަލަ. އޭވީ ރޫމް ނެތުމުގެ މައްސަލަ. ލައިބްލަރީ ނެތުމުގެ މައްސަލަ. މި ހުރިހާ މައްސަލަތަކާ ކުރިމަތިލާ ޖެހުނު،"

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ބަޖެޓްގައި ޕީއެސްއައިޕީގެ ގޮތުގައި ކަނޑައަޅައިފައިވާ ފައިސާގެ ތެރެއިން 70 ޕަސެންޓް ފައިސާ ހަރަދު ކުރުމަށް ނިންމައިފައި ވަނީ ކުލާސް ރޫމްތަކުގެ ޖާގަ އިތުރު ކުރުމަށް ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 165 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2010- 2011 ގައި ތައުލީމީ ސިޔާސަތުތަކަށް ޕީއެސްއައިޕީގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 65 މިލިއަނެއްހާ ރުފިޔާ އެވެ.

ޑރ. އާސިމް ވިދާޅުވީ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ ސިޔާސަތު ހުއްޓާލުމަށް އެ މިނިސްޓްރީން މަސައްކަތް ނުކުރާނެ ކަމަށާއި އެ ސިޔާސަތުތައް ކުރިއެރުވުމަށްޓަކައި ބަޖެޓުން ކަނޑައަޅާފައިވާ ޕީއެސްއައިޕީގެ ފައިސާއިން ހަރަދުކޮށްގެން ތައުލީމީ ނިޒާމު ހަރުދަނާ ކުރާނެ ކަމަށެވެ.

ތައުލީމީ އާ އަހަރު ފެށުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން 70 ޕަސެންޓް ސްކޫލް އެއް ދަނފަޅިއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ތެރޭގައި ވެސް ގިނަ ސްކޫލްތަކެއްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކުރާނެ ކަމަށެވެ.

ސްކޫލްތަކުގެ ތައުލީމީ ނިޒާމް އެއް ދަންފަޅިއަކަށް ބަދަލު ކުރުމުގެ ސިޔާސަތު ފަށާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑރ. މުސްތަފާ ލުތުފީ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި އިރު އެވެ.