22 Jan 2013, 21:09
ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށް ފަހު ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް ގޭބަންދަށް ބަދަލުކުރީ ކްރިމިނަލް ކޯޓުން ނޫން ކަމަށް އެ ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިރޭ ވިދާޅުވީ މަލީޝާގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް ގޭބަންދަށް ބަދަލުކުރީ ކްރިމިނަލް ކޯޓުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
މަނިކު ވިދާޅުވީ އިސްމާއީލް އަބްދުއްލަތީފްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެންމެ ފަހުން ފުލުހުން އޭނާ ކޯޓަށް ގެންދިޔުމުން އެ ކޯޓުން ޖަހައިދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ.
"އިސްމާއިލް އަބްދުއްލަތީފްގެ ބަންދުގެ މުއްދަތު ޖަހައިދިނުމަށް އެންމެ ފަހުން ފުލުހުން އޭނާ ކްރިމިނަލް ކޯޓަށް ގެނައުމުން މި ކޯޓުން ޖަހައިދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހަށް،" މަނިކު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ރޭ ވިދާޅުވީ އޭނާ ގޭބަންދަށް ބަދަލުކުރިތާ ދެ ދުވަސް ވަރު ވެދާނެ ކަމަށެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި ލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައި ހުއްޓާ ލަންކާ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެއިރު އޭނާ ހޯދުމަށް އިންޓަޕޯލުން ވެސް އޮތީ ރެޑްނޯޓިސް ނެރެފަ އެވެ.
ހައްޖަށް މީހުން ގެންގޮސްދިނުމުގެ މަސައްކަތް ރާއްޖޭގައި އެންމެ ފުރަތަމަ ފެއްޓި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަތަމާ އަބްދުއްލަތީފުގެ ދަރިކަލުން އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން 11.9 މިލިއަން ރުފިޔާ ނެގި ކަމަށެވެ.
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަލީޝާ އިން އޮޅުވާލުމުން ހައްޖަށް ނުދެވި ތިބި ހުރިހާ މީހުން މިއަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.