އެކާވީސް އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިއަދު ހަވީރު ކެލާ ނާޅި ސްޕޯޓްސް 5-1 ލަނޑުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް އީގަލްސް ދަތުރުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އީގަލްސްއަށް ލީޑް ނަގައި ދިނީ މުހައްމަދު އަމްޖަދެވެ.

އެއް ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ވަނަ ހާފުގެ 52 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައެވެ. އެލަނޑު އީގަލްސްއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ތަސްމީނެވެ.

މިއަދު މެޗުގެ ދެ ވަނަ ހާފުގައި ތަސްމީން އީގަލްސްއަށް އެޓީމް ދެ ވަނަ ލަނޑު ޖެހިތާ މިނެއްޓެއް ނުވަނީ އޭނަ ވަނީ އެޓީމުގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީފަ އެވެ.

އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ހަތަރު ވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އީގަލްސްއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު މުސްލިހެވެ. އަދި މެޗުގައި އީގަލްސްގެ ފަސް ވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ތަސްމީން ކާމިޔާބު ކޮށްދީ، އޭނަ ވަނީ މިއަދުގެ މެޗުގައި ހެޓްރިކްހަދައިފައެވެ.

މިއަދުގެ މެޗުން ބަލިވި ކެލާނާޅިން އީގަލްސްކޮޅަށް ޖެހި ހަމައެކަނި ލަނޑު، މެޗުގެ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ މިގްދާދު ސައީދެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް އީގަލްސް ދަތުރު ކޮށްފައި ވާއިރު، އެޓީމް އޮތީ ގްރޫޕްގެ އެއް ވަނަ މަގާމްގައި ހަ ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތީ ތިން ޕޮއިންޓާއެކު ކެލާ ނާޅި ސްޕޯޓްސް އެވެ.

މުބާރާތުގައި މާދަމާ ހަވީރު 4:00 ޖަހާއިރު ބައްދަލު ކުރާ ދެ ޓީމަކީ ގްރޫޕް ސީގެ މަހިބަދޫ ސްޕޯޓްސް ކުލަބާއި ކުލަބް ގްރީން ސްޓްރީޓެވެ.

ޖުމްލަ 12 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭ އިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިން ވަނަ އަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.